Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

ފެނަކަ އެމްޑީ އަދި ޗެއާމަނަށް ފުރިހަމަ އިތުބާރު އެބޮތް: ރައީސް

ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. އުތީމު ފެނަކަ އައު އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން އެދިއެދިތިބި ގިނަ މުހިންމު މަސައްކަތްތަކެއް ފެނަކައިން ކުރަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އަދި ސަރުކާރާއި އެމަނިކުފާނުގެ ފުރިހަމަ އިތުބާރާ ޔަގީންކަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަނަށް އެބައޮތްކަމަށެވެ. އަދި އެދެބޭފުޅުންނާމެދު ޝައްކު ނުުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކަންތައްތައް ކުރުމުގައި އޭގައިއޮތް އެންމެ ރަނގަޅު ގޮތް ހޯއްދަވާ، ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް، ސަރުކާރަށްވެސް އޭގަ އެންމެ ލާބަ އޮތްގޮތަށް ކަންތައްތައްކޮށް ނިންމައި ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން އެންމެންގެ އެބޮތް." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރު ވައުދުތައް ފުއްދުމުގައި އަދި އަސާސީ ކަންކަން ފޯރުކޮށްދިނުމުގައި ވަކި ރަށެއް ތަފާތުނުކޮށް، އެއްވެސް ރައްޔިތެއް ބާކީނުކޮށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފެނަކައިގެ އެމްޑީ އަދި ޗެއާމަނަށް ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސް ސޯލިހް ވިދާޅުވެފައި މިވަނީ، ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނިކޮށެވެ.

އިބްރާހިމް ވަހީދުގެ އިސްތިއުފާގެ ސިޓީ ސޯޝަލްމީޑިއާގައި ދައުރުވިއިރު، އެސިޓީގައި އޭނާވަނީ ފެނަކައިގެ ޗެއާމަން އާއި އެމްޑީއަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފައެވެ.