އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވާން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފި އެވެ.
އޭއީއެޗުން ބުނީ އައްޑޫން ޑެންގީ ހުމުގެ ހަ ކޭސް މިހާތަނަށް ފެނިފައިވާއިރު ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވާން މަދިރި ހެފުމުން ރައްކާތެރިވުމާއި މަދިރި އުފެދުން މަދުކުރަން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ޑެންގީގެ ކޭސްތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 142 ކޭސް ވަނީ ފެނިފަ އެވެ.
ޑެންގީ ބަލީގައި ދާދިފަހުން ޒުވާނަކާއި ކުޑަ ކުއްޖަކު ވެސް މަރުވެފައިވާއިރު އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް
– ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަން ސާފުކުރުން
– މަގުމަތި ތަންތަނަށް ކުނި ނާޅައި ޑަސްޓްބިނަށް ކުނި އެޅުން އަދި ޑަސްބިނަށް ފެންނޭޅޭ ގޮތަށް ބެހެއްޓުން
– ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުން
– ގޭތެރެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލެއްޕުން
ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުންއައުން އަދި ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުން އޭގެ އިތުރުން ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ފަދަ ކަންކަން ހިނގާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެއިތުރުން ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި އަރާމު ކުރުން އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.