ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް އައްޑޫގައި ފަށަން ތައްޔާރުވާން ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޓީމެއް އައްޑޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ އެކީ ވެސް މަޝްވަރާތަކެއް ބާއްވާފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން އޭއީއެޗުން ބުނީ ހަނދާން ނެތޭ ބައްޔަށް ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ނަމަވެސް އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އިރަކާއި އެކަން ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފުސީލުތަކެއް ހާމައެއްނުކުރެ އެވެ.
ޑިމެންޝިއާގެ އެންމެ އާންމު ވައްތަރަކީ އަލްޒެއިމާ އެވެެ. އަދި މި ބަލި އާންމުކޮށް ކުރިމަތިވަނީ އުމުރުން 65 އަހަރުން މައްޗަށް ދާ ފަހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ ކޮންމެ 14 މީހަކުން އެކަކީ އަލްޒެއިމާގެ ޝިކާރައެކެވެ. އަދި 80 އަހަރުން މަތީގެ ކޮންމެ ހަ މީހަކުން އެކަކީ އެ ބަލި ތަހައްމަލުކުރާ މީހެކެވެ.
ދިވެހިންގެ ތެރޭގައި ވެސް ޑިމެންޝިއާ މިހާރު ވަރަށް ބޮޑަށް އޮތް ކަމަށް އަލްޒެއިމާސް ސޮސައިޓީން ބުނެ އެވެ.