އިހުގެ ވަރަށް މަޝްހޫރު ހިންދީ ފިލްމުތަކެއް ކެމެރާކޮށްފައިވާ މަޝްހޫރު ސިނޮމޮޓޯގްރާފަރު ވީކޭ މުރުތީ މިއަދު މަރުވެއްޖެ އެވެ.
މަރުހޫމް ގުރޫ ދަތުގެ "ޕިޔާސާ"، "ސާހިބް ބީވީ އޯރް ޢުލާމް" އަދި "ކާގަޒް ކޭ ޕޫލް" ފަދަ ފިލްމުތައް ކެމެރާކޮށްފައިވާ މުރުތީ މަރުވީ މުސްކުޅި ބަލީގައި ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު، އުމުރުން 91 އަަހަރުގައި އޭނާގެ ގޭގަ އެވެ.
މުރުތީގެ މަރާ ބެހޭ ގޮތުން އާއިލާ އިން ވާހަކަ ދެއްކި ދެބޭންގެ ދެދަރި އަންހެން ކޮއްކޮއެއް ކަމަށްވާ ނާލިނީ ވަސޫދޭވް ބުނީ ބޮޑު ބޭބެ މަރުވީ ސިއްހީ މާ ބޮޑު މައްސަލަތަކެއް ދިމާވެގެން ނޫން ކަމަށެވެ. އަދި އޭނާ އުޅުނީ ހަމައެކަނި މުސްކުޅި ބަލީގައި ކަމަށް ނާލިނީ ބުންޏެވެ.
މުރުތީގެ ހުންނަނީ އެންމެ އަންހެން ކުއްޖެކެވެ. އެއީ ޗާޔާ މުރުތީ އެވެ.
މުރުތީއަކީ އަބަދަށް ފެހި ކަމާލް އަމްރޯހީގެ "ޕަކީޒާ" އާއި "ރާޒިއާ ސުލްތާން" ފަދަ އަސަރު ގަދަ ފިލްމުތަކުގެ ކެމެރާމަން ވެސް މެ އެވެ.
އޭނާގެ އެންމެ ފާގަހަކޮށްލެވޭ މަސައްކަތުގެ ތެރޭގައި މަޝްހޫރު ލަވަ "ޗޯންދުވީ ކެ ޗާންދް ހޯ" ލަވައިގެ މަންޒަރުތަކަކީ ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ވަރަށް ފާހަގަކޮށްލެވޭ ލަވައެވެ.
މުރުތީއަކީ ފިލްމް ފެއާ އެވޯޑާއި އައިފާ އަދި އެ ނޫން ވެސް އިންޑިއާގައިި ދެވޭ ގިނަ އެވޯޑްތަކުގެ އިތުރުން އިންޑިއާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ދާދާ ޕާލްކޭ ސާހެބް އެވޯޑް ވެސް 2008 ގައި ހާސިލްކޮށްފައިވާ ފަންނާނެކެވެ.
ހިންދީ ފިލްމުގެ އިތުރުން ކަންނާޑާ ފިލްމްތައް ވެސް ކެމެރާކޮށްފައިވާ މުރުތީއަކީ ބެންގަލޯރުގެ އެސްޖީ ޕޮލިޓެކްނިކުން ކެމެރާ ކުރުމުގެ ދާއިރާ އިން 1946 ގައި ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ ފަންނާނެކެވެ. އަދި އޭނާގެ ފިލްމީ ކެރިއަރު ފެށުނީ މުމްބާއީ އަށް ދިރިއުޅުން ބަދަލުކޮށް ގްރޫ ދަތާ ދިމާވި ހިސާބުންނެވެ.
އޭގެ ކުރިން އޭނާ ވަނީ އިންޑިއާގެ މިނިވަން ކަމަށް ކުރި މަސައްކަތުގެ ތެރޭގައި ތާށިވެ، 1943 ގައި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެެވެ.