Last Updated: November 23, 20:35
Saturday, November 23, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: މޮޑީ ޓޫރިޒަމާ ގުޅިލާމެހިފައި

މޮޑީއާ އެކީ އައިސީ.

ފުވައްމުލަކު ވިދުވަރުގޭ މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) 1977 ގެ ކުރީކޮޅު ވައްބިންފަރު ޕެރަޑައިސް އައިލެންޑްގެ މެނޭޖަރެއްގެ މަސައްކަތުން ޓުއަރިޒަމްގެ މަސައްކަތް ޢަމަލީ ގޮތުން ފެށުނީ އެވެ. އޭރު 15-20 އާ ކޮޓަރި ހިންގަމުން ދިޔައީ 6 މަސްދުވަހު ހިންގާފައު ސީޒަންއަށް ބަންދުކުރާ އުޞޫލުންނެވެ. އޭރު މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 25 ވަރަކަށް ދިވެހި މުވައްޒަފުންނެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ ކުރީކޮޅު ފެންޓަސީ ޝޮޕް ގެނައުމުގައި މެރިން ޑްރައިވް މިހާރު ސިލޯނު ބޭންކް އެހެރަ ހިސާބުގައި ސުވެނިއާ ޝޮޕެއް ހިންގުމުގެ ބައިވެރިންނަކީ ލަތީފް (ގޯގޯ)، ޙުސްނީ، ޢަފީފް އަދި މޮޑީ އެވެ. ލޯކަލް މުދަލާއި ތައިލެންޑްގެ ޓުއަރިޒަމް ހިނގަމުންދާތީ، އެތަނަށް ގޮސް ބަލާފައި އެތާންގެ ސުވެނިއާ ރާއްޖެ ގެނެސް ވިއްކަން ފެށުން ހަނދާންވާ ގޮތުން އެއީ އެންމެ ފުރަތަމަ ނޫނީ އެހާ ގިނަ ބަޔަކު އަދި އެކަން ކޮށެއް ނޫޅެ އެވެ.

ހަމަ ޔަގީނުން ވެސް ފެންޓަސީ ސުވެނިއާ ޝޮޕް އެއީ މެރިން ޑްރައިވްގެ ފުރަތަމަ ގެސްޓް ޝޮޕެވެ.

އެ ފެށުމާ އެކީ 1980 ގެ ފަހުކޮޅު ވެރިކަމުގެ ދައުރު ބަދަލުވެގެން ހިނގި ކަންތައްގަނޑުތެރޭ، ބައެއް ރަށްރަށް ސަރުކާރަށް ނަގައި އޭގެ ތެރެއިން ރަންނާޅި ނެގުމާއި އަދި ސަރުކާރުން އޭރު ހުށަހަޅަން އެ އޮންނަ ގޮތަށް އެކަން ކުރުމުގައި މޮޑީ އާއި ގޯގޯ މާލެ ހުވަދޫގެއާ ހެންވޭރު ގިނިރާހިގޭގެ ރަޖިސްޓްރީ ލައިގެން ސިލޯނުން ބޭންކް ގެރެންޓީއެއް ހޯދައިގެން ރަންނާޅި ހޯދުމުގައި ޙުސްނީ ވެސް ބައިވެރިވެގެން އެ ރަށަށް އެރި އިރު އޭރުގެ ގެތަކަކީ ފަން ބޭނުންކޮށްގެން، ވަރަށް އާދައިގެ ފެންވަރެއްގައި ކުރެވިފައި ހުންނަ މަސައްކަތަކަށްވާތީ، ހުރީ ވަރަށްބޮޑަށް ހަލާކުވެފައިކަމުން ރަށް މަރާމާތު ކުރުމުގައި އޭރު އުޅުނު ސްވިސް ބައެއްގެ (އެޑްރީން) ޑައިވިން ސްކޫލެއްގެ ފައިސާގެ އެހީއާ ވެސް އެކުގައި މަސައްކަތް ނިންމާލައި ޓުއަރިސްޓް ޚިދުމަތަށް 1980/1981 ގައި 30 ކޮޓަރި ސްވިސް އޮޕަރޭޓަރެއްގެ އެހީގައި ފަށައި ގަނެވުނެވެ.

އެއީ ރިސޯޓެއް ހުޅުވަން އެ ޒަމާނުގައި ވަޞީލަތްތަކާއި ފައިސާ އަދި ދަތުރުފަތުރު ހުންނަ ގޮތުން ވަރަށް ވަރަށް ބުރަކޮށް ގިނަ ވަގުތު ހޭދަކޮށްގެން އޮޕަރޭޝަނަށް ގެނެވުނު ރިސޯޓެކެވެ.

ދޮޅު އަހަރެއްހާ ދުވަހު ރިސޯޓް އޮޕަރޭޝަންގައި އުޅުމަށް ފަހު ރަންނާޅީގެ މަސައްކަތް މޮޑީ އެހިސާބުން ނިންމާލީ އެވެ.
1980 ގެ ކުރީކޮޅު ޔުނިވަރސަލް ޓްރެވަލް ޑިޕާރޓްމަންޓްގެ މެނޭޖަރ ކަމާ މޮޑީ ހަވާލުވެގެން މަސައްކަތް ފަށައިގަތެވެ.
އެއީ ރާއްޖޭގައި ހުޅުވި (މެރިން ޑްރައިވްގައި) އެންމެ ފުރަތަމަ އެއް ޓްރެވަލް އޮފީސްކަމުގައި ވާނެ އެވެ. ކޮންޑޯ މަތިންދާބޯޓް ފުރަތަމަ ޖެއްސީ މޮޑީ ޓްރެވަލް އޮފީހުގެ މަސައްކަތް ކުރުމުގެ ތެރޭންނެވެ. ޓީޔޫއައި، ޖަރުމަންގެ އެންމެބޮޑު އެއް ޓްރެވަލް އޭޖެންޓް މާލޭގައި ބޭސްވެ ހުރެ ޔުނިވަރސަލް ޓްރެވަލް ޑިޕާރޓްމަންޓްގައި މަސައްކަތްކުރަން ފެށުން އެއީ ރާއްޖޭގެ އޭރު ހުރި ރިސޯޓްތަކަށް އަންނަ ޖަރުމަން ޓުއަރިސްޓުންގެ ޚިދުމަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ. ހަތަރު ވަރަކަށް އަހަރު ކުރެވުނު މަސައްކަތާ އެކު ޓްރެވަލް އޮފީހުގެ މޮޑީގެ ދައުރު ނިންމާލީމެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅު ޤާސިމް އިބްރާހިމް އަލަށް ރިސޯޓެއް ބައްލަވައިގެން އެ މަސައްކަތުގައި އެންމެ އިސް މީހެއްގެ ގޮތުން ޤާސިމާ އެކީ މަސައްކަތް ފަށައިގަތީ މޮޑީ އެވެ. އޭރު ޓުއަރިޒަމް އޮތް ހިސާބުން އޭގެ ތަޖުރިބާ އަށް ބަލާފައި ސެކަންޑް ޖެނެރޭޝަން ރިސޯޓެއް ހެދުމުގެ ވިސްނުމުގަ އެވެ. އަދި މައިޒާން ޙަސަންބެ އާއި އަޙުމަދު ޢައްބާސް އާއި މޮޑީ ކުޑައިރުއްސުރެ ގާތް ދެ ރަޙުމަތްތެރީން އެރަށް ކުރެހުމަށް ހަމަޖެހި ޤާސމްގެ ވެސް ވިސްނުންފުޅާ އެކީ ފަށައިގަތް މަސައްކަތް 1989 ގައި ރިސޯޓް ހުޅުވިގެން ދިޔަދިއުން ވެގެން ދިޔައީ އަސްލުގައި ވެސް ސެކަންޑް ޖެނެރޭޝަންގެ ރިސޯރޓެއް ހުޅުވުމުގެ އިންގިލާބެއް ގެނައި ރަށަކަށެވެ.

އަޅުގަނޑަންވެސް މޮޑީގެ ޖީއެމްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔައީ ފަންއައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓަށް ދެވުނީ އޭރުގެ ހޮޓެލް ސްކޫލް ނިންމާފައި 1987 ގެ ފަހުކޮޅު އެވެ. އޭރު ބުރަކޮށް ކޮންސްޓްރަކްޝަން ހިނގަމުންދާކަމީ އަޅުގަނޑު އެ ރަށަށް ދިޔައީ ސިމެންތި ބަރުކޮށްފައި އޮތް ދޯންޏަކުންނެވެ.

މައިޒާން ޙަސަންބެ ބުނި ބުނުމަކަށް ވިލާ ހެޑް އޮފީހަށް ދިއުމުން އޮފީހުގެ ތިރީގައި ދެތިން މޭޒުގައި މީހުން ތިއްބެވެ. ދެ މީހަކު ތިބީ ވަތުތައްޓަށް ކިރުސައި އަޅައިގެން ބޮޑު ބަނަސް ފޯކޮށްގެން ވަރަށްވެގެން ސައިބޯށެވެ. އަޅުގަނޑުގެ ސާދާ އެންމެ ފޮނި ދުވަސްވަރެވެ. އޭގެ ދެ ރޭ ކުރިން ހޮޓެލްސްކޫލުގެ ސެޓްފިކެޓް ލިބިގެން މޮޅުކޮށް ފާސް ހިފައިގެން އަތުކުރީގައި ލެދަރު ގަޑި އަޅައިގެން ކަރުގައި ދެ ފަށް އަޅައިގެން ތިބި ޒަމާނެވެ.

އޮފީސް ކުރިމައްޗަށް އެރުމާ އެކީ، ބުރުމާ ޤާސިމް އެބައުޅޭހޭ އަހާލުމުން އެންމެންގެ މޫނުމަތި ބަދަލުވުމާ އެކު ހަރު އަޑަކުން އަހާލީ ބުރުމާ ޤާސިމް ފެނުނިއްޔާ އެނގޭނެހޭ، ބޯ ހޫރާލަމުން ނޫނެކޭ ބުނުމުން ބުނީ ކުރިމަތީ ގޮނޑި ދައްކާފައި އިށިންނާށޭ، ތީ ކޮން ކުއްޖެއްހޭ، އަޅުގަނޑު ބުނިން ރޭ ހޮޓެލް ސްކޫލް ނިމުން ކުއްޖެކޭ ބުނުމުން ވަރަށް ހިނި އައިއްސަ ފޯނު ނަގާފައި ގުޅާލީ ރިސޯޓަށެވެ. އަދި ހޯދާފައި ބުނީ ހޭހޭ ރޭގަ ޖަލްސާ އަށް ނުދިޔަސް އޭގެ ކުއްޖަކު އަތުވެއްޖޭ، ތިކޮޅަށް ފޮނުވަންހޭ، ފޯނު ބޭއްވުމާ އެކީ ބުނީ ވަރަށް ބައިވަރު އުނދުނާއި ތައްޓާ އެހެން ގޮސް ބައިވަރު ބައިވަރު އެއްޗެހި ހުންނާނޭ، ކައްކަން އެނގޭހޭ، އަނެއް ދުވަހު ފުރައިގެން ގޮސް މޮޑީއާ ދިމާވެ މަސައްކަތް ފަށައިގަތީ ސްޓޮކް ނެގުމާ ބޭރު ސަޕްލަޔަރުންގެ ކަންތައް ބެލެހެއްޓުމާ އެހެން މިހެން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ރަށް ނިމެމުން ދިއުމުގެ އުފާ ބޮޑެވެ.

މޮޑީގެ މަސައްކަތް ވަރަށް އިންތިޒާމްވެގެން ކުރުމާއި އަދި ކޮންމެ ކޮންމެ ގޮތެއް ގަބޫލު ނުކުރާ ރަހަޔަށް، އޮލަނބަށް، ތަރުތީބުން ކަންކަން އެތުރިފައި ހުންނަ ގޮތަށް މަސައްކަތް ބައްޓަންކޮށް މަސައްކަތް ރޭވުންތެރި ކަމާއެކީ ކުރާތަން އެއީ އަޅުގަނޑަށް މޮޑީގެ މަސައްކަތުން ފެނިގެންދިޔަ މުހިއްމު ކަމެކެވެ. އެންމެ ފަތިހު ބީޗް ކުނިކަހަން ނިކުންނަ މުވައްޒަފުންނާއެކު މޮޑީގެ ދުވަހު މަސައްކަތް ފެށިގެންދާކަމީ ފާހަގަކުރެވޭ ކަމެކެވެ.

ފަން އައިލެންޑް ހުޅުވިގެން ދިޔައިރު އެއީ މުވައްޒަފުންގެ ކޮޓަރިއަށް ފޯނު، ޔުނިފޯމް ހުރިހާ މުވައްޒަފުންނަށް، އަދި އަމިއްލަ ލައުންޑްރީ، އޭސީ ކޮޓަރި، އަދި މިސްކިތް އޭސީކޮށް، މުށިޖަހާ، ސީލިން ކޮށް ކުލަ ލެވިފައި ހުރި މުވައްޒަފުންގެ ގެތަކަކާ އެކު ޕްލާންޓުން ހަދާ ފެން ފާޚާނާތަކަށް އާއްމުކޮށް ދޫކުރެވިގެން ހުޅުވުނު ފުރަތަމަ ރިސޯޓް ކަމުގައި ވާނެއެވެ.

ރިސޯޓްގެ ޓުއަރިސްޓް ޚިދުމަތަށް ބަލާލިޔަސް ކެއުންބުއިމުގެ ސާމާނާ ބަދިގެ ކައްކާ އަށް އޮފީހެއް، ތަށިދޮންނަ މެޝިން، ބޭކަރީ، ފުށް މޮޑޭ މެޝިން، ބްރެޑް ސްލައިސާ، ޒަމާނީ މަސައްކަތަށް ފަސޭހަ ރިސޯޓަކަށް އެތަން ހެދުމުގައި ޤާސިމްގެ ޖީއެމް މޮޑީ ރިސޯޓް ހިންގުމުގެ ތަޖުރިބާ އެމަސައްކަތްތަކުން ފެނިގެން ދިޔަ އެވެ.

އޭރުގެ އެންމެ ރަނގަޅު ރިސޯޓްތަކުގައި އުޅެފައި އައި ވެއިޓަރުންގެ ވާހަކައިން އޮޅުން ފިލައިގެން ދިޔައީ މަސައްކަތަށް ބޭނުންވާ ސާމާނު ހަމަޔަށް ހުރުމާ ކަންކަން ފަސޭހަ މަގުން ކުރެވޭނެ ގޮތް މެނޭޖްމަންޓުން އިންތިޒާމް ކުރެވިފައި ހުރުމެވެ. އަދި ގެސްޓް ކޮޓަރިތައް ހަދާފައި ހުރީ އެއްވެސް ދިމާޔަކުން އެތެރެ ނުފެންނަ ގޮތަށް ފުލް އޭސީކޮށް ގެސްޓުންނަށް ޕްރައިވެސީ ރޭގަނޑު ވެސް ޝައްކު ނުއުފެދޭ ފެންވަރުގަ އެވެ.

މި ބުނި ވާހަކަ އޭރުގެ ރިސޯޓްގެ ވެރިން ފެށިގެން އެންމެ އާދައިގެ މީހާ އަށް ވެސް އެނގޭނެ އެވެ. މި ދެންނެވުނު ކަންކަމުން އެއީ ސެކަންޑް ޖެނެރޭޝަން ރިސޯޓް ހެދުމާ ހުޅުވުމުގައި ޤާސިމަށް އެންމެ ގިނަ ޚިޔާލާ ޚިދުމަތް ކޮށްދެއްވާ، މެނޭޖްމަންޓް ތަރުތީބުކޮށްދެއްވި ބޭފުޅަކީ މޮޑީ އެވެ. މި މަސައްކަތަކީ ވިލާ ޓުއަރިޒަމްގެ ފުރަތަމަ ރިސޯޓަށް ވެގެން ދިއުން އެއީ ވަރަށް އަގުހުރި މަސައްކަތެއްކަން ވަރަށް ކައިރިން އަޅުގަނޑު ދެކުނީމެވެ. އަދި ރިސޯރޓަކަށް ފުރަތަމަ ޕޯޝަން ޕެކެޓް ބުފޭ އަދި ކުކިން އޮއިލް ތާންގީގައި، މިލްކްޕައުޑަރު ބަސްދާތަކުގައި ގެންނަން ފެށި ފުރަތަމަ ރިސޯޓް ކަމުގައި ގަބޫލު ކުރެވެ އެވެ.

ބައެއް ރިސޯރޓް އޯނަރުން ފަން އައިލެންޑަށް އައިސް އެކަންކަން ފެނި އެމަންޒަރު ބަލާ ހިތްޕުޅާނުވެ ބައެއް ކަހަލަ ބަސްތައް އަމާޒުވެގެން ދިޔަ އަޑު ވަރަށް ކައިރިން އިވުނު ހަނދާން އެބަހުއްޓެވެ. އެއީ އެ ދުވަހެވެ.

އޭގެ ފަހުން 1990 ގެ ކުރީކޮޅު ބަރޮސްގެ ޖީއެމްކަމާ މޮޑީ ޙަވާލުވެ ގިނަ މަސައްކަތްތަކެއް އޭރުގެ ޔުނިވާސަލްގެ ޑިރެކްޓަރު ޑރ. މަނިކާ އެއްކޮށް ކުރެވުނެވެ. އެއީ ރާއްޖޭގެ ވޯޓާވިލާގެ ކުރީކޮޅު ކަމަށްވެފައި ބަރޮހުގައި ޒަމާނީ ފެންވަރުގެ ވޯޓަާވިލާ އެޅުމާއި އެއާ ގުޅޭ ޚިދުމަތްދޭ ފެންވަރުގެ ރެސްޓޯރަންޓް އަދި ބާބަކިއު ޓެރަސް، ހައުސްކީޕިން އަދި މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ ފެންވަރުގެ މަސައްކަތްތަކެއް ކުރެވުނެވެ. އަދި 1999 ގައި މޮޑީ ބަރޮހުން ނިންމާލި އިރު، އޭރުގެ ފުވައްމުލަކު ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ޢިއްޒަތްތެރި މެމްބަރުކަން ވެސް ދިޔައީ ކުރައްވަމުންނެވެ.

އެކަމަކު 1999 ގައި ޔުނިވާސަލް ހެޑް އޮފީހުގައި މޮޑީ ދެ އަހަރެއްހާ ދުވަހު މަސައްކަތްތަކެއް އެގްޒެކެޓިވެއްގެ ގޮތުގައި ޕްރޮކިއުމަންޓް ކަންތައް ބެލެހެއްޓުމުގައި އުޅުއްވި އިރު އަދި ރިސޯޓްތަކުގެ މަސައްކަތުގެ ތަޖުރިބާއާ އެކު އޭރު މަސައްކަތަށް ބޭނުންވާ ބައެއް ކަހަލަ ސާމާނު، އަގުބޮޑު ތަށީމުއްޓާ ފާޚާނާގެ އެކިކަހަލަ ފިޓިންގްސް އާއި ލައިޓް ކަހަލަ ސާމާނު ހޯދުމުގެ ދަތި އުނދަގޫ ތަޖުރިބާއަށް ބަލާފައި އެބާވަތުގެ ސާމާނުވިއްކާ ފިހާރައެއް އެހެން ގާތް ޕާޓްނަރުންނާ އެކީ ފަށައިގަތުން އަދިވެސް ކުރިއަށްދާ ވިޔަވާރިއެކެވެ.

ހެންވޭރު އިރު ބޯޅަދަނޑާ ޖެހިގެން ކަންމަތީގަ ހުންނަ "ނިއު އޭޖް" ފިހާރަ އިން އޭރުގެ ރަންގަލި، ފުލްމޫން، ފޯސީޒަން އެހެން ގޮސް ބައެއް ބްރޭންޑާޑް ރިސޯޓްތަކަށް އެމެރިކާ އަދި ޔޫރަޕް ސާމާނު ސަޕްލައި ކޮށްދެވުނެވެ. އެކަމުގައި އުޅުން އެއީ ވިސްނުންތެރިކަމާއެކީ ގިނަ ވަގުތު ރިސޯޓްތަކުގެ ޕްރޮޖެކްޓް މެނޭޖަރު އަދި ވެރިންނާ އެކީ އުނދަގޫކޮށް ނިންމާލެވޭ އިރު ހިތްހަމަޖެހޭ މަސައްކަތެވެ.

ދެހާހުގެ ކުރީކޮޅު ވިލާ ހޮޓެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ މޮޑީ ޙަވާލުވެ އޭރު ރާއްޖޭގައި ހަދަމުން ދިޔަ އެންމެ ބޮޑު ރިސޯޓްގެ މަސައްކަތުގައި ވިލާގެ މެނޭޖިން ޑިރެކްޓަރު ޤާސިމާ އެކީ ދަތުރުކޮށް އެ ޕްރޮޖެކްޓަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިއެވެ. ވިލާ ކުންފުނީގައި ދެ އަހަރެއްހާ ދުވަހު މޮޑީ މަސައްކަތް ކުރުން ވެގެން ދިޔައީ ކުންފުނިތަކުގައި މަސައްކަތްކުރުމުގެ ނިމުންކަމުގައެވެ. މިއަދު މީ އެހެން ދުވަހެކެވެ.

ލޯކަލް ޓުއަރިޒަމް ގެންނަށް ސިޔާސީ ގޮތުން ކުރި މަސައްކަތުގެ ތެރެއިން އަމިއްލަ ރަށް ފުވައްމުލަކުގައި ރަށު ރައްޔިތުންގެ ތެރެއިން ޒުވާން ކުދިން އެރަށް މާރކެޓްކޮށް ދުނިޔެއަށް އިޝްތިހާރު ކުރަމުން ދިޔައިރު އެއީ ދުނިޔޭގެ މަޤްބޫލު ޑައިވިންގ ސްޕޮޓަކަށްވެ ދުނިޔޭގެ އަގުބޮޑު ސުޕަރ ޔޮޓްގައި މިލިއަނަރުން ފެށިގެން ޓައިގާ ޝާކް އަދި އޯޝަން މަންތާ ފަދަ ޑައިވްތައްކުރުމަށް ޒިޔާރަތް ކުރުމާއި އިޝްތިހާރުވެގެން މަޝްހޫރުކަން ހޯދަމުން ދިޔައިރު މޮޑީ ގެންދެވީ ގެސްޓުންނަށް އަގުބޮޑު ވިލާއެއް ތައްޔާރުކޮށް ޚިދުމަތް ދެވޭނެ ގޮތް ފަހިކުރަމުންނެވެ. އަދި ޑައިވިން ސްކޫލްތަކަށް އަގުބޮޑު ގެސްޓުންގެ ޑައިވްތައް ފަހިކޮށް ދެމުންނެވެ. އެގޮތުން މަތިންދާބޯޓް ޗާޓަރުކޮށްގެން ފުވައްމުލަކަށް އާއިލާ އައިސް އަލަފެހި ރިޓްރީޓްގެ (މޮޑީގެ ގެސްޓްވިލާ) ޚިދުމަތް ލިބި އެ ރަށުގެ ޑައިވިން ސްކޫލްތަކުން ޑައިވްކޮށް ރަށު ޒުވާނުންގެ ބުރަ މަސައްކަތަށް ތަޖުރިބާ އާއު އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެންމެފަހުން މިދިޔަ އަހަރު އަޅުގަނޑާ ފުވައްމުލަކަށް ކުރި ދަތުރުން ދިމާވީ ރަޝިޔާ ފުޓްބޯޅަ ޓީމްގެ މިޑްފީލްޑަރު އަދި ކައްޕިއާ އެވެ. އެއީވެސް އަލަފެހި ރިޓްރީޓުންނެވެ. މޮޑީގެ ވިލާއިންނެވެ. އެއީ ރިޕީޓަރެކެވެ.

މޮޑީގެ ޓުއަރިޒަމް ޚިދުމަތް އެއީ އަގު ނުކުރެވޭ ވަރުގެ ބޮޑު ޚިދުމަތެއްކަން ވަރަށް ގިނަ މުވައްޒަފުންގެ މެނޭޖަރުކަން ކޮށް އަދި އެޒަމާނުގެ ވަޞީލަތާއެކު ތަމްރީނުކޮށް އެހީތެރި ވެދެއްވި ރާއްޖޭގެ ނަންކިޔާ ޖެނެރަލް މެނޭޖަރެކެވެ. މޮޑީ ޓުއަރިޒަމަށް 50 އަހަރު ވީއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް
ވަނަ އަހަރު މިވަރު ބައެއްތެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.