އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ދިމާވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް މަގު ހަދަމުން އަންނަ އިންޑިއާގެ ކުންފުނި، އެފްކޯންސް އިން މިހާރު ވަރަށް އަވަހަށް ހައްލު ހޯދައި ދެމުން އަންނަ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކައުންސިލުން މިއަދު ބޭއްވި 68 ބަނަ ޖަލްސާގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މަގުތަކުގެ ހާލަތާ މެދު ކަންބޮޑުބުން ފާޅުކުރައްވައި ވިދާޅުވީ މި ދުވަސްކޮޅަކީ އައްޑު އަށް ވިއްސާރަ ދުވަސްކޮޅަކަށްވުމުން މަގު ހެދުމަށް ކޮނެފައިވާ ކާނުތަކާއި އެއްވަރަށް މަގުމަތީގައި ފެންގަނޑު ހެދިފައި އޮތުމުން ކޮންމެ ދުވަހަކުވެ ސް ކޮނެފައިވާ ތަންތަނަށް މީހުންނާއި އުޅަނދު ވެއްޓި ގެއްލުން ލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް ކައުންސިލަރުންނާއި މޭޔަރު މަސައްކަތް ކުރައްވާ އިރު މިކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސައީދުގެ ވާހަކަތަކާ ގުޅިގެން ނިޒާރު ވިދާޅުވީ އެ ފަދަ މައްސަލަތައް ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި މިހާރު މަގުތަކުގެ މަސައްކަތް ކުރިއަށްދާ އިރު ކަންބޮޑުވާ ގޮތަށް ހުންނަ ކަންކަން ފާހަގަކުރުމާ އެކީ އެފްކޮންސް އިން އެ މައްސަލަތައް ވަރަށް އަވަހަށް ހައްލުކޮށްދޭ ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ ރައްކާތެރިކަން މަގު ހަދަމުން އަންނަ އިރު ކަށަވަރުކޮށް ދިނުމަށް އެ ފަރާތްތަކުގައި ވާނީ ދެންނެވިފައި،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމަ ކުރިއަށް ވުރެ ބޮޑު ތަނުން އެ މީހުންގެ މަސައްކަތްތައް ރަނގަޅުކޮށްފި. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެބަ އަޅާ."
އޭނާ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އަވަށްތަކުގައި ކަންބޮޑުވާ އެއްވެސް މައްސަލައެއް ހުރި ނަމަ ދުރާލައި އެކަންކަން ފާހަގަކޮށް، އަންގައި ރަނގަޅުކޮށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މި ކޮންޓްރެކްޓް ވަރަށް ރަނގަޅު ކަމެއް ވެސް އެބަހުރި. އެއީ މިހާރު ހަމަ [ކަމެއް ރިޕޯޓްކުރަން] ގުޅާލާ އިރަށް ފަސް މިނިޓް ދިހަ މިނިޓްތެރޭގައި އެކަމަކަށް އެޓެންޑްވާނެ." ނިޒާރު ވިދާޅުވި އެވެ.