Last Updated: November 23, 21:59
Saturday, November 23, 2024
މީހުން

މިއީ ހިދުމަތުގައި އެންމެ ދުވަސްވީ ޑޮކްޓަރު

ގިނަ ދުވަހު ދުނިޔޭގައި ހުރުމަކީ އެ މީހަކު ކުރާ ކަމެއްގައި ދެމިހުރުމަށް ލިބޭ ފުރުސަތެކެވެ. އެމެރިކާގެ މި ޑޮކްޓަރަށް މިއޮތީ އެ ނަސީބެވެ. މިއީ މި އަހަރުގެ ޖުލައި 10 ގައި 100 އަހަރު ފުރުނު ޑރ. ހޮވާޑް ޓަކާ އެވެ. އޭނަ އަކީ މި ވަގުތު ހިދުމަތުގައި ދެމިހުރި އެންމެ ދުވަސްވީ ޑޮކްޓަރެވެ. އެކަން މިހާރު ވެފައި އޮތީ ރަސްމީ ރެކޯޑަކަށެވެ.

ގިނިސް ވޯލްޑް ރެކޯޑްގައ ހޮވާޑްގެ ނަން ލިޔެފައި އޮތީ ވެސް އެ ޝަރަފާ އެކީ އެވެ. އޭނަ ވިދާޅުވި ގޮތުގައި ހަޔާތުގައި ލިބިވަޑައިގަތް އެންމެ ބޮޑު އެއް އުފަލަކީ އުމުރުން ގަރުނެއްވީ އިރު ވެސް، ދެގޮތެއް ނުވެ ބަލި މީހުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނެވުމުގެ ނަސީބު ލިބަޑައުގަތުމެވެ.

ހޮވާޑް ވިދާޅުވި ގޮތުގައި އޭނަގެ 100 ވަނަ އުފަން ދުވަހާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ކޮވިޑް-19 އަށް ޕޮޒިޓިވް ހާލަތުގަ އެވެ. އެކަމަކު އޭރު ވެސް އޭނަގެ ރަސްމީ މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބަލިމީހުން ބައްލަވަމުން ގެންދެވި އެވެ.

އެމެރިކާގެ އޮހައިއޯ އަށް އުފަން ހޮވާޑް ވިދާޅުވި ގޮތުގައި ކެރިއަރެއްގެ ގޮތުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ މައިންބަފައިން ކުރި ހިތްވަރުންނެވެ. އާއިލާގައި ތިބީ ހޮވާޑާއި ފިރިހެން ކޮއްކޮއެކެވެ. ދަރިންގެ ތައުލީމަށް އާއިލާ އިން ވަރަށް ބޮޑު އިސްކަމެއް ދިނެވެ.

"ޑޮކްޓަރަކަށް ވެވުނީ މައިންބަފައިން އެކަމަށް ބާރުއަޅައި ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުން. އެހެން ނޫން ނަމަ އަޅުގަނޑުވީހީ މިއުޒިޝަނަކަށް." އެ ދާއިރާ އަށް ކުރިން ވަރަށް ބޮޑު ލޯތްބެއް އޮތްކަން ފާހަގަކުރައްވައި ހޮވާޑް ވިދާޅުވި އެވެ.

އޭނާ މެޑިސިން ދާއިރާ އިން ތައުލީމު ހާސިލުކުރެއްވީ އޮހައިއޯ ސްޓޭޓް ޔުނިވަސިޓީންނެވެ. ގްރެޖްއޭޓްވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ މަަސައްކަތްކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ނޭވީގަ އެވެ. އަދި އޭގެ ފަހުން ކޮރެއާ ހަނގުރާމައިގެ ތެރޭގައި އެޓްލާންޓިކް ފްލީޓްގެ ޗީފް ނިއުރޮލޮޖިސްޓެއްގެ ގޮތުގައި ވެސް ހޮވާޑް މަސައްކަތްކުރެއްވި އެވެ.

ހޮވާޑް ވިދާޅުވި ގޮތުގައި އޭނަގެ ދިގު އުމުރުގެ މައިގަނޑު ސިއްރަކީ އުފާވެރި ދިރިއުޅުމެވެ.

"ހިތްހެޔޮވުމާއި މީހުންނަށް އަޅާލުމާއި އޯގާތެރިވުމާ އެކީ ކުރާ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިގު އުމުރުގެ ސިއްރަކީ،" ހަތަރު ދަރިން ތިބި އާއިލާ ދެކެ ވަރަށް ލޯބިވާ ޑޮކްޓަރު ވިދާޅުވި އެވެ. "ދެން ސިއްތަހަށް ފައިދާހުރި ކާނާ ކެއުމާއި ނުރަނގަޅު އާދަތަކުން ދުރުވެ، ހަރަކާތްތެރި ލައިފްސްޓެއް ގެންގުޅުން."