މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދު މަރާލި ފަހުންވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި، އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލްއެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މިހާތަނަށް 45 މީހަކާ ސުވާލު ކޮށް، އެކިތަންތަނުގެ ސީސީޓީވީ ފުޓެޖް ނަގާ އިތުރު މަސައްކަތް ތަހުގީގަށް ކުރެވެމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭގެން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިމައްސަލައިގައި ޕީޖީ އޮފީހާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްގެ ތެރޭގައި ޕީޖީއަށް މައްސަަލަ ފޮނުވޭނެ ކަމަށް ބެލޭ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޝިއާއު މަރުވި ފަހުންވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. މިމައްސަލައިގައި ސާހިލްގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ލިބިފައި އެބަހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ޝިއާއު މަރާލި ސަބަބަަކީ ކޮބައިތޯ ދެނެގަތުން މުހިންމު ކަމަށާއި، މައްސަލައިގެ މުޅި ތަހުގީގުގައި ގިނަ ދުވަސްތަކެއް ހޭދަވެގެން ދަނީވެސް އެކަމުގެ ސަބަބުން ކަމަށް މައުލޫމާތު ދީފައިވެއެވެ.
"ގަބޫލު ކުރެވޭ މޯޓިވް ތަކެއް އެބަ ހުރި. އެކަމަކު ސަޕޯޓް ކުރެވޭނެ އިތުރު އެވިޑެންސްތައް ބޭނުންވާނެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޝާހިލްގެ ފޯނުން ލިބޭ މައުލޫމާތުން މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާ ލިބިފައިވާ ވަގުތީ ނަތީޖާއިން، ހަށިގަނޑަށް ލިބިފަ ހުރި އަނިޔާތަކަކީ ގަސްދުގައި ދީފައި ހުރި އަނިޔާކަމާއި، އެ އަނިޔާތަކުގެ ސަބަބުން ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީކަން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޕޯސްޓްމޯޓަމްގެ ފައިނަލް ނަތީޖާ ލިބެން އިތުރު ދުވަސް ނަގާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.
އަދި މިހާތަނަށް ތަހުގީގަށް ހޯދުނުގޮތުން ޝާހިލްގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަކަށް މިހާތަނަކަށް ދެނެގަނެވިފައި ނުވާ ކަމަށާއި، އަދި މި މަރަކީ ކުރިއާލާ ރާވައިގެން ކުރި ކަމަކަށް ވުރެއް ބޮޑަށް، ކުއްލި އަކަށް ދިމާވި ކަމެއްކަމަށް ބުރަވެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.