(އެޕްރީލް 10، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އައްޑޫގައި ވެސް މިކަންތައް ދާދި އަވަހަށް އާންމުވެގެން ދިޔަ އެވެ. ސޯޝަލް މީޑިއާ އިން ރައީސް މައުމޫނާއި ސަރުކާރުގެ ވަޒީރުންނާއި ވެރިންނަށް ފާޑު ކިއުމުގެ މި ކުޅިސަމާ އޮތީ ހައްދުން ނައްޓައިފަ އެވެ.
ސަރުކާރުގެ އަގު ވެއްޓެނީ އެވެ. ވެރިންގެ ހުރުމަތް ކެނޑެނީ އެވެ. އިސާހިތަކު މި އަގަލު ހައްދު ފަހަނަ އަޅައި މުޅި ބާޒާރަށާއި މަގުތަކަށް ވެސް އާންމުވާން ފެށި އެވެ.
މި ވިޔާނުދާ އަމަލު ހިންގަމުންދާ ފަރާތްތައް ހޯދައި، ޝަރީއަތުގެ ކުރިމައްޗަށް ހާޟިޒު ކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން އެންމެ ފުރަތަމަ އަތުލައި ގަނެވުނީ "ސަންދާނު" ގެ ނަމުގައި ލިއުނު ކަމަށް ޝައްކު ކުރެވޭ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އައްޑު އަށް ނިސްބަތްވާ މީހުންނެވެ. ނުވަތަ އައްޑޫ މީހުންނެވެ.
މި މައްސަލަ އާ ގުޅިގެން 2002 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖަލުގައު ބަންދު ކުރެވި އިންސާނިއްޔަތާ ހިލާފު އެތަކެއް އަނިޔާ އާއި ދުއްތުރާ ލިިބިގެން ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެނަކީ ފާތިމަތު ނިސްރީނު އެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް ފެށުނީއްސުރެ އިންކާރުކޮށްފަ އެވެ.
ޖަލުން ސަލާމަތްވެގެން އައުމަަށް ފަހު، އޭނާ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ތަހައްމަލް ކުރަން ޖެއްސި ނަފުސާނީ އަނިޔާ އާއި ޖިސްމާނީ ގޯނާ ކުރުންތަކުގެ ވާހަކަ ލިޔެފައިވާ "ފިޔެސް" މަޖައްލާގެ 138 ވަނަ އަދަދުގެ ސޮފްހާތައް އަޅުގަނޑެކޭ އެއްފަދައިން ތިޔަ ބޭފުޅުންނަށް ވެސް ވިދާޅުވުން އެކަށީގެން ވަނީ ކަރުނަ އާ އެކުގަ އެވެ.
ޖަލުން ސަލާމަތްވުމަށް ފަހު ދެން ތިބި ނަޒާކީ ޒަކީ އާއި އަހުމަދުދީދީ (ސަންދާނު އަހަންމައިދީ) އަށް އެމްޑީޕީގެ ފަރާތުން ސިޔާސީ ބޭފުޅުންގެ ދަރަޖަ ދެއްވައި، އޭރު އޮތް ސިޔާސީ މަސްރަހުގެ އެންމެ އުހުން ޖާގަ ހޯއްދަވައި ދެއްވި އެވެ. ހަތަރު ވަނަ ބޭފުޅަކީ އިބްރާހީމް ލުތުފީ (ސަންދާނު) އެވެ.
އޭނާ ވަނީ ހުކުމްތައް ތަންފީޒު ކުރުމުގެ ތެރޭގައި ފިއްލަވައިގެން ސްވިޒްލެންޑަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ. ދެން ހުންނެވީ އަޅުގަނޑުގެ ނުހަނު ރަހުމަތްތެރި މުހައްމަދު އަމްޖަދު އެވެ. ޖަލު ބަންދުގައި އެތަކެއް ދުވަސް ހޭދަ ކުރުމަށް ފަހު، އޭނާގެ މައްޗަށް ކުށެއް ސާބިތު ކުރެވޭ ގޮތެއް ނެތުމުން ދޫކޮށްލެއްވީ އެވެ.
އެފަދަ ކަމަކަށް ތުހުމަތު ނުކުރެވޭ ގޮތަކަށް އުޅުއްވުމަށް ޝަރުތު ކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ 15 އަހަރު ވަންދެން ސަރުކާރަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވި ވަޒީފާ ދޫކޮށްލައްވާފަ އެވެ. ރައިސް މައުމޫނުގެ ސަރުކާރުގެ ހަމަތަކާއި އިންސާފުގެ މައްޗަށް ފޫހިވެގެންނެވެ. އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ސަރުކާރަށް ތާއޫދުކޮށް ސޯޝަލް މީޑިއާ އިން ކުޅުނު ރޯލް ވެސް ސަހަލައެއް ނޫނެވެ. ހަމަ އެއްވެސް ހައްދެއް ނެތެވެ. ދެ ފަރާތުން ވެސް ރައްދު ދެމުން އައީ އެވެ. ހަޑި ހުތުރު ބަހުންނެވެ. އަބުރާ ބެހުމާއި ފުރައްސާރަ ކުރުމުގައި ނަފުސުތައް ކަތިލެވެމުން ދިޔަ އެވެ.
މި ދުވަސްވަރުވެގެން ދިޔައީ 2003 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިބާހަށް ތައްޔާރުވުމަށް ރޭއްވެވި ޕްލޭންތަކާއި މަޝްރޫއުތައް ރާއްޖޭގެ އަތޮޅުތަކަށް ބައްސަވަމުން ގެންދެވި ދުވަސްވަރަށެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ. "އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.