އިންޑިއާގައި އުފައްދާފައިވާ ކޯފް ސިރަޕް ނުވަތަ ކެއްސާ ބޭހެއް ދިން ގެމްބިއާގެ ކުޑަކުއްޖަކު މަރުވުމާ ގުޅިގެން އެކަން އިތުރަށް ބަލައި ފަށަން އިންޑިއާގައި ކޯފް ސިރަޕް ހުއްޓުމަކަށް ގެނެސްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ މެއިޑެން ފާމަސޫޓިކަލް ލިމިޓެޑްގައި ކޯފް ސިރަޕް އުފައްދާފައި ވަނީ ވަނީ އުސޫލުތަކާ ހިލާފަށް އަދި މިންގަނޑުތަކަށް ނުފެތޭ ގޮތަށެވެ. އެގޮތުން ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ކޯފް ސިރަޕް އުފެއްދުމާއި އޭގެ ޓެސްޓިން މަރުހަލާގައި ވެސް މެއިޑެން އިން އުސޫލުތަކާ ހިލާފުވެފައިވެ އެވެ.
އެހެންވެ ވެރިރަށް، ނިއު ދިއްލީ އަށް ނިސްބަތްވާ ކުންފުނީގައި ކޯފް ސިރަޕް އުފެއްދުން މިހާރު ވަނީ ހުއްޓުވައިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި މެއިޑެން ފާމަަސޫޓިކަލްގެ ހަތަރު ކޯފް ސިރަޕެއްގެ ސަބަބުން މިހާތަނަށް 70 ވަރަކަށް ކުއްޖެއްގެ ފުރާނަ ގެއްލިގެން ގޮސްފަ އެވެ. އެގޮތުން ގެމްބިއާ އިން މަރުވި ކުއްޖާގެ މައްސަލަ އެ ގައުމާއި އިންޑިއާ ގުޅިގެން މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
މައްސަލަ ޖެހުނު މެއިޑެން ފާމަސޫޓިކަލްގެ ކޯފް ސިރަޕްތަކުގެ ތެރޭގައި ހިމެނެނީ ޕްރޮމޮތޭޒައިން އޯރަލް ސޮލިއުޝަނާއި ކޮފެކްސްމެލިން ބޭބީ ކޯފް ސިރަޕާއި މެކްއޮފް ބޭބީ ކޮފް ސިރަޕްގެ އިތުރުން މެގްރިޕް އެން ކޯލްޑް ސިޕަރެވެ.
އިންޑިއާގެ މި އުފެއްދުންތަކާ ގުޅިގެން ފެންމަތިވި މައްސަލަތަކާ ގުޅިގެން ރާއްޖޭން ވެސް އެކަމަށް ސަމާލުވާން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިލްތިމާސްކޮށްފައިވެ އެވެ.