މޯލްޑިވްސް ޑިފެންސް ފޯސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަލްމަރްޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު އަހަރީ ބަޑިމުބާރާތުން އެއްވަނަ ސ.ހިތަދޫ ޒާހިރާ މަންޒިލް ކޯޕްރަލް ނަސްރުއް ސަލާހް ހޯދައިފިއެވެ.
ދެ ގިންތިއަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ގިންތި 2،1 ގެ 1 ވަނަ ޓީމަށާއި މުބާރާތުގެ އެންމެ މޮޅު 10 ބަޑިޖެހުންތެރިންނަށާއި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވުނު ބަޑިޖެހުންތެރިންނަށް މެޑަލް އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމެވެ.
ގިންތި 1 ގެ 1 ވަނަ ޓީމަކަށް ހޮވުނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ހުޅުލޭ ޕޯސްޓެވެ. ގިންތި 2ގެ 1 ވަނަ ޓީމަކަށް ހޮވުނީ ސްޕެޝަލް ޕްރޮޓަކްޝަން ގްރޫޕް (އެސްޕީޖީ) އެވެ
މިމުބާރާތުގެ އެންމެމޮޅު ބަޑިޖެހުންތެރިއަކަށް ހޮވިފައި ވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 5 ގައި މަސައްކަތް ކުރައްވާ ކޯޕްރަލް ނަޞްރުއް ސަލާހެވެ.
އަދި ދެވަނަ ބަޑިޖެހުން ތެރިއަކަށް ހޮވިފައި ވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 5 ގައި މަސައްކަތް ކުރައްވާ ސާޖަންޓް މުޙައްމަދު ޢަބްދުﷲ އެވެ. އަދި މުބާރާތުގެ ތިންވަނ ބަޑިޖެހުންތެރިއަކަށް ހޮވިފައި ވަނީ މާލޭ އޭރިއާ ހުޅުލޭ ޕޯސްޓްގައި މަސައްކަތްކުރައްވާ ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީ އެވެ.
އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ބަޑި މުބާރާތެއްގައި ބައިވެރިވެ އައްޑޫއަށް ނިސްބަތްވާ ބައިވެރިއަކަށް އަދި މިހާތަނަށް މިފަދަ މަގާމެއް ލިބިފައި ނުވެއެވެ. މިކާމިޔާބީ އަކީ ސަދަން އޭރިއާ ކޮމާންޑަށް ވެސް ލިބުނު ފަހްރެއްކަމަށް އެކޮމާންޑުން ބުނެއެވެ.