(އެޕްރީލް 7، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އެގޮތުން އެޕްރީލް 1994 ގެ ތެރޭގައި ފެށި މި މަޝްރޫއު ނިމުނީ ފެބްރުއަރީ 2، 1998 ގަ އެވެ. ގަމާއި ފޭދު އާ ދޭތެރޭގެ ފަޅު ކޮނެގެން ނެގި ގަލާއި ވެލިން މިހާ ދިގު މުއްދަތަކަށް މި މަޝްރޫއު ހިންގެވީ އެންވަޔަރަމަންޓް އެސެސްމަންޓް (އީއައޭ) ރިޕޯޓް ހައްދަވާފައެއް ނޫނެވެ.
އެ ހިސާބުގެ ފަރަށާއި ފަޅަށް ވާނެ އެއްޗެއް ވާން ދޫކޮށްލައްވައި ފޭދޫ ވެލިން މުއްސަނދިކޮށް ދެއްވީ އެވެ. މި މަޝްރޫއަށް ގާތްގަޑަކަށް 15 މިލިއަން ރުފިޔާ ހަރަދު ކުރެވުނެވެ.
ޑިމޮކްރަސީ އަށް މަގު ފަހިވުން
ދުނިޔޭގެ ގައުމުތަކުން 2000 ގެ އަހަރުތަކަށް ވަނުމަށް ސާސްކަފުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައިފި އެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ތަފާތު ސިޔާސީ އެތައް ގޮންޖެހުންތަކެއް ތަޖުރިބާކޮށްފައި ވަނިކޮށެވެ.
ތަންކޮޅެއް ލަހުން ކަމަށް ވިޔަސް ރައީސް މައުމޫން ވެސް ދުނިޔެ މި ފާހަގަ ކުރާ 2000 ގެ އަހަރުތަކަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެ ވަޑައިގެންނެވި އެވެ.
ދުވަސްވަރަކީ ރާއްޖެ އަށް ސޯޝަލް މީޑިއާ ތައާރަފްވެގެން އައި ދުވަސްވަރެވެ. ވުމާ އެކު ސަރުކާރަށް ފާޑު ކިޔާ އިދިކޮޅު ފަރާތްތަކުން ވަނީ އިންޓަނެޓްގައި ފިލާ ތިބެގެން ރައީސް މައުމޫނުގެ ޒައާމަތަށް ބަހުގެ ހަމަލާ ދޭން ފަށައިފަ އެވެ. ސިޔާސީ ފާޑު ކިޔުންތަކާއި ގޯނާތަކުން ރެކިވަޑައިގަތުމަށް މިއީ ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތުތަކެކެވެ.
ވުމާ އެކު ސާސްކަފުގެ ލަނޑުދަނޑިތައް ކަނޑައަޅުއްވައި އެއިން ރައްޔިތުންނަށް ލިބޭނެ ފައިދާ އާއި މަންފާގެ މައްޗަށް ބަލާޢާތްތެރި ބަސްފުޅުތަކަކުން ގައުމާ މުހާތަބް ކުރައްވަމުން ގެންދެވި އެވެ. އެގޮތުން 2000 ވަނަ އަހަރު ނިމިގެން ދިޔައީ އުންމީދުން ފުރިގެންވާ ވާހަކަފުޅުތަކެއް އިއްވަވާފަ އެވެ.
ދެހާސް އެއް ވަނަ އަހަރު ފެށިގެން ދިޔައީ އަނެއްކާ ވެސް އައްޑޫ އަންހެނުންގެ ވޮލީގެ އައު ރޫހެއް އުފައްދަވާފަ އެވެ. އަންހެނުންގެ ގައުމީ ވޮލީ ތަށި، މިލްކް ކުރުމަށްޓަކައި ފޭދޫ މާދެލަ ޓީމުން ކުރަމުންދާ މަސައްކަތުގެ މައްޗަށެވެ. ނަމަވެސް މި ފަހަރުގެ މުބާރާތް ނިމިގެން ދިޔައީ ފައިނަލުގައި މާދެލަ ޓީމާ ވާދަކޮށް ހައިރާންވާ ފަދަ ކާމިޔާބިއަކާ އެކު ފޭދޫ ރެހެންދި ޓީމް މުބާރާތްް ކާމިޔާބް ކުރުމުންނެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.