Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އައްޑޫ އެއާޕޯޓް މަޝްރޫޢުގެ ބީލަން މަރުހަލާ ފަށައިފި

އައްޑޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބީލަން މަރުޙަލާ މިއަދު ފަށައިފި އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރެވިގެންދާނެ ކަމަށެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް ޤާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރެވި ޕާރކިންގ ސަރަޙައްދެއްވެސް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ދެކުނުގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.