Last Updated: September 9, 22:10
Monday, September 9, 2024
މުނިފޫހިފިލުވުން

ސާޖިދު "ބިގް ބޮސް 16" އަށް

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން ބޮލީވުޑުން އެކަހަރެކޮށްފައި ހުރި ޑައިރެކްޓަރު ސާޖިދު ޚާން ކަލާޒް ޗެނެލްގެ "ބިގް ބޮސް" ސީޒަން 16 އާ ގުޅިއްޖެ އެވެ.

ސަލްމާން ޚާން ހޯސްޓްކުރާ ޝޯ ރޭ ޕްރީމިއާކުރި އިރު މި ފަހަރުގެ ސީޒަންގައި ވާދަކުރާ ބައިވެރިންގެ ތެރެއިން އެކަކީ ސާޖިދެވެ. އޭނާ "ބިގް ބޮސް 16" ގައި ވާދަކުރާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް މިހާރު ވަނީ އަމާޒުވާން ފަށައިފަ އެވެ. އެގޮތުން ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކު އެ ޝޯ އަށް ގެނެސް، އޭނަގެ މޫނުމަތި ރަނގަޅުކޮށްދޭން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާންގެ ކޮއްކޮ ސާޖިދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް އެންމެ ފުރަތަމަ ކުރެވުނީ 2018 ގައި ފިލްމު "ހައުސްފުލް 4" ގެ ޑައިރެކްޓްކުރަމުން ދަނިކޮށެވެ. އެގޮތުން ފިލްމުތަކުން ފުރުސަތު ދޭނެ ކަމަށް ބުނެ ބަތަލާއިންނާއި ބައެއް ޒުވާން އަންހެނުންނަށް ސާޖިދު ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތުތައް ފެންމަތިވުމުން އޭނާ "ހައުސްފުލް 4" ގެ ޑައިރެކްޓަރުގެ ގޮނޑިން ވެސް ބޭލި އެވެ. އަދި އެ ފިލްމު 2019 ގައި ރިލީޒްކުރި ފަރުހާދު ސަމްޖީ ޑައިރެޓްކޮށެވެ.

ރޭ "ބިގް ބޮސް 16" ގެ ޕްރީމިއާގައި ސާޖިދު ބުނީ އޭނަ އަށް ކަތި ފިޔަވަޅުތަކެއް އެޅުނީ އަމިއްލަ ކާމިޔާބީ ބޮލަށް ސަވާރުވެގެން ކަމަށެވެ. އަދި އެކަމާ މިހާރު ހިތާމަކުރާ ކަމަށާއި އަމިއްލަ މަސައްކަތުން ހޯދި ކްރެޑިޓް ވެސް ގެއްލިފައިވާ ކަމަށެވެ. އެކަމަކު އެކަންވީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށާއި ކްރެޑިޓް ފޭރިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސާޖިދު "ބިގް ބޮސް 16" އާ ގުޅުނު އިރު މިދިޔަ އޭނަ ވަނީ އާ ފިލްމެއް "100 ޕަސެންޓް" ގެ ނަމުގައި އިއުލާންކޮށްފަ އެވެ. ޓީ ސީރީޒަށް ހަދަން ނިންމާފައިވާ ފިލްމުގެ ކާސްޓުންނަކީ ޖޯން އަބްރަހަމާއި ރިތޭޝް ދޭޝްމުކާއި ނޯރާ ފަތުހީގެ އިތުރުން "ބިގް ބޮސް 13" ގައި ވާދަކުރި ޝެހެނާޒް ގިލް (ސަނާ) އެވެ.

ބެލުންތެރިންގެ ވަރަށް މަގުބޫލު ރިއަލިޓީ ޝޯއެއްގެ ގޮތުގައި ފާހަގަކޮށްވޭ "ބިގް ބޮސް 16" ގައި ވާދަކުރާ ބައިވެރިންނަކީ ނިމްރަތު ކޯރް އަހުލުވާލިއާ، އެމްސީ ސްޓޭން، ޓީނާ ދައްތާ، އަންކިތު ގުޕްތާ، ސުމްބުލް ތައުގީރް، އަބްދޫ ރޮޒިކް، މާޔާ ސިންގް، އަރްޗަނާ ގޯތަމް، ސައުންދަރިއާ ޝަރުމާ، ޝާލިން ބެނޮޓް، ސްރީޖިތާ ދޭ، ޝިވް ތަކާރޭ، ޕްރިޔަންކާ ޗާހަރް ޗައުދަރީ، ގޯތަމް ވިގް އަދި ގޯރީ ނަގޯރީ އެވެ.