Last Updated: December 24, 00:27
Monday, December 23, 2024
ޚަބަރު

ގުދުރަތީ ދިރުންތައް ނައްތާނުލާ އަނެއް ގޮތް ހޯދާ: ނަޝީދު

ގުދުރަތީ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާންކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގަސްގަހާގެހި، މަސްމަހާމެހި، ދޫނި ސޫފާސޫފި ފަދަ މި ކައުނުގައިވާ ދިރުންތައް ނައްތާލުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރެ އަނެއް ގޮތް ހޯދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އެ މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރަމުންދިއުން ވަގުތުން ހުއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

މި މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރައިގެން ނޫންގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ބަލައި ކަށަވަރުކުރުމަށް ވެސް އެދިފަ އެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ގަސްތައް ނެގުން ނޫން ގޮތެއް ނެތިގެން މެނުވީ އެ މަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނަގާތީ އެކަމުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފަ އެވެ.