ފެނަކަ ކޯޕަރޭޝަނުން ފަށާފައިވާ "ހޯމް ސޯލާ ޕްރޮގްރާމް" އާ ބެހޭ ގޮތުން މައުލޫމާތި ދިނުމުގެ ސެޝަންތަކެއް އައްޑޫގައި ބާއްވަން ނިންމައި އެވެ.
އެގޮތުން ބާއްވާ ފުރަތަމަ ސެޝަން އޮންނާ މިރޭ ހުޅުދު އާއި މީދޫ ރައްޔިތުންނަށް ހާއްސަކޮށް އަތޮޅު މަދަރުސާގެ ހޯލުގައި މިރޭ 8:30 ގަ އެވެ. ދެވަނަ ސެޝަން މާދަމާ ހިތަދު އަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ހޯލުގައި ރޭގަނޑު 8:30 ގަ އެވެ.
މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންނަށް ސެޝަން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އިރުޝާދިއްޔާ ސްކޫލްގަ އެވެ. އަދި ފޭދޫގެ ސެޝަން އޮންނާނީ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭދޫ ސްކޫލް ހޯލްގަ އެވެ.
ފެނަކަގެ "ހޯމް ސޯލާ ޕްރޮގްރާމް" އަކީ އެ ކުންފުންޏާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މީގެ މަގުސަދަކީ އާންމުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާ އެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ.
އެގޮތުން "ހޯމް ސޯލާ ޕްރޮގްރާމް" އަކީ ފާގަތި އަދި އުޖާލާ ދިރިއުއުޅުމަކަށް ކުރެވޭ ކުޑަ ހޭދައެއް ކަމަށާއި މިއީ ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާ ހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އައި ކަރަންޓު ބިލުތަކަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމެއް ކަމަށް ފެނަކައިން ބުނެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މަހުން މަހަށް ކަރަންޓު ބިލް 97 ޕަސެންޓާ ހަމައަށް ކުޑަވާން މަގުފަހިވާނެ ކަމަށް ވެސް ބުނެ އެވެ.
"ހޯމް ސޯލާ ޕްރޮގްރާމް" ހިންގަން މިނިސްޓްރީން ފެނަކައާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 6 ގަ އެވެ.