މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރަން ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިގޮތަށް ނިންމީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
މީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމުމެވެ.
ޝިފާއު ހުށައެޅުއްވި އިސްލާހުގައިވާ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ހުށަހަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލީ އިދާރާތަކުގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ޓެކްސްތައް ބޮޑުކުރަން ނިންމި އިރު، ރާއްޖޭގައި ޖީއެސްޓީ އާއި އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާ އިރު ނިސްބަތިން ދަށްކޮށެވެ.