އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރަމުން އަންނަ އިރު، އެތަނުގެ ސިޑިބަރީގެ ހިޔާ ކުރަން ޖެހޭ ބައި ހިޔާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޓޭޑިއަމް ތަރައްްގީ ކުރުމުގެ މައި ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަން ކަމަށް ވިޔަސް އަމަލީ ގޮތުން މަސައްކަތް ކުރަނީ ސަބް ކޮންޓްރެކްޓަރުންނެވެ. އެއީ ފުވައްމުލަކު ދެ ކުންފުންޏަކުންނެވެ.
ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާ އިރު، ސިޑިބަރި އާއި އެތަނުގެ ދަށުގައި ހަދާ އެކިއެކި ރޫމްތަކާއި ސްޓޭޑިއަމްގައި ފެންސް ޖެހުމާއި ދަނޑުގެ ވިނަގަނޑު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
އެެހެން ނަމަވެސް އަދި ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމް ހަދައި ދޭނެ ބަޔަކު ނުވެ އެވެ. ދެ ފަހަރަށް ބީލަމަށް ލައިގެން ވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅެއް ނުކުރެ އެވެ.
އެހެންވެ ލަންކާ ކުންފުންޏެއްގެ އެހީގައި ލައިޓިން ސިސްޓަމް ހަރު ކުރަން މަޝްވަރާތަކެއް ކުރަން ޔޫތު މިނިސްޓްރީގެ ޓީމެއް ރޭ ވަނީ ލަންކާ އަށް ގޮސްފަ އެވެ.
ޔޫތު މިނިސްޓަރު މަލީހު ވަނީ މުބާރާތް ފެށެންވާ އިރަށް ހިތަދޫ ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމްގެ މައްސަލަ ހައްލު ވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.