ރަންބީރު ކަޕޫރަށް "ކްރަޝްވެފައި" ވާ ކަމަށާއި ބޭނުން ވަނީ އޭނާ އާ ކައިވެނި ވެސް ކުރަން ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
ކަރަން ޖޯހަރުގެ މަޝްހޫރު ޓީވީ ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތަރު ވަނަ ސީޒަންގެ އެންމެ ފަހު އެޕިސޯޑްގައި ބަތަލާ ޕަރިނީތީ ޗޯޕްޅާ އާ އެކު މެހުމާނެއްގެ ގޮތުން ޝޯގައި ވާހަކަ ދައްކަމުން 21 އަހަރުގެ އާލިއާ ބުނީ އޭނާ އަށް ރަންބީރު ވަރަށް ރީތި ކަމަށެވެ.
ކަރަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު ބޮލީވުޑަށް ނިކުތް، ކުރީގެ ބަތަލާ ޕޫޖާ ބަޓްގެ ކޮއްކޮ އާލިއާ އިތުރަށް ބުނީ ވަރަށް ހުޅުވާލެވިފައިވާ އޮތް ފުރުސަތެއްގެ ތެރެއިން ރަންބީރާ ވާހަކަ ދައްކަން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2011 ގައި ނިކުތް ރަންބީރުގެ ފިލްމް "ރޮކްސްޓާ" ރިލީޒް ކުރި ދުވަސްވަރު ކަމަށެވެ.
"އެ ދުވަހު އަހަރެން ވަރަށް ގިނަ ވާހަކަތައް ރަންބީރާ ދެއްކިން. އެކަމަކު ދައްކާނެ ވާހަކައެއް ނޭނގިގެން އަހަރެން ދެއްކީ ހުސް ތާކުން ކުރެ ތާކު ނުޖެހޭ ކަހަލަ ވާހަކަތައް. އެކަމަކު ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ އާ އަނގަތަޅަން،" ވަރުން ދަވަން އާ ހާއްސަ ގުޅުމެއް އޮންނަ ކަމަށް ކުރިން އަޑު ފެތުރިފައިވާ އާލިއާ ބުންޏެވެ. "ރަންބީރު ވަރަށް ލޯބި. އަހަރެން ބޭނުން ވަނީ އޭނާ އާ ކައިވެނި ކުރަން."
ޝޯގެ "ރެފިޑް ފަޔާ" ރައުންޑްގައި ބޭނުން ވަނީ ކޮން އެކްޓަރަކާ އެކު ރޮމާންސް ކުރަންތޯ ކަރަން އެހުމުން، އެ ސުވާލަށް ވެސް މާ ބޮޑު ވިސްނުމަކާ ނުލައި އާލިއާ ދިން ޖަވާބަކީ އެއީ ރަންބީރު ކަމަށެވެ.
ރަންބީރާ ކައިވެނި ކުރުމުގެ ޝައުގުވެރިކަން އާލިއާ ފާޅު ކުރި ނަމަވެސް، ރަންބީރުގެ ހިތް މިހާރު ވަނީ އެހެން ބަތަލާއަކަށް ހިބަކޮށްފައި ކަމަށްވެ އެވެ. އެއީ ބަތަލާ ކެޓްރީނާ ކެއިފެވެ. އޭގެ ކުރިން ބަތަލާ ދީޕިކާ ޕަދްކޯން އެވެ.
ރަންބީރާއި ކެޓްރީނާ އާ ދެމެދު އޮތީ ލޯބީގެ ގުޅުމެއް ކަމަށް އިއުތިރާފު ވާން ދެ ތަރިން ބޭނުން ނުވިޔަސް، މިދިޔަ އަހަރު ދެ ތަރިން ސްޕޭންގައި ޗުއްޓީ ހޭދަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކްވުމުން، އެއީ "ގައިގޯޅި" ގުޅުމެއްކަން ވަނީ ކަށަވަރުވެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާލިއާގެ ދައްތަ ޕޫޖާ ވަނީ "ދިލް ހޭ ކީ މާންތާ ނެހީ" ގެ ރިމެކިންއެއް އާލިއާ އާއި ރަންބީރު ހިމަނައިގެން ހަދަން ވެސް ނިންމައިފަ އެވެ. އެއީ އާމިރް ހާނާއި ޕޫޖާ ލީޑް ރޯލް ކުޅުނު ވަރަށް ހިޓް ފިލްމެކެވެ.
މިކަން މި ގޮތަށް ވެއްޖެ ނަަމަ މިއީ އާލިއާ އަށް ރަންބީރުގެ "ހިތް ފަތަހަކޮށްލަން" ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.
ރަންބީރާ ހެދި އާލިއާ މޮޔަވެފައިވާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމް "2 ސްޓޭޓްސް" ގެ ކޯސްޓާ އަރުޖުން ކަޕޫރާއި އާލިއާ އުޅެނީ ރައްޓެހިވެގެން ކަމަށް ވެސް އަޑުތައް ފެތުރިފައިވެ އެވެ.