Last Updated: November 25, 22:26
Tuesday, November 26, 2024
ޚަބަރު

އެއާޕޯޓުން އުނި ކުރި ފައިސާ ދޭނެ ބަޔަކު "ނޭނގޭ"

ސ. ގަން އެއާޕޯޓް މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާ ހޯދަން މުވައްޒަފުން ގުޅަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ކަމަށް އެއާޕޯޓް މިހާރު ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.

އެ ކުންފުނިން މިގޮތަށް ޖަވާބު ދީފައި ވަނީ 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާ ހޯދަން، އެއާޕޯޓްގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ ފޭދޫ އެވަގްލޯރީ އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.

އެ ފައިސާ ނުލިބިގެން އަހުމަދު ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، އުނި ކުރި ފައިސާ ނުލިބި ތިބި އެތައް މުވައްޒަަފުންނެއް އެއާޕޯޓްގައި މިހާރު ވެސް ވަޒީފާ އަދާ ކުރަމުން ގެންދެ އެވެ.

ނަމަވެސް އުނި ކުރި ފައިސާގެ މައްސަލާގައި ވާހަކަ ދައްކާ ނަމަ، ވަޒީފާ އިން ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.

"2010 ވަނަ އަހަރު ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްގެ ތެރެއިން 2010 ވަނަ އަހަރު އުނި ކުރެވުނު ފައިސާ، އުނި ކުރެވިފައި ވަނީ ސަރުކާރުން އަންގަވައިގެން ކަމުގައި ދަންނަވަމެވެ. އަދި އަހުމަދު މުހައްމަދު މެއި 9، 2011 ގައި ވަޒީފާ އިން ވަކިވި އިރު ވެސް، ހުންނެވީ ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ކަމަށްވާތީ އުނި ކުރެވުނު ފައިސާ އާ ގުޅޭ ގޮތުން ސިވިލް ސާވިސް ނުވަތަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ." އަހުމަދު ފެބްރުއަރީ މަހު ފޮނުވި ސިޓީގެ ޖަވާބުގައި އޭއައިއޭ އިން މާޗް 3 ވަނަ ދުވަހު ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ފައިސާ ނުލިބިގެން އުޅޭ މައްސަލާގައި މީގެ ކުރިން އަހުމަދު ފޮނުވި ސިޓީތަކާ ގުޅިގެން އޭއައިއޭ އިން ފެބްރުއަރީ 19 ގައި ވެސް އޭނާ އަށް ލިއުމަކުން ޖަވާދު ދީފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާ ހޯދަން ތަފާތު ގިނަ ފަހަރު މަތިން އޭއައިއޭ އިން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

"އަދި މިހާރު ވެސް އެ ފައިސާ ހޯދުމަށްޓަަކައި ވެވެން ހުރި ހުރިހާ މަސައްކަތްތަކެއް މި ކުންފުނިން ދަނީ ކުރަމުން ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ." ކުންފުނީގެ ފައިނޭންސް މެނޭޖަރު ރިމްނާ ހަސަން ސޮއި ކުރައްވައި ފެބްރުއަރީ 19، 2014 ގައި އަހުމަދަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ފެބްރުއަރީ 1، 2012 ގައި ގަން އެއާޕޯޓް ހިންގުން އޭއައިއޭ އަށް ބަދަލުވެފައި ވަނީ އެއާޕޯޓްގެ ހުރިހާ އެސެޓްތަކާއި ލައިބިލިޓީސް އަދި މުވައްޒަފުންނާ އެކު ކަމަށްވާތީ މުވައްޒަފުންނަށް ލިބެން ޖެހޭ ފައިސާ ހޯދަން ކުންފުނިން ފިނޭންސްގައި އެދިފައިވާ ކަމަށެވެ.

"2010 ވަނަ އަހަރު އޭރު ގަން އެއާޕޯޓް ހިންގަމުން ގެންދިޔަ ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) ގެ މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސުންނެވެ. މުސާރަ ދިނުމަށް ހަމަޖެއްސި ގޮތަކީ ޖީއޭސީއެލް އިން މުސާރަ ޝީޓްތައް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުން ފިނޭންސުން އެ ފައިސާ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާ ކުރުމުން މުވައްޒަފުންގެ އެކައުންޓްތަކަށް މުސާރަ ޖަމާކޮށް ދީފައި ވަނީ ކައުންސިލް އިދާރާއިންނެވެ." ރިމްނާގެ ސިޓީގައިވެ އެވެެ. "އޭރު ވެސް މުވައްޒަފުންގެ މުސާރަ ދީފައި ވަނީ ގަން ޖީއޭސީއެލްގެ އެކައުންޓުން ނޫން ކަމަށް މައުލޫމާތަށްޓަކައި ދަންނަވެމެވެ."

ގަން އެއާޕޯޓްގެ މުވައްޒަފުން އޭއައިއޭގެ ދަށަށް ބަދަލުކޮށް މުސާރަ އިން، 13 މަހުގެ ފައިސާ 2010 ގައި އުނިކޮށްފައިވެ އެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން ހަތަރު މަހުގެ ފައިސާ ވަނީ ދީފަ އެވެ. ބާކީ އަށް މަހުގެ ފައިސާ ލިބުން ލަސްވެ، އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ނުދޭތީ މުވައްޒަފުން މިހާރު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އޭއައިއޭ އިން ޖެނުއަރީ 22، 2012 ގައި ނެރެފައިވާ ނޯޓިހެއްގައި ބުނަނީ 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާރު ނުދެވި ހުރި މަސްތަކުގެ ފައިސާގެ މައްސަލަ ވަނީ ކުންފުނީގެ ބޯޑަަށް ހުށަހަޅާފައި ކަމަށެވެ. އަދި އެކަމާ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭއައިއޭ އިން ބުނީ ނުދެވި ހުރީ މެއި 2010 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ މުސާރަ އިން އުނި ކުރި ފައިސާ ކަމަށެވެ.