(އެޕްރީލް 8، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ދެހާހުގެ އަހަރުތަކަށް މަރުހަބާ ކިޔަން ސަރުކާރުން ކަނޑައެޅުއްވި ލަނޑުދަނޑިތަކާއި އުންމީދުތަކުގެ އެއްވެސް އަސަރެއް އައްޑުއަކަށް ނުކުރެ އެވެ. ގިނަަ ބަޔަކު ތިބީ ވޮލީގެ ފޯރީގަ އެވެ.
ވޮލީގެ ތަށި މިލްކް ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ފަހުން 2001 ވަނަ އަހަރުން ފެށިގެން ފެނިގެން ދިޔައީ އައްޑު އަށް ނާކާމިޔާބީގެ އަހަރުތަކެއްގެ ގޮތުގަ އެވެ.
ގަމުގައި ހިންގަމުން އައި ޖްވެލް ޓެކްސް ގާމެންޓް ފެކްޓްރީ ބަންދު ކުރުމުގެ ސަބަބުންނެވެ. އެ ފެކްޓްރީތަކުގެ ވަޒީފާތަކުން އާމްދަނީ ލިބިގެން ދިރިއުޅެމުން ދިޔަ އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމުގެ ސަބަބުންނެވެ.
އެއީ އައްޑޫ މީހުންނަށް އައު ކަމަކަށް ނުވިޔަސް އޭގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި ނުތަނަވަސްކަން އުފެދިގެން ދިޔަ އެވެ. ކަންބޮޑުވާން ޖެހުނު މައްސަލައަކަށް ވެސް ވި އެވެ.
ވަޒީފާގެ މާ ބޮޑު ފުރުސަތުތަކެއް ނެތް ތަނެއްގައި ގިނަ ބަޔަކަށް މިފަދަ ދެރަ ގޮތެއް މެދުވެރިވެގެން ދިއުމުންނެވެ. އަދި މިފަދަ ދެރަ ގޮތެއް ދިމާވުމުން ވެސް އެކަމާ އަޅާ ނުލެއްވުމަކީ ހިތްހަމަނުޖެހުން އިތުރުވެގެން ދިޔަ ކަމެކެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހެޅުން
ނޮވެމްބަރު 3 ގެ އުދުވާންގެ ސަބަބުން ކުރިމަތިވެ ވަޑައިގަތް ސިޔާސީ ބަލިކަށި ކަމެވެ. މިނިވަން 25 އާ ދިމާކޮށް ހިނދުކޮޅަކަށް ނަމަވެސް މިނވަން ނޫސްވެރިކަމުގެ ސަބަބުން ފަޅާ އަރާ ދިޔަ ފަސާދަ އާއި ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުން އަންތަރީސްވެފައި ވަނިކޮށެވެ.
އިލްޔާސް ވެރިކަން ހޯއްދަވަން އުޅުއްވުމުން ފަޟީހަތްކޮށް ލެއްވި ހުތުރު ގޮތެވެ. ދީނީ އިލްމުވެރިން އެކަހެރިވެ، ގަނޑުވަރު ތެރެއިން "ދީނުގެ މަގު" ދައްކަވަމުން ދިޔަ ގޮތެވެ. ނަމަވެސް މި ހުރިހާ މައްސަލަތަކެއްގެ ހިތްހަމަނުޖެހުމާ އެކު ވެސް ރައްޔިތުން ތިބެން ޖެހުނީ ތުން ފިއްތައިގެންނެވެ. ހިމޭނުންނެވެ.
ވުމާ އެކު 2001 ވަނަ އަހަރު ވެގެން ދިޔައީ ރައީސް މައުމޫނުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެތައް ބައެއްގެ އުންމީދުތައް އައު ކުރުވި އަހަރަކަށެވެ.
އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިސްލާހަށް އެދި ގޮވާލުމަށް ބޭނުންވެފައި ތިބި އެތައް ހާސް ބައެެއްގެ ފަރާތުން 42 މީހެއްގެ ސޮޔާ އެކު ސިޔާސީ ޕާޓީީއެއް ރަޖިސްޓްރީ ކުރަން ހުށަހެޅުނެވެ.
އައްޑޫ ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރުގެ ބަންޑާރަ ނައިބްކަމުގެ ދުވަސްވަރެވެ. އެ ބޭފުޅާފެ ލަފާފުޅާ އެކު އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ނިންމެވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށް ދިނުމަށް ގާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ. މިގޮތަށް ނިންމުމާ ގުޅިގެން އޮހެމުން ދިޔަ ނުރުހުމުގެ ބަސްތަކަށް ރައްދު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވެފައިވެ އެވެ.
"ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ދިނުމަކީ ދިވެހި ރާއްޖާގެ ޖުމްހުރީއްޔާގެ ގާނޫނު އަސާސީން ވެސް އަދި ރާއްޖޭގެ އެއްވެސް ގާނޫނަކުން ވެސް މަނާ ކުރެވިފައިވާ ނުވަތަ ހުރަސް އަަޅާ ކަމެއް ކަމަށް ބުނެފައެއް ނުވާނެ. އަޅުގަނޑު ބުނެފައި ވާނީ ގާނޫނު އަސާސީގައި ވެރިކަން ހިންގުމުގެ ނިޒާމް އެކަށައެޅިފައި އޮތް ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރި ނަމަވެސް ޕާޓީ ނިޒާމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގި ދާނެ ކަމަށް ނުފެނެއޭ. މާނައަކީ ޕާޓީ ނިޒާމެއް އޭގެ މަގުސަދު ހާސިލްވާ ގޮތަށް ހިންގޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެންނޭ. އަދި އެހެން ނޫނަސް އަޅުގަނޑު އެ މައްސަލައިގައި ދިން އަދި މިހާރު އާންމުކޮށް ޝާއިއުކޮށްފައިވާ ގާނޫނީ ލަފާ ދިން ފަހުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން އެ މަޖިލީހުގެ ލަފާ ހޯއްދަވާފައި އޮތީ،" އޭނާ ވިދާޅުވި އެވެ. (ނުނިމޭ)