ހދ. ކުޅުދުއްފުށީ ޢަލީ ޝާކިރުގެ ޤާސިމް ޢަލީ ނުވަތަ ރިސޯޓް ނަމުން ނަމަ ހަކުރޭ 1976 ގައި އައިސްގޭ ވެއިޓަރެއްގެ މަސައްކަތް ފަށައިގަތުން ވެގެން ދިޔައީ ޓުއަރިޒަމްގެ މަސައްކަތަށް ހިތްޖެހިގެންދިޔަ ފެށުމެއް ކަމުގައެވެ. އައިސްގެ އަކީ 1970 ގެ ތެރޭ މާލޭގައި ދިރިއުޅޭ މީސްކޮޅާ އެކަށީގެންވާ ރެސްޓޯރަންޓެއްކަމުން އޭރު އުޅުނު މަދު ޒުވާނުންކޮޅެއްގެ އެންމެ މަޤުބޫލު ރެސްޓޯރަންޓް އަދި ދެޖިންސުގެ މުނިފޫހި ފިލުވުމާއި ކޮންމެ ވީކެންޑެއްގައި އޭރުގެ އެންމެ މަޝްހޫރު ކުއިކްސޭންޑް ބޭންޑްގެ ވެސްޓަން މިއުޒިކް ކުޅެމުންދާކަމީ ޒުވާނުންގެ އުފާ، އެ ޒަމާނަށް ބަލާފައި ވަރަށް އުފާވެރި މާޙައުލެއްކަން ވަރަށް ގިނަ ޖޯލިފަތިން އަދި ދަތުރުތަކުން ރިސޯޓް ބޭންޑް ނައިޓް ގާތް މީހުންގެ ފަރާތުން ޢާއްމުކޮށް އިވޭ އަޑެކެވެ.
އެފަދަ ތަނެއް ނެތުން ނޫނީ ބަންދުވެގެން ދިއުން އެއީ ޒުވާނުން ހަމަމަގުން ނެއްޓެން ދިމާވި ސަބަބެއް ކަމުގައި ދެކެވޭ ވާހަކަ ވެސް އަޑު އިވިފައި ހުރީ މަދެއްކޮށް ނޫނެވެ. ހަކުރޭގެ ވާހަކަ އިން އެނގި ގެން ދިޔައީ އޭރު އައިސްގެއިން ރައްޓެހިވެގެން އުޅޭ ގާލްފްރެންޓް ނޫނީ ކޮންމެވެސް މީހެއްގެ ގާލްފްރެންޑެއް ގޮވައިގެން އައިސްކްރީމެއް ބުއިން ފިސާރި ކަމެއް ކަމަށް އަދި ޑްރިންކްސް އާއި ޝޯޓްއީޓްސް ލިބެން ހުރުން އެއީ އިތުރަށް ތަނުގެ ވިޔަފާރި އިތުރުވެ އޭރުގެ އަންހެން ކުދިންނަށް ތިއްތިދެއްކިލަން ވެސް އެންމެ ފަހުގެ ފެޝަންގެ ހެދުން އަޅައިގެން ޖަހާ ބުރު ނިމެނީ އައިސްގެއިން ކަމަށެވެ. އަދި އައިސްގޭގެ ވާހަކަ ކިޔައިދެމުން ދިޔައިރު އެނގުނީ މީވާ ފިސާރި ތަނެއް ކަމެވެ.
އެދުވަސްވަރު ކުއިކް ސޭންޑް ބޭންޑް ރިސޯޓްތަކަށް ދާރޭރޭ ސައުންޑް ބޯއީއަކަށް ވަރަ ށްގިނަ ރޭރޭ ގޮސްފައި ހުންނާނެ ކަމަށް ބުންޏެވެ. އަދި އެއީ ރިސޯޓްތަކާ ދޯޅުވުމުގެ ފެށުން ކަމުގައިވެ 1978 ގައި އުމުރުން 18 އަހަރު ހަމަ ފުރުނު ތަނާހެން ކުރަމަތި ރިސޯޓަށް ވަޒީފާއަށް ދިއުން ވެގެން ދިޔައީ 2016 އާ ހަމަޔަށް ޓުއަރިޒަމްގެ މަސައްކަތުގައި ދެމިހުރުމުގެ ފެށުން ކަމުގަ އެވެ.
މަސައްކަތް ފަށައިގަތީ ރެސްޓޯރަންޓް ވެއިޓަރުކަމުންނެވެ.
އޭރު ހުންނަނީ 24 ކޮޓަރިއަށް ޚިދުމަތް ދޭން ފެންގެންނަ ގޮތް ކިޔައިދެމުން ބުނީ ތާންގީ މަތި ކަނޑައިގެން އަލިފާން ރޯކޮށްގެން އޭގެ ވަސް ކަނޑުވައިގެން އެތެރޭގައި ސިމެންތި ލައިގެން ޖެހިގެން އޮތް ރަސްދު އަށް ގޮސް އެއަށް ފެން ބަރުކޮށްގެން އެ ރައްކާކޮށްގެން ފެނުގެ ސްޓޮކް ގެންގުޅޭ ގޮތް ސާފުކޮށް ކިޔައި ދިނެވެ. އަދި އޭރު ކާންދިނުމުގެ ކަންތައް އޮންނަނީ ސެޓް މެނޫ ކަމަށާއި ޑިޕާޗާ ނައިޓް ނޫނީ އެރައިވަލް ނައިޓްގަ ބުފޭވެސް އޮންނަ ވާހަކަ އާއި ބާއިން ބައެއް ކަހަލަ ލުއި އެއްޗިހި ބައެއް ގަޑިގަޑީގައި ލިބެން ހުންނަ ކަމަށް އެއީ އޭރުގެ ކެއުމުގެ ކަންތައް ހަމަޖެހިފައި އޮންނަ ގޮތް ކަމަށް ހަކުރޭ ބުނެދިނެވެ.
އަރިއަތޮޅުގައި ފެށުނު އެންމެ ފުރަތަމަ އެއް ރަށްކަމުން އޭރުގެ ދަތުރުފަތުރުގެ ކަންތަކަށް ބަލާފައި ސަޕްލައި ރިސޯޓަށް ބޭނުންވާ ހުރިހާ ވައްތަރެއް ހަފްތާއަކު އެއް ދުވަހު ލިބޭ ގޮތަށް ދަތުރުތައް ރާވާފައި އޮންނަ ކަމަށެވެ. އަދި 1970 ގެ ފަހުކޮޅުކަމުން އޭރުގެ އެންމެ އުނދަގޫ އެއް ކަމަކީ މުއާޞަލާތީ ގުޅުން ކަމަށާއި ފިސާރި ބެޓެރީ ލައްވާ ވޯކީޓޯކީއެއްކަން އެއިން ގުޅުން އޮންނަނީ ވަކި ގަޑިއެއްގައި، އޭރުން ސާފުކޮށް އެކިޔާ ނުކިޔާއެއް އަޑުއިވެނީ، ބައެއްފަހަރު ލައްކަ މަސައްކަތުން ލިސްޓެއްގެ ސާމާނު ކިޔައި ނިންމާލެވޭނީ، އަދި އޮޅުންއަރާ ފަހަރު ވެސް މަދެއްކޮށް ނޫން ދިމާވަނީ، އެހެންގޮސް ރޭޑިއޯ ސެޓަށް ބަދަލުވެ، 1980 ގެ ކުރީކޮޅު ފޯނު ލައިނެއް ލެވިގެން މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔައެވެ.
އަށްޑިހައިގައި ވެއިޓަރިކަން ލިބި އަދި 82 ގެ ފަހުކޮޅު ރެސްޓޯރަންޓް ކެޕްޓަނެއްގެ ވަޒީފާ އެއީ ދެން މުޅި ރަށުގެ ކެއުންބުއިން، ހޮޓާ ބަހުން ނަމަ ފުޑް އެންޑް ބެވަރޭޖްގެ އެންމެ އިސް މީހަކަށް ހުރެ އިތުރު ޒިންމާތަކާ އެކު އޭރު އޮންނަ ގޮތުން މުޅި އޮޕަރޭޝަން އެރައިވަލް، ޑިޕާޗާ، އެކްސްކާޝަން، ނައިޓް ފިޝިން ހޭލީއްސުރެ ޖެހުނު ގިނަ މަސައްކަތެއް ވަރަށް ކުރާ ހިތުން ގަޔާވެގެން ކުރަމުން ދިއުން އެއީ ކުރިއަރަމުން ދިއުމުގެ އަސްލު ކަމަށް ހަކުރޭ ބުނެ އެވެ.
ފުރަތަމަ ރިސޯޓް މެނޭޖަރަކަށް ހުރީ ޙުސެން ރަޝީދު، އިންޑަސްޓްރީ ނަމުން ނަމަ ނަކައްޗާ ޙުސެން، ދާދި މިދާކަށް ދުވަހު ޙުސެން ވަނީ އަހަރެމެންނާ ވަކިވެ ގޮސްފަ އެވެ. ޙުސެން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އޭރު 50 ކޮޓަރިއަށް ވުރެ އޮޕަރޭޝަން އިތުރުވެއްޖެ އެވެ.
އަށްޑިހަ ހަތަރެއްގައި އެފްއެންޑްބީ ކޯޑިނޭޓަރަކަށް މަގާމު ބަދަލުވެ ރަށުގެ އެންމެ އިސް ދެތިން މީހުންތެރޭ އެހެނިހެން ގިނަ ކަންތަކާ ވެސް ޙަވާލުވެގެން ޚާއްޞަކޮށް ކުރެވޭ ކޮންސްޓްރަކްޝަން އެއީ ވަރަށްބޮޑަށް އެކަމުގެތެރޭ އުޅެވެމުންދާ އިރު އަބަދުވެސް ކޮންމެ މަސައްކަތެއްވެސް ކޮޓަރީން ފެށިގެން ރެސްޓޯރަންޓް އަދި އެހެން މަސައްކަތެއް ކަމުގައި ވިޔަސް ނިމުން އޮންނާނީ ލަސްވެފަ އެވެ. ގެސްޓުން އެރައިވް ވާއިރު ހޭލާ ދެތިންރޭ، ހޭލައޭ ބުންޏަސް ދޮގަކަށް ނުވާނެ، އެވެ.
އޭރު މަސައްކަތް ނިމޭ ގޮތަކީ، މަސައްކަތަކަށް ފަހު މަސައްކަތެއް ކުރަމުން ނިންމަމުން ދާވަރަކަށް ކޮންސްޓްރަކްޝަން، ޕްރޮޖެކްޓް އަދި ފަހުން ލޭންޑް ސްކޭޕްވެސް ދިޔައީ ވަރަށް ބޮޑަށް ކަމުތެރެއަށް ވަދެވުމާ އިންޓްރެސްޓް އިތުރުވެ އަދި ކުންފުނީގެ ވެރީންގެ އިތުބާރު ލިބެމުން، 84 ގައި ކުރަމަތި ކްލަބްގެ ނަމުގައި މުޅީން ވަކިން ރެސްޓޯރަންޓް އާއި ބާރ އަދި ރިސެޕްޝަން ސާވިސް ހުރިހާ ފެސިލިޓީސްއަކާ އެއްކޮށް ހުޅުވުމުގެ މަސައްކަތް އެއީ އަނެއްކާވެސް މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.
އޭރުގެ މަސައްކަތުގެ ކުރިއެރުމޭ މި ސިފަކުރަނީ، ރިސޯޓް ހަދަން ގެންނަ ސާމާނު ޕްރޮޖެކްޓަކަށް ފަހު ޕްރޮޖެކްޓެއްގަ ދާނީ ތަފާތުވަމުން، ފާޚާނާއިން ފެށިގެން އިސްކުރު މިހެން ގޮސް މުޅިން އާ ތަފާތު އެއްޗިހި، ސާވީސް ފަސޭހަކުރުމާއި ރީތި، ސާފު، ނަލަ އެއްޗެހިކަމުން މަސައްކަތަށް ހޭނުމާއި އަދި މި އޮޕަރޭޝަން އަށް އައުމުން ތަން މެއިންޓެނަންސް ކޮށް އެއް ފެންވަރެއްގައި ބެހެއްޓުމުގެ މަސައްކަތުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން ރޭވުންތެރި ކަމާއެކީ މަޑުމަޑުން މަސައްކަތް ބަދަލުވަމުން ދިއުން އެއީ ލިބިގެންދިޔަ ކުރިއެރުމެވެ.
އަށްޑިހަ ހަތަރު ވަ ނަ ހިސާބުގައި މެނޭޖަރަކަށް ހުންނެވީ އަފްޒަލް، އޭރު އަހަރެން މަސައްކަތް ކުރަމުން ދިޔައީ ސީނިއާ މެނޭޖްމަންޓްގެ އިސް ވެރިއެއްގެ ގޮތުގައި ގިނަ ޒިންމާތަކެއް ނަގައިގެންނެވެ.
އަަށްޑިހަ ފައެއްގެ ހިސާބު 20 ވޯޓާ ވިލާ އާއި 30 ބީޗް ވިލާގެ ވަކިން ހުރިހާ ސަވީސްއެއް ލިބޭ ގޮތަށް ކުރެވުނު މަސައްކަތަކީ ވެސް އިތުރު ކުރިއެރުމަކާ ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ އަދި އިތުރު ކުރިއެރުމެއް، އޭރު ވެސް ރަށުގެ މައިގަނޑު އެފްއެންޑްބީ ކަންތައް ބެލެހެއްޓުމާ އަދި މެއިންޓެނަންސް އަދި ލޭންޑްސްކޭޕިން ކަންތައް ބެލެހެއްޓުމުގައި ބުރަކޮށް އުޅެވެމުން ދިޔަ ދުވަސްވަރެކެވެ.
އަދި 1987 ހިސާބުގައި ބްލޫ ލެގޫން މެނޭޖަރަކަށް ލަޠީފް ޙަވާލުވެ އިތުރަށް މަސައްކަތްތައް ރޭވި މެއިންޓެނަންސް 100 ޕަސެންޓް ހުރިހާ ދިމާލެއްގައި ބެލެހެއްޓުނު ކަމުގެ ޔަޤީންކަން މިއަދުވެސް ފަސޭހަކޮށް ބުނެލެވޭނެ އެވެ. އޭގެ ފަހުން 1990 ގެ ތެރެއަށް އަޅާލި އިރު ދެން ސާވީސްއާ ދޭތެރޭ ވަރަށް ބޮޑަށް ޓޮޕް މެނޭޖްމަންޓް ވިސްނާ، އެކަމުގެ މާހިރުން، ޝެފުން، އެފްއެންޑްބީ އަދި އެހެނިހެން ސާވީސް ދާއިރާގެ ކޮންސަލްޓެންޓް ޓްރެއިނަރުން ގެނެސް ތަނުގެ ސްޓޭންޑަރޑް މައްޗަށް ޖެއްސުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދިއުމާ އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމުގައި އަދި ތަފާތު ފެނުނެވެ.
ދެހާހުގެ އަހަރުތަކުތެރޭ ފައިވް ސްޓާ ސްޓޭންޑާޑްގެ ވަރަށް ބޮޑު މަޝްރޫޢެއް ފެށި 2000 އެއްހާ މީހުން ގޮވައިގެން 80 ވޯޓާ ވިލާ އަދި 80 ލޭންޑް ރޫމް މުޅިން އަލަށް ރިސޯޓެއް ހުޅުވުން، 4 އައުޓްލެޓް ރިސެޕްޝަން އަދި ސަޕޯޓް ސާވީސް ގޮސް ވަކި ރިސޯޓެއް ހިންގަން ބޭނުންވާ ހުރިހާ މަސައްކަތެއް ނިންމާލުން އެއީ އިންޑަސްޓްރީގައި ކުރެވުނު އެންމެ ޗެލެންޖިން އަދި ކޮންސްޓްރަކްޝަންތެރޭ އެހާ ގިނަ މީހުން މަސައްކަތެއް ނިންމަން ހިފާފަ ތިބޭ އިރު ދެބަސްވުމާ އަޑުހަރުވުމާއި ދަތި އުނދަގޫ ކިތަންމެ ކަމެއް އަދި މޫސުމާ މިހެންގޮސް ނިންމާލެވުން އެއީ ގިނަ ބައެއްގެ ވަރަށް މަސައްކަތްކަމާއި ޕްރޮޖެކްޓްގައި ވަރަށް އިސްކޮށް ވަރަށްގިނަ ބައެއް ގޮވައިގެން މުއްދަތަށްވުރެ ބޮޑުކޮށް އަވަހަށް ނިންމާލެވުން އެއީ މުޅި އިންޑަސްޓްރީގައި ކުރެވުނު އެންމެ ހިތްހަމަ ޖެހުނު މަސައްކަތް ކަމުގައި ބުނެވިދާނެ އެވެ.
އެހެން އެކަންވާން ދިމާވި ވަރަށް ގިނަ ސަބަބު ކުރިމަތީގައިވި، ގިނަ ދުވަހު ފެށުނީއްސުރެ ކުރެވެމުން ދިޔަ ކިތަންމެ މަސައްކަތަކާ ވަރަށް ގަޔާވެގެން ކަމާވެގެން ކަންކަން ބަލައި ހޯދައު އެކަމަށް ތައްޔާރުވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމުގައި ދިގު ނޭވާއެއް ލާފައި ހަކުރޭ ބުނެ ނިންމާލި އެވެ. އޭރު ހަކުރޭ އަކީ މެނޭޖްމަންޓް އެންމެ އިސް ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
އަދި ކުރަމަތީ އުޅެމުން 2003 ގައި އަރިއަތޮޅު ކަނދޮޅުދޫގައި ހައެއްކަ މަސްދުވަހު އެތަން ނިންމަން މަސައްކަތް ކުރެވުންކަމާ 1990 ގައި އަރިއަތޮޅު މާފުށިވަރުގެ 24 ކޮޓަރީގެ ރިސޯޓެއް އަހަރެއްހާ ދުވަހުން ނިންމާ އެކަމުގެ ހިތްހަމަޖެހުން ވެސް ލިބިގެން ދިޔަކަން އުފަލާއެކު ކިޔައި ދިނެވެ.
ރިސޯޓް މަސައްކަތް ނިންމާލި ގޮތް ކިޔައިދެމުން އިރުކޮޅަކު މަޑުކޮށްލާފައި ދެން ބުނީ ކުރަމަތީގައި ކުރެވުނު ވަރަށް ގިނަ މަސައްކަތުގައި އެ ހިތްވަރާއި އެ ފޯރީގައި މަސައްކަތް ކުރެވުނީ ކުންފުނީގެ އެއް ޑައިރެކްޓަރު ޢަލީ ނޫރައްދީން (އަންދީން) ގެ ވަރަށް ސަޕޯޓް ހުރިހާ ގޮތަކުން ވެސް ލިބިގެން ކަމަށެވެ. އަދި ބޮޑެތި މަސައްކަތުގައި ގިނަ ވަގުތު ރެޔާއި ދުވާލު އުޅެމުންދާ އިރު އަޑުގަދަވުމާއި ޚިޔާލު ތަފާތުވުމާއި ކަންބޮޑުވާއި މި ހުރިހާ ކަމެއްގެ ތެރޭން މަސައްކަތް ނިމިގެން ދާއިރު ލިބޭ އުފާ އޭގެ ވަރަށް ބޮޑު ހިއްސާއެއް އަންދީން މަސައްކަތަށް ބަހައްޓާ ގާތްކަމުންކަން ތަކުރާރުކޮށް ބުނެ ރިސޯޓް މަސައްކަތް އެއީ އަގު ނުކުރެވޭ ވަރުގެ ޚިދުމަތެއްކަން ޔަގީންތާ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސްކުރިން ކައުންސިލް އިންތިޚާބު ދުވަސްވަރު ކުޅުދުއްފުއްޓަށް ޓުއަރިޒަމް އެވެއާނަސް ޕްރޮގްރާމެއް ހިންގަން އަޅުގަނޑު ދަތުރެއް ކުރީމެވެ.
ފްލައިޓުން ފޭބުމާ އެކީ ފުރަތަމައިނުން ވެސް ޒޫމް މީޓިންއެއް އޮތުމާ އެކު އެފަދަ މާޙައުލެއް އޮތް ތާކަށް ގޮސް މަސައްކަތް ފަށައިގަތީމެވެ. އެ މީޓިން ނިންމާލާފައި އެ ރަށު ކުދިންނާ އެކު ކާއެއްޗެއް އަނގަޔަށް ލާން ބޭނުންކަމުން އެތަނުގެ މެނޫ ގެނައުމުން ތަނާދޭތެރޭ ވިސްނާލެވުނެވެ.
އެތަނުގެ މާޙައުލަށް ވިސްނާލި އިރު ވަކިވަކިން ކުދި މީޓިން ބޭއްވޭ ގޮތަށް އަދި ކެއުންބުއިމާ އެކު، އަދި ވީއައިޕީ ޑައިނިންގ ބަޔަކާއި އާދައިގެ ރެސްޓޯރަންޓް ބައެއް ކައުންޓަރަކާ އެކީ އޮޕެން އޭރިއާ ސަރަހައްދަކާ އެކު ވަރަށް ފުރިހަމަ ތަނެއްކަން ކުޑަ ވަގުތުކޮޅެއް ތެރޭވެސް ފާހަގަ ކުރެވުނެވެ.
ތިން ގަޑިއެއްހާ އިރު ދެ މީޓިންއެއް ނިންމާލާފައި މައި ރެސްޓޯރަންޓް ތެރެއަށް ނުކުތް އިރު ކައުންޓަރާ ކައިރިން ފެނިގެން ދިޔަ މޫނުން މުޅި މަންޒަރު ސާފުވެ މި މަންޒަރުގައި ކުލަޖައްސާފައި މިހިރީ ކޮން އާޓިސްޓެއްކަން ޔަގީންވެގެން ދިޔަ އެވެ. އެއީ އަޅުގަނޑު ކުރިން ރިސޯޓް ދާއިރާއިން ދަންނަ ވަރަށް އަޑުއަހާ ހަކުރޭ އެވެ.
ގޮވާލުމާއި ސަލާމްކޮށްލުމާ އެކީ ތިމަންނަ އަށް އެނގޭ އައިސީ އަންނަކަން، މަސައްކަތުގައި އިނީމަ ނިމެންދެން މަޑުކޮށްލީ ކަމަށް ބުނެ އަދި ދިމާވާން ބުނެ ވަކިވެލީ އެވެ. ދެތިން ދުވަހު މަސައްކަތުގައި އުޅުނު އިރު ހުރިހާ ކެއުމެއް އަދި ގިނަ މަސައްކަތުގެ ވަގުތުތައް ދުއްވާލެވުނީ އެ ރެސްޓޯރަންޓްގަ އެވެ. އަދި ފެންވަރުގެ ދިވެހި މަސައްކަތްތެރީން ފެނިގެންދާ ތިން ކޮޓަރި އާއި މިނީ ޕޫލެއް ހިމެނިގެންދާ ހިތްގައިމު ތަނެކެވެ. އޭގެ ހަފުތާއެއް ފަހުން ޓުއަރިޒަމް ލައިވް ޕްރޮގްރާމް ރާއްޖެ ޓީވީ އިން ގެނެސްދޭން ވެސް ކާނިވަލް ގެސްޓްހައުސްގައި ވަރަށް ފުރިހަމަ ސެޓަޕެއް ތައްޔާރު ކުރުމުގައި އެހީތެރިކަން ވެސް ހަކުރޭގެ ފަރާތުން ލިބުނެވެ. އަދި ރާއްޖޭގެ ތިން ރައީސުންވެސް ވަނީ ކާނިވަލް ގެސްޓްހައުސްގެ އެކޮމަޑޭޝަނާއި ޚިދުމަތް ބަލައިގެންފައި ކަމަށް ރަށު މީހަކު ކާނިވަލްއާ ބެހޭގޮތުން ބުންޏެވެ.
ރަށު ރާގަށް ތިން އިނގިލި ދައްކާފައި ބުނީ ހަމަ މިތާނގައޭ އަވަހާރަފުޅު ލެއްޕެވީ، އެ ބުނި ރާގުން އެއީ ތަނުގެ ފެންވަރުގެ ވާހަކަ ކަން އެނގިގެން ދިޔައެވެ.
އެންމެ ފާހަގަ ކުރެވުނީ، 35 އަހަރަށް ވުރެ ގިނަ ޒަމާން ވަރަށްގިނަ ވަގުތު ވަރަށް ބުރަކޮށް މަސައްކަތްކޮށް ނިންމާލާފައި މިއަދު އަމިއްލަ ރަށުގައި ހޮސްޕިޓާލިޓީ ޚިދުމަތެއް ރައްޔިތުންނަށް، ޚާއްޞަކޮށް ރަށަށް އަރާ މެހުމާނުންނަށް ދޭން އަމިއްލަ ބެލުމުގެ ދަށުން މަޑުމައިތިރިކަމާ އެކު ހިތްހަމަޖެހިގެން ދިރިއުޅެމުން ދާކަމީ، މުޅިއުމުރު ޓުއަރިޒަމްގައި ގިނަވަގުތު ރެއާދުވާލު ކޮށްދެވުނު އަގުބޮޑު މަސައްކަތުގެ ނަތީޖާއެވެ.
ހަކުރޭއާ އެކީ ވަރަށް ޒަމާނު މަސައްކަތްކުރި މީހެއްކެވެ. ހަކުރޭ ވަރަށް ކުރުކޮށް ބުނެލަދިނީ އެންމެ ފާހަގަ ކުރެވޭ ކަމަކީ ލޭންޑްސްކޭޕް ކުރުން ކަމަށް އަދި ފައިން ރޮނގު އަޅާފައި ސިކުނޑީގަ އެތަން ކުރަހާލައި އެއްވެސް ކުރެހުމެއް ނުގެންގުޅެ މުޅި ތަން ވަރަށް ފުރިހަމަކޮށް އެތަނަކާ ގުޅޭ ގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ނިންމާލައި އަދި އޭނަގެ މަސައްކަތަށް ފޮތެއް ލިޔާ ފެންވަރުގެ މޮޅު ލޭންޑްސްކޭޕް ކުރާ މީހެއްކަމެވެ.
ޓުއަރިޒަމަށް 50 އަހަރު ވީއިރު ޚިދުމަތްތެރިން އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.