އަލްމަރުޙޫމް އިބްރާހިމް މޫސާ ޅ. ނައިފަރު އަދި އެއްބަނޑު އެއްބަފާ ކޮއްކޮ ޔޫސުފް މޫސާ (ޔޫސޭ) މިއީ ރާއްޖޭގެ އެންމެ ކުރިން ޑައިވް ކުރަން ފެށި ޚިދުމަތްތެރިންނެވެ. ޔޫސޭ ވެސް ޑައިވިން މަސައްކަތް ފެށީ ބޭބެ އިބްރާހިމް މޫސާއާ އެކީ ބަނޑޮހުންނެވެ. އެއީ 70 ގެ ކުރީ ކޮޅެވެ. އަދި އިބްރާހިމްދީދީ (ބްރޭންޑީ) މއ. ބަހާރުގެ މީ ވަރަށްގިނަ ޒަމާން ފަތުރުވެރިންނާ އެކީ ޑައިވް ކުރި ޚިދުމަތްތްތެރީންނެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޑައިވް މާސްޓަރަކީ އިބްރާހިމް މޫސާ އެވެ. އަށްޑިހައިގެ މެދުތެރޭ އަޅުގަނޑު ވަރަށް ހަނދާން ހުރޭ އިބްރާހިމް މޫސާގެ ދަރި ފައްޔާޒް މިއަދު ވަރަށް ޒަމާން ވަންދެން ޑައިވްކުރި "ޑައިވް ވިތު އިބްރާހީމް" ޓީޝާޓް ލައިގެންނެވެ. އަދި އަޅުގަނޑަށް ވެސް އޭގެ ޓީޝާޓެއް ލިބުނުކަން އެއީ އެ ޒަމާނުގައި މާ ސަޅި ސްޓައިލިޝް ކަމެކެވެ.
އެންމެ ގިނަ ޒަމާން ވަންދެން ރާއްޖޭގައި ހުއްޓާނުލާ ޑައިވްކުރި ޑައިވަރަކީ އިބްރާހިމް މޫސާ އެވެ. ސިފައިންގެ ވެލިބާޖް އަޑިއަށް ގޮސްގެން އެހީތެރިވި އެންމެ އިސް ޑައިވަރަކީ ވެސް އިބްރާހިމް މޫސާ އެވެ. އަދި މޯލްޑިވްސް ވިކްޓްރީ އަޑިއަށް ގޮސްގެން ސިފައިންނަށް އެންމެ އިސްކޮށް އެހީތެރި ވީވެސް އިބްރާހިމް މޫސާ އެވެ.
ޔޫސޭ އެއީ މަޖީދިއްޔާގެ އެންމެ ރަނގަޅު އެއް ބެޗް ނިންމާފައި ޑައިވް ކުރަން ފެށި އަދި ވަރަށް ސްޓައިލެއްގައި އުޅުއްވި ބޭފުޅެކެވެ. ބަނޑޮހުން ބޭބެއާ އެކީ ޑައިވިން ފަށައި ވިލިނގިލިން ވެލައްސަރާ ހަމަޔަށް ވަރަށް ޒަމާނު ޑައިވް ކުރި އެވެ. ވެލައްސަރުގައި އަޅުގަނޑު ވެސް މަސައްކަތް ކުރި ޒަމާނުގައި ވަރަށް ގިނައިން ދިމާވި އަދި ގެސްޓުން ވަރަށް ގަޔާވާ ވަރަށް ރީތި ޑިސިޕްލިންއެއް ގެންގުޅުއްވި ޑައިވަރެކެވެ.
އަތުގައި އޮންނަ ޗެއިންފަށް އެއީ ޔޫސޭ އެވެ. ބަހާރުގޭ އިބްރާހިމްދީދީގެ ވެސް ގާތް ރައްޓެއްސަކީމު އެވެ. ދުނިޔެވީ ވަރަށް ގިނަ ކަންތައް އޮޅުންފިލުވައިދީ ކަންކަމުގެ މަޢުލޫމާތު މުއްސަނދި ބޭފުޅެކެވެ. މި ބޭފުޅުން 25-30 އަހަރާ ދޭތެރޭ ފަތުރުވެރިންނާ އެކީ ކަނޑުފީނިކަން ދަންނަ ދިވެހީން ވެސް ދުނިޔޭގަ އަދިވެސް އެބަތިއްބެވެ.
އަދުގެ ސަރުކާރު އަދި މިނިސްޓްރީ ހަނދާން ހުރިހެން ހިއެއްނުވެ އެވެ. ދެހާސް ބާވިސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.
އިބްރާހިމް މޫސާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ. ޔޫސުއްބެ އާއޮ އިބްރާހިމްދީ އަށް އަވަސް ޝިފާއަކަށް އެދެމެވެ.
އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.