Last Updated: November 25, 09:28
Monday, November 25, 2024
ޚަބަރު

މެންޓަލް ހެލްތު ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލަށް

ނަފުސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެ ރަސްމިއްޔާތުގައި ނައިބު ފައިސަލް ނަސީމާއި ޖެންޑަ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީ ދީއާއި ދައުލަތުގެ އިސްވެރިންނާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވި "މެންޓަލް ހެލްތު "ސެންޓަ" އަކީ އިންޑިއާގެ ކަޑަބަމް ގްރޫޕާ ގުޅިގެން ހުޅުވި ތަނެކެވެ. މި ސެންޓަރުން އޮންލައިންކޮށް އިންޑިއާގައި ތިއްބަވާ ކަޑަބަމްސްގެ ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި މެންޓަލް ހެލްތު ސެންޓަރު ގުޅިގެން ދެވޭ ފަރުވާގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ އިސްކަމެއް ދީގެން ޑޮކްޓަރަށް ދައްކާ ފަރުވާ ކުރެވޭނެ އިންތިޒާމުތަކެއް ވެސް ވަނީ ހަމަޖައްސައިފައެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ އެހީތެރިކަން ނަފުސާނީ ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް ލިބޭނެ މަގުފަހިކޮށްފައިވެ އެވެ.

އެ ސެންޓަރުން ދޭނެ ފަރުވާތަކުގެ ތެރޭގައި ސްޓްރެސް މެނޭޖްކުރަނެ ގޮތް ދަސްކޮށް ދިނުމާއި އޮންލައިން ތެރަޕީ ފަދަ ޚިދުމަތްތައް ހިމެނެ އެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޙަރަކާތްތައް ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުން ހިންގާނެ އެވެ.

މިސެންޓަރު ހުޅުއްވައި ދެއްވައި ފަޒްނާ އަޙްމަދު ވިދާޅުވީ ނަފުސާނީ ބަލިތަކަށް، ވަށައިޖެހޭ ފަރުވާއެއް ފޯރުކޮށް ދެވޭނީ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ވެސް ނަފުސާނީ ބަލީގެ މީހުންނަށް އޯގާތެރިވެ އަޅާލާ މީހަކަށްވެގެން ކަމަށެވެ.

"ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުވެގެންދާ އިރު އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ،" ފަޒުނާ ވިދާޅުވި އެވެ. "ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓްތަކާއި މުވައްޒަފުންވެސް ނަފުސާނީ ސިއްޙަތުގެ މުހިއްމުކަން ދެނެގަނެ، އެކަމަށްޓަކައި މަސައްކަތްކުރެއްވުން. އަދި އެއީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއްކަމަށް ދެކެވަޑައިނުގަތުން."