ރާއްޖޭގައި މިހާރު ބޭނުން ކުރަމުން ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާގެ ތެރެއިން ކުރީގެ ތަރުޖަމާގައި ބޮޑެތި ކުށްތަކެއް އެބަހުރި ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވި ގޮތުގައި ބޮޑެތި މައްސަތަލެއް ހުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2004 ގައި ނެރުއްވައި މުޅި ރާއްޖެ އަށް ބެހި ތަރުޖަމާގަ އެވެ. މި ތަރުޖާމަކީ މިހާރު ވެސް ގިނަ ބަޔަކު ބޭނުންކުރަމުންދާ އަދި ރާއްޖޭގެ ވަރަށް ގިނަ މިސްކިތްތަކުގައި ވެސް ހުރި ތަރުޖަމާ އެވެ.
ޝެއިހް ނިޝާން ވިދާޅުވީ މި ތަރުޖަމާގައި އަގީދާއާ ގުޅުން ހުރި ބޮޑެތި މައްސަލަތެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ތަރުޖަމާގައި އީސާގެފާނު އަލުން ދުނިޔެ އަށް އެނބުރި އަންނާނެ ކަމަށް ޤުރުއާނާއި ރަސޫލާގެ ސައްހަ ސުންނަތުން ސާބިތުވާ ވާހަކަތައް ދޮގުކޮށްފައި ހުރި ކަމަށާއި އީސާގެފާނު އަވަހާރަވެފައިވާ ކަމަށް ވެސް ތަރުޖަމާގައި ލިޔެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އީސާގެފާނު ﷲ ގެ ހަޟުރަޒަތަށް އުފުލެއްވި ވާހަކަ ނިސާއު ސޫރަތުގައި ވެސް ބަޔާންކޮށްފައިވާން ޝެއިހް ނިޝާން ފާހަގަކުރެއްވި އެވެ.
"މި ތަރުޖަމާ އަށް އަޅުގަނޑުމެން ބަލާލައިފި ކަމުގައިވާ ނަަމަ އަގީދާގެ ބޮޑު މައްސަލަތަކެއް ނުކުމެދާނެ. ސައްހަ ސާބިތު އެތައް ދަލީލުތަކަށް އިންކާރު އީސާ އަހިއްސަލާމް ދުނިޔެ އަށް ވަޑައިނުގަންނަވާނެ ކަމަށް ފަހު ތަރުޖަމާފައި އެބަހުރި." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތަރުމަޖާގައި މަރިޔަމް ސޫރަތުގެ 34 ވަނަ އާޔަތުގައި ވެސް އީސާގެފާނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް އެބަހުރި ކަމަށް ޝެއިހް ނިޝާން ވިދާޅުވި އެވެ. އެހެންވެ ޤުރުއާނުގެ މި ތަރުޖަމާގައި ސީދާ މުސްލިމުންގެ އަގީދާ ހިލާފު ވާހަކަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މިފަދަ ތަރުޖަމާތައް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރުމަކީ ހާއްސަކޮށް މިސްކިތްތަކުގައި ހުރުމަކީ މީސްތަކުން ކިޔައި ހަދާނެ ކަމެއް،" ނިޝާން ވިދާޅުވި އެވެ. "ވީމާ މިފަދަ ކަމެއްގެ ޒިންމާ އެޅިފައިވާ ވެރިން، ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން އެބަޖެހޭ މިކަން ރަނގަޅަށް ބަލައި އިސްލާމް ދީނާ ހިލާފު އަގީދާ ހިލާފު އެއްޗެހި ފެތުރިގެން ނުދާނެ ގޮތަށް ނައްތާލަން. މިއީ ވަރަށް ބޮޑު އަމާނާތެއް. ޤުރުއާނާއި ސުންނަތާ ހިލާފު، ދެކޮޅު އަޅުގަނޑުމެންނށް ގަބޫލުކުރެވެނީ މިފަދަ ކަންކަމާ ހެދި. މިއީ ވަރަށް ވެސް ހިތާމަ ހުރި ކަމެއް."