ރާއްޖޭގައި ކުރިން އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި މަސައްކަތްކުރަމުން އައި ޕްރައިމަރީ ހެލްތު ވޯކަރުންގެ ދައުރު އަލުން އިޔާދަކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން ބުނީ ޕްރައިމަރީ ހެލްތު ވޯކަރުން ނަގާނީ ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ އާބާދީ އަށް ބެލުމަށް ފަހު ކަމަށެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ މިހާރަށް ވުރެ ވަރުގަދަކޮށް ޕްރައިމަރީ ހެލްތު ކެއާ ޔުނިޓެއް ގާއިމްކުރުން ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ރަނގަޅުކުރަން ކުރާ މަސައްކަތަށް ހެލްތު ވޯކަރުންގެ ދައުރު ވަރަށް ވެސް މުހިއްމު ކަމަށާއި އަލުން އެ މީހުންގެ ބޭނުން ހިފަން ފެށުމުން ބޮޑެތި ބަދަލުތަކެއް ވެސް ފެންނާނެ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި ހެލްތު ވޯކަރުންގެ ދައުރު މިހާރު އެންމެ މުހިއްމު އެއް ސަބަބަކީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ އެކީ އާންމު ސިއްހަތަށް ބެލޭ މިންވަރު ކުޑަވުމާ އެކު ގެންގުޅެވޭ އާދަތަކުން ބައެއް ކަހަލަ ބަލިތައް ވެސް މިހާރު އިތުރުވަމުންދާތީ އެކަމާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ.
އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅި އަށް އައި ބަދަލުތަކާ ގުޅިގެން ކެއިންބުއިމުގެ އާދަތަކަށް އައި ނުރަނގަޅު ބަދަލުތަކާ އެޖީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި ހިތުގެ މައްސަލަތައް ފަދަ ބަލިތައް ދަނީ އިތުރުވަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަން ހެލްތު ވޯކަރުންގެ ދައުރު ބޮޑު ކަމަށާއި ވަރަށް އަވަހަށް ޕްރައިމަރީ ހެލްތު ވޯކަރުން ތަމްރީނު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ މީހުންގެ ދައުރު ފުޅާކުރާނެ ކަމަށް ބުންޏެވެ. މިނިސްޓްރީން ބުނީ މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށޭނެ ކަމަށެވެ.