މަސްތުވާތަކެތީގެ މައްސަލަތައް އައްޑޫގައި އަދިވެސް ބޮޑު ކަމަށާއި އެކަން ހައްލު ކުރަން ހާއްސަ ސަމާލު ކަމެއް ދީގެން ފުލުހުން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ވިދާޅުވީ އާދީއްތަ ދުވަހު އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ސީޕީ ވިދާޅުވީ އައްޑުއަކީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވުމާ އެކު އައްޑޫ ސިޓީއަކީ ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދަ ސިޓީއެއް ކަމަށެވެ.
އަދި އައްޑޫގައި ކުށް މަދުކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ސަބަބުން އައްޑޫގައި ކުށް މަދުވެފައިވާކަން ސީޕީ ފާހަގަ ކުރެއްވި އެވެ.
އެހެންނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް އަދިވެސް އައްޑޫގައި ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަމަށް ޚާއްސަ ސަމާލު ކަމެއް ދީގެން ފުލުހުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ޓްރެފިކް މައްސަލަތައް ވެސް އައްޑޫގައި ގިނަ ކަމަށާއި ދުރު ނޫން މުސްތަޤުބަލެއްގައި ޓްރެފިކް ޕޮލިސްގެ ޓީމެއް އައްޑޫގައި ޤާއިމު ކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުން ކުރިއެކޭ އެއްގޮތަށް ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގައި ޓްރެފިކް މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
އެހެންވެ ޓްރެފިކް ޕޮލިހުންގެ ޓީމެއް ޤާއިމްކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އައްޑޫގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި އެކަންތައް ހައްލުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. '
މީގެ އިތުރުން ވެސް އައްޑޫގައި ދިރިއުޅޭ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގަވާ ދެއްވުމަށާއި ޚާއްސަ ގޮތެއްގައި ޓްރެފިކް މައްސަލަތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކޮށް ދެއްވުމަށް މޭޔަރު އެދިވަޑައިގެންނެވި އެވެ.