Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ވެންޓިލޭޓަރުގެ ފައިސާ ހޯދަން މަސައްކަތްކުރެވޭ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކާ ގުޅިގެން ހިންގި ހިޔާނާތުގެ ފައިސާ ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ވެންޓިލޭޓަރުގެ ކަރަޕްޝަންގެ ފައިސާ ދައުލަތަށް ލިބިފައިވޭތޯ އަމީރު އާއި ސުވާލު ކުރައްވާފައެވެ.

ވެންޓިލޭޓަރު ގަތުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން 34 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު މިހާތަނަށް އެ ފައިސާ ހޯދުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ބުނެ މީގެ ކުރިން ވެސް އިމްތިޔާޒު ފަހުމީ ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

އިމްތިޔާޒު ސުވާލާއި ގުޅިގެން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ވެންޓިލޭޓަރ ގަތުމަށް ދޫކުރި ފައިސާ އާއި ކުރީގެ ސަރުކާރުން ހިންގާައިވާ އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ދައުލަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. މިސާލަކަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އޭސީސީ މެދުވެރިކޮށް ކުރީގައި އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި އެ މަސައްކަތް މިހާރު އޭސީސީ އަށް ޓްރާންސްފާވެ، އޭސީސީގެ ތެރެއިން ޕީޖީ އާ އެއްކޮށްވެސް ހޯދޭނެ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތައް ގެނައުމުގައި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގަ އެވެ. އެ ކުންފުންޏާއި ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް އަދިވެސް ލިބިފައެއް ނުވެ އެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ސަރުކާރުން ވަނީ އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކާފަ އެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ ރާއްޖެ ފޮނުވާފައިވަނީ 11 ވެންޓިލޭޓަރެވެ. ނަމަވެސް ފޮނުވި ވެންޓިލޭޓަރުތަކަކީ ފެންވަރު ދަށް، ހެލްތު މިނިސްޓްރީން ކަނޑައެޅި ޝަރުތުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ. އެއާއެކު އިތުރު އެ ވެންޓިލޭޓަރުތަކުގެ ބަދަލުގައި އިތުރު 10 ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވިއިރު ސަރުކާރުން ވަނީ ފަހުން ފޮނުވި ތަކެތި ރަނގަޅު ކަމަށް ބުނެފަ އެވެ.