ސ. ފޭދޫ ނެސްޕްރޯވިލާ އިސްމާއީލް ހަބީބު ނުވަތަ ރަށު މީހުންގެ ބަހުން ނަމަ އިސްމެހެލި ބެއްޔާގެ ހަބީބަކީ އުމުރުން ގާތްގަނޑަކަށް 17-18 އަހަރުގައި ގަމުގެ އިނގިރޭސީންގެ ޓްރާންސިޓް ހޮޓެލްގެ ލޮބީ ކްލީނަރަކަށް 60 ގެ ކުރީކޮޅު ކުރަން ފެށުނު މަސައްކަތަކީ، ޓުއަރިޒަމް އިންޑަސްޓްރީ މަސައްކަތުގެ ފެށުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިންފްލައިޓް ކޭޓަރިންގެ މަސައްކަތުގައި އިނގިރޭސީން ގަމުން ފޭބުމާ ހަމަޔަށް ގާތްގަނޑަކަށް ފަސް ހަ އަހަރު މަސައްކަތުގައި އުޅުނެވެ.
ދެން ދިމާވީ އުނދަގޫ ނިންމުމެކެވެ. ހިތާ ދެކޮޅަށް އާއިލާއާ ދުރަށް މާލެ ރިސޯޓް ވަޒީފާއަށް ދިއުމެވެ. އޭރު 1977 ގެ ކުރީކޮޅު ވިލިނގިލި ރިސޯޓްގައި މަސައްކަތް ފަށައިގަތީ ވެއިޓަރެއްގެ ވަޒީފާއިންނެވެ. އެއަށް ފަހު ބަނޑޮހުގައި 5 ވަރަކަށް އަހަރު އަދި ކުރުނބާގައި ދެތިން ހަތަރު އަހަރު، މީރު ފެންފުށި، ކަނިފިނޮޅު، އނބޫދޫ، އަސްދޫ، ފެސްދޫ، ފިހާޅޮހި، ރަންނާޅި، ވިލިވަރު، ބިޔާދޫ، ބަރޮސް، އޮޅުވެލި، އެންމެ ފަހުން 2005 ވަނަ އަހަރު ގިރާވަރު ނިންމާލާފައި އެނބުރި ރަށަށް އައުން ވެގެން ދިޔައީ މި އިންޑަސްޓްރީއަށް ވަރަށްގިނަ ޚިދުމަތްތަކެއް އާއިލާއާ ދުރުގައި ކޮށް ނިންމާލުން ކަމުގަ އެވެ.
ޙަބީބުބެ ބުނީ އަސްލު ރިސޯޓްތަކުގައި އުޅުނު ތާރީޚުތައް ސީދާ ހަނދާން ނެތް ކަމަށެވެ. އެކަމަކު 1977 ގައި މާލެ ދިޔަ ގޮތަށް 2005 އާ ހަމަޔަށް ޓުއަރިޒަމަށް ހިތްހަމަޖެހޭ ވަރުގެ ޚިދުމަތެއް ދެވުނުކަމުގެ އުފާ ލިބިދޭ ކަމަށެވެ. އަދި ވަރަށް ގާތް ޔޫރަޕްގެ ޤައުމުތަކުގެ ޓުއަރިސްޓުން ތިބޭނެ ކަމަށާއި ދަރީންނަށް ތަފާތު އަގުހުރި ފޮތް ފަދަ ހަދިޔާތައް ފޮނުވުމާއި އޭރުގެ އަސްލު މަސައްކަތުގެ މުސާރަ އެއީ ރަމްޒީ އެއްޗެއްކަމާއި އާއިލާ އާއި ދަރީންގެ ޚަރަދުތައް ބެލެހެއްޓީ ޓުއަރިސްޓުން ދިން ޓިޕްސް އިން ކަމަށް ހަބީބު ބުންޏެވެ.
އޭނަ ކިޔައި ދިން ގޮތުގައި 2،000-3،000 ޑޮލަރު ޓިޕްސް އަށް ލިބޭކަން އަދި އާއިލާއާ ދުރުގައި އެހާމެ ބުރަކޮށް މަސައްކަތް ކުރާ ކަމުގެ އަގުވަޒަންކުރަނީ ޓުއަރިސްޓުން ކަމުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
ފަސްދޮޅޮހުގެ އަހަރުތަކުގެ ތެރޭގައި ޓްރާންސިޓް ހޮޓަލެއްގެ އިންފްލައިޓް ކޭޓަރިންއޭ ބުނީމާ އެކަމާ ވިސްނާލުމުން އެނގެނީ މި ރާއްޖޭގައި އެކަން ހިތަށް އަރުވަން އެނގޭވަރުގެ ހައެއްކަ މީހުން ވެސް ނޫޅޭނެކަމެވެ. އެކަމަކު ސަރުކާރުން އެއީ ޓުއަރިޒަމްކަން ބަލައިނުގަތަސް އެއީ ރާއްޖޭގެ ޓުއަރިޒަމްގެ ފެށުމެވެ.
އުލާއި ސަމުސަލާއި ތައްޓާއި ގޭސް އުނދުނާއި ޓްރޭ މިހެން ގޮސް ގްރޭޓް ބްރިޓެއިން ޒަމާނުގެ ބަދިގެ ރެސްޓޯރަންޓެއްގެ ސާމާނު އެ ޒަމާނު ރާއްޖޭގައި އެފަދަ ހޮޓާ ކޭޓަރިން މަސައްކަތް ފެނިފައި ނުހުންނާނެ ކަމާމެދު ޝައްކެއް ނެތެވެ. އެގޮތުން ޙަބީބުމެންނަކީ ރޯފިލައިގެން މާލެ ރިސޯޓްތަކަށް ދިޔަ އޭރު ގިނަ ރިސޯޓްތަކުން ވަރަށް ޑިމާންޑް ބޮޑު ބައެއްކަން ފާހަގަކޮށްލަމެވެ.
އޭރުގެ ރިސޯޓް ވެރިން ނަމުން ގޮވައި ތިމަންނާގެ ރިސޯޓަށް އަންނާށޭ ބުނާ އައްޑޫ ދެތިން ވެއިޓަރުންގެ ތެރޭއި ޙަބީބުބެ ހިމެނޭކަމީ މަސައްކަތް ރަނގަޅަށް ދަންނަކަމުގެ ހެއްކެކެވެ. ދަރީންނާއި އާއިލާ އެއްކޮށް މާލެ ގެންގޮސް ކިޔަވައި ދިނުން އެއީ މިއަދުގެ އެންމެ ބޮޑު އުފަލެވެ. އަދި ހުރިހާ ކުދިން ވެސް ވަޒީފާތަކުގައި ތިބެ ޒިންމާ ނަގައިގެން ޢާއިލީ ޒިންމާ އަދާކުރާކަމީ މަންމަ އާއި ބައްޕަ މިއަދު ރަށުގައި ތިބެ ލިބޭ ހަމައެކަނި އުފަލެވެ.
އާއިލާއެއްގެ ކާމިޔާބުގެ ފަހަތުގައި ހުންނާނީ ވަރުގަދަ މަންމައެއްކަން ޔަގީންތާ އެވެ. އަދި ބައްޕަ ދުރުގައި މަސައްކަތް ކުރަމުން ދާއިރު ކާމިޔާބު އާއިލާއެއް ބިނާކުރެވުނީ އަޅުގަނޑުމެންގެ ޙައްވައްތަ (ޙައްވާދީދީ) ގެ ބުރަ މަސައްކަތުންނެވެ. އެކުރި ހިތްވަރަކީ އާއިލާގެ އުފަލެވެ.
ޓުއަރިޒަމަށް 50 އަހަރުވެގެން އެއްކޮށް މަސައްކަތް ފެށި ވެރީން މިލިއަނަރުންނަށް ވެގެން ދިޔައިރު، އަމިއްލަ ރަށުގައި ދަރީންނަށް ވަޒީފާއެއްގައި ތިބުމުގެ ފުރުޞަތު ނެތުމާއި މިއަދު ހިތުގެ ބޮޑު އޮޕަރޭޝަނެއްކޮށްގެން ދުވަސް ގުނަމުންދާ އިރު ޗެކަޕެއް ވެސް އަތޮޅުގެ ހޮސްޕިޓަލުން އިތުބާރާއެކީ ހެދެން ނެތުމީ އެންމެ ކަންބޮޑުވާ އެއްކަމެވެ. ޙަބީބަކީ އަޅުގަނޑުވެސް އިންޑަސްޓްރީ އިން ދެކި ފަރިތަ ދަންނަ މޮޅު ވެއިޓަރެކެވެ. އަޅުގަނޑަށް ޙަބީބާ އެކީ މަސައްކަތްކުރުމުގެ ފުރުޞަތު ނުލިބުނަސް އެއީ އިންޑަސްޓްރީގެ ސާވީސް ދާއިރާގައި ދަންނަ ނަމެކެވެ. އިންޑަސްޓްރީ ކޮޅަށްޖަހަން ކުރި ބުރަ މަސައްކަތަށް ސާބަހެވެ.
ޓުއަރިޒަމަށް 50 އަހަރުވީ އިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.