މިއަދު ފުލުހުންގެ މަސައްކަތަކީ އަގު ބޮޑު މަސައްކަތެއް ކަމަށާއި އަދި އެއީ ޑިމާންޑް ބޮޑު މަސައްކަތަކަށް ވެސް ވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ފުލުހުންގެ 81 ވަނަ އަހަރީ ޖަލްސާގައި ސީީޕީ ވިދާޅުވީ ކޮންމެ ޢާއިލާއެއް ވެސް، ކޮންމެ މުޖުތަމައެއްގެ ވެސް، ކޮންމެ ރަށެއްގެ ވެސް އަދި ކޮންމެ އަތޮޅަކާއި ކައުންސިލެއްގެ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް އެދުމަކީ އެބަޔަކާ އެންމެ ގާތުގައި ފުލުހުން ތިބުން ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ހިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ވަހީދު ވިދާޅުވި އެވެ.
"އަތޮޅުތަކުގައި މި ޚިދުމަތް ދެމުންދާ އިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަންތަނާއި ވަޞީލަތް ނެތުން. ބައެއް ރަށްރަށުގައި މި ޚިދުމަތް ދެމުން މި ދަނީ ވަރަށް ބޮޑު އުޖޫރައަކަށް ތަންތަން ކުއްޔަށް ހިފައިގެން. ގިނަ ރަށްރަށުގައި ކަރަންޓު ޚަރަދު އެހާމެ ބޮޑު. ދަންނަވަން މިއުޅޭ ވާހަކައަކީ ރައްޔިތުންނަށް މިޚިދުމަތް ދިނުމުގައި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ފުލުހުންނަށް މިހާރަށް ވުރެ ބޮޑު އެއްބާރު ލެއްވުމަކާއި އެހީތެރިކަމެއް ބޭނުންވާ ވާހަކަ،" އޭނާ ވިދާޅުވި އެވެ. "މިހެން ދަންނަވާ އިރު ވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުން އަދި މަދަނީ ޖަމްޢިއްޔާތަކުން ފުލުހުންގެ ޚިދުމަތް އެ ރަށްރަށުގައި ދިނުމަށް ހިލޭ ސާބަހަށް ޢިމާރާތް ދެއްވާފައި ހުރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން. މިއާ އެކު ބައެއް ރަށްރަށުގައި ފުލުހުންގެ ޢިމާރާތަށް ކަރަންޓު ދިނުމުގައި ވެސް ލުއި ގޮތްތައް ހަމަޖައްސައި ދީފައި ހުންނަކަން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަން."
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތް މިއަދު މުޅި ރާއްޖެ އަށް ފެތުރިފައިވާ އިރު ކޮންމެ ރަށެއްގައި ވެސް އެރަށަކަށް ނިސްބަތްވާ ފުލުހުން، ޚިދުމަތުގައި ދެމި ތިބުމަކީ ފުލުހުންގެ ޢާއިލާތަކަށް ވެސް ލިބިގެން ދާނެ ހިތްހަމަޖެހުމެއް ކަމަށެވެ.
އަދި ބުރަ މަސައްކަތުގައި ފުލުހުން ވަގުތުތައް ހޭދަ ކުރާ އިރު ޢާއިލާތަކާ އެކު ވަގުތު ހޭދަކުރަން ފުރުޞަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ފުލުހުން ވެސް މިއަދު ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ފުލުހުން މަސައްކަތުގައި ދެމި ތިބޭ އިރު ސްޓޭޝަންތަކުން އަތޮޅުތަކަށް އަދި އަތޮޅުތަކުން ޑިޕާޓްމަންޓުތަކަށް އަދިވެސް އެހެން ޔުނިޓްތަކަށް މަސައްކަތް ބަދަލު ވާނެ ކަމަށެވެ.
މިފަދަ ވަގުތުތަކުގައި އިސް ކުރަންވާނީ ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި، ލަފާދާރުވުމުގެ އަޚުލާޤުގެ ރީތި ސިފަ ކަމަށާއި ޒުވާން ވިސްނުމާއެކު ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ލޯބި އިތުރުވާނެހެން ކޮންމެ ފުލުހަކަށް ވެސް މިއިން ކޮންމެ ތަނެއްގައިވެސް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ސީޕީ ވަހީދު ވިދާޅުވި އެވެ.