Last Updated: September 20, 14:00
Friday, September 20, 2024
ޚަބަރު

ސީޕީ ބައެއް ސްކޫލްތަކުގެ ވެރިންނާ ބައްދަލުކޮށްފި

އައްޑޫގައި ރައްކާތެރި މާޙައުލެއް ކަށަވަރުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް ދިނުމަށް، މަދު ވަޞީލަތާއެކު ފުލުހުން ކުރަމުން ދަނީ ވަރަށް އަގުހުރި މަސައްކަތްތަކެއް ކަމަށާއި އެކަމުގެ ނަތީޖާ ފާއިތުވި ދުވަސްތަކުގައި އައްޑޫން ފެންނަމުންދާ ކަމަށް އައްޑޫގެ ބައެއް ސްކޫލުތަކުގެ ސީނިއަ މެނޭޖްމަންޓްތަކުން ފާހަގަކޮށްފި އެވެ.

ސްކޫލުތަކުގެ ސީނިއަ މެނޭޖްމަންޓުގެ ބޭފުޅުން ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މި ހަފުތާގެ ކުރީކޮޅު އައްޑު އަށް ކުރެއްވި ދަތުރުގައި އައްޑޫގެ ބައެއް ސްކޫލުތަކަށް ޒިޔާރަތް ކުރައްވައި ސްކޫލުތަކުގެ ސީނިއަ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފަ އެވެ.

އޭގެ ތެރެއިން ފޭދޫ ސްކޫލާއި، އައްޑޫ ހައި ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލުގައި ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި އެ ސްކޫލުތަކުން ވަނީ އައްޑޫގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ހުރި ނަމަވެސް ޕްރޮފެޝަނަލް ޚިދުމަތެއް ދެމުން ގެންދިއުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވާފަ އެވެ.

ވަކިން ޚާއްޞަކޮށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުތަކާއި ގުޅިގެން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ކަމަށާއި ސްކޫލުތަކާއި ފުލުހުންނާދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އޮންނަކަން އެބޭފުޅުން ވަނީ މިބައްދަލުވުންތަކުގައި ފާހަގަ ކުރައްވާފައެވެ.

ފޭދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ މުސްތޮފާ ފާހަގަ ކުރެއްވި ގޮތުގައި ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޮޑަށް އަޅާލުން ބޭނުންވާ ދަރިވަރުންނެވެ.

Feydhoo-School

ހަމައެހެންމެ ސްކޫލު ނިންމާ ދަރިވަރުންގެތެރެއިން ބައެއް ދަރިވަރުން ވަޒީފާއަށް ކުރިމަތިލާން ބޭނުން ނުވެ ރަށުތެރޭގައި ގިނަވެގެން އުޅެ، ސްކޫލު ނިމޭ ވަގުތު ސްކޫލު ދޮށަށް އައިސް ބައެއް ފަހަރު ނޭދެވޭ ޙަރަކާތްތައް ހިންގަ އެވެ.

އޭގެ ސަބަބުން ކިޔަވަމުންދާ ދަރިވަރުންނަށް ނުސީދާ ގޮތެއްގައި އަސަރު ކުރަމުންދާކަން އޭނާ ފާހަގަ ކުރެއް ވިއެވެ. އެހެންކަމުން މިމައްސަލަތައް ޙައްލުކުރުމަށް ފުލުހުން މެދުވެރިވެގެން ދަރިވަރުންނަށް ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގައިދީ ވަޒީފާ އަށް އަހުލުވެރި ކުރުވައި އެފަދަ ދަރިވަރުންނަށް ސްކޫލު ކަރިކިއުލަމްގެ ބޭރުން ވެސް ވަރަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށް ދެވެމުންދާނެތީ އެކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ މުސްތޮފާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ދަރިވަރުން ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެކަމަށް ޙައްލެއް ހޯދައިދިނުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށް ދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އައްޑޫ ހައި ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް އިބްރާހީމް ނަދީމް ވެސް ފުލުހުންގެ މަސައްކަތަށް ތަޢުރީފް ކުރައްވައި ވިދާޅުވީ ބައެއް ފަހަރު އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ފުލުހުންގެ ވަޒީފާއަށް ނޫން ނަމަ އެހެން ވަޒީފާތަކަށް "ސްކޫލުގެ ދަރިވަރެއްގެ ގޮތުގައި ހުރެ" ވަންނަމުންދާ ކަމަށެވެ.

އެފަދަ ދަރިވަރުން ސްކޫލަށް އެކަން ނޭންގުމުން ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއް އެވެ. މީގެ އިތުރުން ކުށެއްގެ ތުހުމަތުގައި ސްކޫލެއްގެ ދަރިވަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ ނަމަ އެ ސްކޫލަކަށް ވީއެންމެ އަވަހަކަށް އެކަން އަންގައި ދިނުމަށް ވެސް ޕްރިންސިޕަލް ވަނީ ސީޕީގެ އަރިހުން އެދިވަޑައިގެންފަ އެވެ.

Addu-High-School

މިއާ އެކު އިންޓަނެޓާއި ސޯޝަލްމީޑިއާގެ ވަޞީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ހޭލުންތެރިކަން ދަރިވަރުންނަށް މުހިއްމުވާ ކަމަށާއި ސައިބަ ކްރައިމް ހުއްޓުވައި އެފަދަ ކުށްތަކުން ދަރިވަރުން ދުރުކުރުމަށް ވީއެންމެ އަވަހަކަށް އެފަދަ ޕްރޮގްރާމްތަކެއް ސްކޫލުތެރޭގައި ފުލުހުން މެދުވެރިވެގެން ހިންގަވައި ދެއްވުމަށް ނަދީމް އެދިވަޑައިގަތެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް ސްކޫލުގެ ބައެއް ދަރިވަރުން އެއްގަމު އުޅަނދުފަހަރު ދުއްވާތީ އެކަމުގައި ފުލުހުން މިހާރަށް ވުރެ ވެސް ބޮޑަށް މަސައްކަތްކޮ ދެއްވުމަށް ސީޕީ ވަހީދުގެ އަރިހުގައި ނަދީމް އެދިވަޑައިގަތެވެ.

ޝަރަފުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް އަހުމަދު މިހާދު ވިދާޅުވީ ދަރިވަރުންނަށް ދިރިއުޅުމުގެ ރަނގަޅު ސިފަތައް ދަސްކޮށް ދިނުމުގައި ފުލުހުންގެ ފަރާތުން ވަރަށް ރަނގަޅު ނަމޫނާ ދެއްކޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ޙަރަކާތްތައް ސްކޫލުގައި ގިނަގިނައިން ހިންގައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެ ސްކޫލުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހޯދާފައިވާ ވެހިކަލް ދުއްވައި މަރާމާތުކޮށް ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އެދިވަޑައިގަތުމުން އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ސީޕީ އެ ސްކޫލުގެ ޕްރިންސިޕަލްް އަށް ދެންނެވިއެވެ.

Sharafudheen-School

އަދި އެ ސްކޫލުގައި ވެސް އެބިއުޒް ކުރުމުގެ ކަންތައް އޮންނާތީ އެކަމަށް ފުލުހުން މެދުވެރިވެގެން ހަރުދަނާ މަސައްކަތްތަކެއްކޮށް ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލަކީ ވެސް ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ "ކްރައިސިސްއެއް" ގެ ތެރޭގައި އުޅެންޖެހޭ ދުވަހެއް ކަމަށާއި ސްކޫލު މާޙައުލުގައި ވެސް ކުށްކުރާ ކުދިން އުޅުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ.

އެހެންކަމުން ކުށުގެ ނުރައްކަލަށް ދަރިވަރުން ހުށަހެޅިގެން ދިއުމުގެ ކުރިން ފުލުހުންނާއި ސްކޫލުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ތަންފީޒީ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ފެންނާތީ އެކަމަށް މަސައްކަތްކޮށް ދެއްވުމަށް ކޮމިޝަނަރު އޮފް ޕޮލިސްގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

Hithadhoo-School

ސްކޫލުތަކަށް ކުރެއްވި މިޒިޔާރަތުގައި ސްކޫލުތަކުން ވަނީ އައްޑޫސިޓީ ސްކޫލުތަކަށް ލިއޭޒަން އޮފިސަރުން ކަނޑައެޅިގެން ދިޔަ ފަހުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްފަ އެވެ.

އެގޮތުން މިހާރު ސްކޫލުތަކުގައި ދިމާވާ މައްސަލަތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމުގައި އެތައް ގުނައެއް ފަސޭހަވެގެން ގޮސްފައިވާކަން އެ ސްކޫލުތަކުން ވަނީ ފާހަގަކޮށްފަ އެވެ.