Last Updated: December 4, 13:54
Wednesday, December 4, 2024
ޚަބަރު

ފުލުހަކަށް އިންޒާރު ދިން މީހަކު ހޯދަނީ

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މުޙައްމަދު އަޛުހާނު އިސްމާޢީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވީ، ޖަމާއަތް ހަދައި، ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވާކަމަށެވެ. އެމީހާ ޕޮލިސް ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ސީޕީ ހަމީދު ވިދާޅުވީ ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.