ސ. ފޭދޫ އަތިރީވިލާ ޢަބްދުﷲ މޫސާ (ކުދުފުއްބިޔާގެ ކަލޯގެ ޢަބްލާހި) މިހާރުގެ އުމުރަކަށް ބުނީ 85 އަހަރު ކަމަށެވެ. ޢަބުލޯބެ 1960 ގެ ކުރީކޮޅު ގަމުގެ އިނގިރޭސީން ކައިރީގައި މަސައްކަތް ފަށައިގަތް ދުވަސްތަކުގެ ސީދާ ތާރީޚުތައް މިއަދު ހަނދާން ނެތް ކަމުގައި ވަރަށް ކުރުކޮށް ބުނެލި އެވެ. ގަމުގެ މަސައްކަތު މީހެއްގެ ވަޒީފާއިން ފަށައިގަތް ވަޒީފާ މާ ގިނަ ދުވަސްތަކެއް ނުވެ އޮފިސަރު މެސްގެ ރޫމްބޯއިކަން ލިބުން ދިޔައީ ދާއިމީ ރަނގަޅު ވަޒީފާއެއް ލިބުމުގެ ހިތްހަމަޖެހުމާ އެކީގަ އެވެ.
އިނގިރޭސީން ކައިރި މަސައްކަތް ކުރުމުގައި އެ ޒަމާނަށް ބަލާ އިރު ކޮންމެ ދުވަހަކު އެނގިގެން ދަސްވެގެން ފެނިގެން ދަނީ އާ އަދި މަސައްކަތަށް ޝައުޤުވެރިވާ ކަންތައްތަކެއް ކަމުން، މަސައްކަތަށް ކަމޭހިތުމާ ކުރާހިތުން ކުރުމުގެ ނަތީޖާއަކަށް ވަނީ، ވެރީން އޮފިސަރުން ބަހައްޓާ ގާތްކަމާ ތިމަންނާމެންގެ އާއިލާ އާއި ދިރިއުޅުމަށް އަދި ޞިއްޙީ ކަންތައްތަކަށް އަންނަމުން ދިޔަ ބަދަލާ ކުރިއެރުމެވެ.
ޢަބުލޯބެ ޝައުޤުވެރިކަމާ އެކީ ކިޔައިދެމުން ދިޔަ އެވެ. މަދިރިން ދިމާވާ ބަލިތަކަށް ރަށުތެރޭ ދުން ޖެހުމާ، ވެކްސިން އަދި އެހެނިހެން ހުމުގެ ރޯގާ ކަހަލަ ބަލިތަކަށް ލިބެމުން ދިޔަ ފަރުވާ އާއި ކެއުންބުއިމުގައި، ހަށިގަނޑަށް ފައިދާހުރި ކާނާ، އަދި ކުޑަކުދިންނާއި އަންހެނުންގެ ޞިއްޙަތަށް ގަމުގެ ހޮސްޕިޓަލުން ލިބެމުން ދިޔަ ޚިދުމަތް އެއީ އަގުނުކުރެވޭ ފަދަ އުފަލާ ހިތްހަމަޖެހުމާއި ތިޔާގި ދުވަސްވަރެކެވެ.
ކޮންމެ ދެ ހަފުތާއިން އެއް ހަފުތާގެ އާދީއްތަ ދުވަހު ލިބޭ އިނގިރޭސި ފައިސާ އަކީ ފުދުންތެރިކަމަށް ހިތްހަމަޖެހޭ އަދަދެކެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހައެއްގެ ކުރީކޮޅު އިނގިރޭސީން އައްޑޫން ފޭބުމާއެކީ ދިމާވީ ހިތަށް ނުގެނެވޭ ވަރުގެ ހިތާމަވެރި ދުވަސްތަކެކެވެ. ވަޒީފާތައް ގެއްލި، ދިވެހި ސަރުކާރުގެ ދަށަށް ގަން ދިއުމާއި ވަޒީފާގައި ތިބި އެންމެން ކަހަލަ ގޮތަކަށް ލޯބިވާ އާއިލާ އާއި އަނބިދަރީން އަދި މައިންބަފައިން ދޫކޮށް އަޅުވެތިކަމެއްގެ ތެރެއަށް ވެރިރަށް މާލެ އަށް ވަޒީފާ ހޯދަން މަޖުބޫރުކަމާ އެކު ދިއުމެވެ.
ފުރަތަމަ ގޮސް ލިބުނު ވަޒީފާ އަކީ ދަނގަޑު ބޯޓެއްގައި ޔޫރަޕް ދެމަފިރިންނާ އެކީ ބޯޓުގެ މަސައްކަތެވެ. ސިލޯނަށް މަރާމާތަށް 4 ވަރަކަށް މަހު އެއަސް ފަހު ރާއްޖެ އައިސް އަހަރެއްހާ ދުވަހުގެ މަސައްކަތަށް ފަހު ބޯޓުގެ ވަޒީފާ ނިންމާލީމެވެ. އޭގެ ފަހުން 1978 ގައި ބޮޑުބަނޑޮހުގެ ވަޒީފާ އާއި ގުޅި އޭރު ހަނދާން ވަނީ ކެރަފާ ނަސީމް ވެރިޔަކަށް ހުންނެވި ހަނދާނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ވެރިކަމުގެ ދައުރު ނިމި ބަދަލުތަކަށް ފަހު މުހައްމަދު ވަޙީދުއްދީން އެ ރަށާ ޙަވާލުވެ މަސައްކަތް ފަށައިގަތުން އެއީ ބަނޑޮހުގައި ފައި ހަރުލައިގެން މަސައްކަތާ ވެގެން ވެއިޓަރެއްގެ ވަޒީފާއިން ކުރިއަށް ދިއުމުގެ ފެށުމެވެ. އަދި 1978 ގައި ފެށި މަސައްކަތް 2001 ފަހުކޮޅާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
ފަންސަވީހަކަށް އަހަރުގެ ރިސޯޓް ޚިދުމަތް، ބަލި ހަނދާންތަކާއެކު ބައެއް ކަހަލަ ހަނދާންތައް ޙިއްސާކޮށްލި އެވެ. ރިސޯޓްގެ ވެރީން މީހުންނާ އިނދެ ދަރީން ލިބި ރިސޯޓްގައި ބޮޑެތިވެ އެ ކުދިން ބަލަން ރޭގަނޑު ކޮޓަރީގައި މަޑުކޮށްދީ އާއިލީ ގުޅުން ވަރަށް ގާތްކޮށް އޮތްކަމާއި ރިސޯޓް ތަރައްޤީއާއެކީ އެކަން ވެސް ފަނޑުވަމުން ދިޔަ ވާހަކަ ކުރުކޮށް ކިޔައިދިނެވެ. އަދި އެކު ދިން ބޮޑެތިވެގެން ވެސް ދިމާވާކަމާ، ގާތްކަން އެގޮތުގައި ބާއްވާކަމަށް ބުންޏެވެ.
އޭރުގެ ވެރީން ގިނައިން ވިޔަފާރީގައި އުޅުއްވަނީ ބޭރުގައިކަމާއި، މެނޭޖްމެންޓަށް އަންނަ ކޮންމެ ބަދަލަކާ އެކީ އުނދަގޫތަކެއް ދިމާވާކަމާ، އެގޮތުން ގޮސް ރިޓަޔާކުރަން ވެސް ޖެހުނީކަމާއި، ސިސްޓަމްގައި ޕެންޝަންއެއް ލިބޭނެ ގޮތެއް ވެސް ނޯންނަކަމާއި، މުސާރަ އާއި ސާވީސް ޗާޖްގެ އުނދަގޫ ދަތިކަމާ ވެސް ދިމާވާކަން ފާހަގަކޮށްލި އެވެ.
ޢަބުލޯބެގެ މޫނުމަތިން އުފާވެރި ކަމެއް ފެނުނީ ލިބިފަ ހުރި އެވޯޑްތަކާއި ފޮޓޯތައް ދައްކާލި އިރާ އެ ވާހަކަ ކިޔައިދެމުން ދިޔަ ވަގުތެވެ. އެއީވާ ތެދެކެވެ. ގިނަ ސެޓްފިކެޓްތަކާއި އެވޯޑާއި ތާރީޚީ ފޮޓޯތަކެވެ. އެ ދުވަސްތާއެވެ! ތާރީޚެވެ. ދިވެހި ޓުއަރިޒަމަށް ހާދަ ބޮޑެތި ޤުރުބާނީތަކެއް ވެދިން ހާދަ ގިނަ ރައްޔިތުންގެ ވާހަކަ އެވެ.
އިނގިރޭސީންގެ ޒަމާނު ކުރެވުނު ޓުއަރިޒަމްގެ 12 ވަރަކަށް އަހަރާ މާލެއަތޮޅު ބަނޑޮހުގައި މަސައްކަތް ކުރެވުނު 25 ވަރަކަށް އަހަރު އެއީ ކޮންފަދަ ޚިދުމަތެއްތޯ އެވެ. ޢަބްލޯބެ އަށް ސާބަހެވެ. ކާމިޔާބު އާއިލާއެއްގެ އެންމެ ބޮޑު ޙިއްސާއަކީ ލޯބިވާ މަންމަ އެވެ. ކުދީން ވެސް ފާހަގަކުރިހެން މިގޭ ކުދިންނަށް ކިޔަނީ ޒުބޭދައްތަގެ ކުދީން ކަމުގައި ބުންޏެވެ. ޒުބޭދައްތަ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން. ޖުމްލަ 10 ކުދިންނާއި 22 ކާފަ/މާފަ ކުދީންގެ ބޮޑު އާއިލާއެކެވެ.
ފަންސަވީހަކަށް އަހަރު ބަނޑޮހުގައި ކުރެވުނު މަސައްކަތް ނިންމާލަންޖެހުމާއި އެނބުރި ރަށަށް އައުން އެއީ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭކަމާ އަމިއްލަ ޚަރަދުގަ ދަތުރު ހަމަޖައްސަން ޖެހުމާ އުމުރުދުވަހު ކުރި މަސައްކަތަށް ލިބުނީ ރަމްޒީ މުސާރައެއްކަމާއި، ދަރީންގެ ކިޔެވުމާ އާއިލީ ޚަރަދުތައް ބެލެހެއްޓުނީ ޓުއަރިސްޓުން ދިން ޓިޕްސްއިންކަމާއި އަތްމަތި ހުސްކޮށް ދިގު ޚިދުމަތަކަށްފަހު ރަށަށް އަންނަން ޖެހުމުގެ ކަންބޮޑުވުން ކިޔައި ދިނެވެ.
ރަށަށް އެނބުރި އައުމަށްފަހު އަނެއްކާވެސް ދޮށީއުމުރު ސަރުކާރުގެ އިމާރާތެއްގެ ވޮޗަރުކަން ކުރަންފެށީ އެއީ އެދުވަސްވަރު އާމްދަނީއެއް ހޯދަން އޮތް ހަމައެކަނި ގޮތްކަމުންނެވެ. ދެއަހަރެއްހާ ދުވަހުގެ މަސައްކަތަށްފަހު ރިޓަޔަރކޮށް ވަޒީފާ އަދާކުރުން ނިންމާލީ އެވެ.
ޢަބްލޯބެއާ ބައްދަލުވެ އަނގަތަޅާލަން ދިމާވީ އަމިއްލަ ގެއިންނެވެ. އަދި ބައެއް ދަރިންނާ ވެސް އެކީގަ އެވެ. އެހާ ޒަމާނު ބައްޕަ ދުރުގައި އުޅުމުގެ އިޙުސާސްތައް ދަރީން ވެސް ޙިއްސާކޮށްލިއެވެ. ކުދިންގެ ވާހަކައިން އެނގުނީ، އާއިލާގެ ނަން އެންމެން ވެސް ކިޔަނީ މަންމަގެ ނަމުން ކަމުގައެވެ. ޒުބޭދައްތަގެ ކުދިންގެ ނަމުން ކަމުގައެވެ.
ގަބޫލު ކުރެވެނީ އެއީ ބައްޕަ އެހާ ގިނަ ދުވަހު ރަށުން ބޭރުގައި އުޅެން ޖެހުނު ސަބަބުން ކަމުގައެވެ. އަދި އެންމެ ހަނދާން ހުންނަނީ ބައްޕަ އަހަރަކު އެއްފަހަރު ރަށަށް އަންނަ އިރު ގެންނަ ހަދިޔާ ފޮށިގަނޑުކަމާއު ޚާއްޞަކޮށް އެ ޒަމާނުގެ ބޯފައިވާން އަދި ސައިބޯނި ކަމަށެވެ. ތިންހަތަރު މަސް ކުރިން ބައްޕަ އަންނަ ދުވަހަށް އިންތިޒާރުކުރަން ފެށޭ ކަމަށާ އެޒަމާނުގެ ފޯނުބޫތެއް ރަށުގައި ހުންނަ ކަމަށާ ވަރަށް ހަނދާންވޭ ފަތިސް ނަމާދަށް ފަހު މަންމަ އަހަރެމެން ގޮވައިގެން ބޫތަށް ގޮސް ބައްޕައާ ވާހަކަ ދައްކާ ހަނދާން، އެއީ ވެސް ޒަމާނެކެވެ. ގިނަ އާއިލާތައް ދިރިއުޅެން ޖެހުނު ޙާލުގެ ވާހަކައެވެ. ވަން އައިލެންޑް ވަން ރިސޯރޓް، ވެރީން މުއްސަނދިވެ ރައްޔިތުން އަޅު ވަޒީފާގެ ކާމިޔާބު ޓުއަރިޒަމް ކޮންސެޕްޓް އެވެ.
މިއަދު ވެސް އައްޑޫ ސްކޫލްތަކުން ފެނިގެން ދަނީ ޒަމާންތަކެއްގަ ބައްޕަޔާ ދުރުގައި އުޅެން ޖެހުން ނިކަމެތި އާދަކާދަ އެވެ. މި މިއަދު ވެސް ގިނަ ބައްޕައިން ރަށުން ބޭރުގަ އުޅެންޖެހުމެވެ. ބައްޕަމެންނަކީ ދަރިންގެ ސްކޫލް ތަޢުލީމް ދުވަސް ސްކޫލް ރަކާތްތަކާ ބީރައްޓެހި އަދި ސްކޫލް ޙަރަކާތްތައް ރޭވިގެން ދަނީވެސް މިފަދަ ގޮތަކަށެވެ. އެއީ މިއަދުގެ ޒިންމާދާރު ބޭފުޅުންނަކީ ވެސް މިފަދަ އާއިލާތަކުގެ ކުދީން ކަމުންނެވެ.
ވަން އައިލެންޑް ވަން ރިސޯޓްގެ އަޅުވެތި އާއިލީ ދުރުކަން މުޅި އަތޮޅުން ވެސް ފެނިގެން ދާކަމީ ޙަޤީޤަތެވެ.
ޓުއަރިޒަމަށް 50 އަހަރު ވެގެން ގައުމުގެ ވެރީން ތަކުރާރުކޮށް ވިދާޅުވީ ވަން އައިލެންޑް ވަން ރިސޯޓްގެ ކާމިޔާބުގެ ވާހަކަ އެވެ. އަދިވެސް އެކަން އެގޮތުގައި ހިފެހެއްޓުން އެއީ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ދެއްވި އަގުހުރި މެސެޖެވެ.
ޝައްކެއް ވެސް ނެތެވެ. އާއިލާތައް ރޫޅުމާއި އާއިލީ ލޯބި ނުލިބުނަސް ދަނޑިފަނުން ފެށުނު ޓުއަރިޒަމް އާއި ބަރަބޮލާއި ކުއްޅަފިލާފަތް ކާންދިން ދިނުން، މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގެ މިލިއަން ޑޮލަރުގެ ބޭފުޅުން ކަނޑުއަޑީގެ ރެސްޓޯރަންޓްތަކުގައި ކުލަކުލައިގެ މަހަށް ތަށި ދިއްކޮށްގެން ކައިބޮއި ހެދޭ ފެންވަރުގެ ރެސްޓޯރަންޓްތައް ރާއްޖޭން ފެންނަކަމީ މި ރާއްޖޭގެ ތަރައްޤީ ނޫންތޯ އެވެ.
ޓުއަރިޒަމަށް 50 އަހަރު ވީއިރު ޚިދުމަތްތެރިން އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަދުމަފުޅު ހުރި ހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.