ރިލީޒް ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބޮލިވުޑްގެ ކާމިޔާބު ފިލްމް "ކޮކްޓެއިލް" ރޮމޭނިއާގައި ސްކްރީން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީ ލީޑް ރޯލް ކުޅެފައިވާ ތިނެކަސް ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމް ރޮމޭނިއާގެ 20 ސްކްރީނެއްގައި އަންނަ އަހަރު ހުކުރު ދުވަހު އަޅުވާނެ އެވެ.
ސައިފް އާ ގުޅިގެން އުފެއްދި "ކޮކްޓެއިލް" ރޮމޭނިއާގައި ދެެއްކުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެފައި ވަނީ މީގެ ކުރިން ވެސް ކާމިޔާބް ފިލްމުތަކެއް އުފައްދާފައިވާ އިރޯޒް އިންޓަނެޝަލުންނެވެ.
އިރޯޒްގެ ރައީސް ބިޒްނަސް ޑިވެލޮޕްމަންޓް ކުމާރު އަހޫޖާ ވިދާޅުވީ ބޭނުމަކީ ހިންދީ ފިލްމުތަކުގެ މާކެޓް އިތުރުކޮށް، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންދީ ފިލްމުތަކުގެ ފޯރި ވަކިހިއްޕުން ކަމަށެވެ.
"އަނެއްކާ ކޮކްޓެއިލަކީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ދައްކައިގެން ބޮޑު ކާމިޔާބީއެއް ހޯދި ވަރަށް ސަޅި، އަދި ވެސްޓަން ސްޓައިލަކަށް ހަދާފައިވާ ފިލްމެއް. އެހެންވެ މި ފިލްމު ޔޫރަޕްގެ އޯޑިއަންސްތަކަށް ދައްކަން ބޭނުންވޭ. އަދި ހިންދީ ފިލްމުތަކުގެ ފޯރި މުޅި ދުނިޔެ އަށް ފުޅާކޮށް، މާކެޓް އިތުރަށް ވަރުގަދަ ކުރުން ބޭނުމަކީ،" ކުމާރު ވިދާޅުވި އެވެ. "ފިލްމުތައް ދައްކާ ގައުމުތަކުގެ ބަހުން ޑަބްކޮށްގެން ފިލްމްތައް މާކެޓް ކުރުމުގެ ގާބިލްކަން އަޅުގަނޑުމެންގެ އެބަހުރި މިހާރު. އެހެންވެ މާކެޓް އިތުރަށް އެކްސްޕްލޯ ކުރަން ބޭނުން ވަނީ."
ހޯމީ އަދިޖާނިއާ ޑައިރެކްޓްކޮށް 2011 ގައި ރިލީޒް ކުރި "ކޮކްޓެއިލް" 2013 ގައި ކަޒަކަސްތާނާއި ކިރުގިސްތާނުގައި ދައްކައިގެން ވެސް 100،000 އަށް ވުރެ ގިނަ ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ.
އިރޯޒުން ބުނި ގޮތުގައި "ކޮކްޓެއިލް" އަށް ފަހު ސްރީދޭވީ އެންމެ ފަހުން ސްކްރީނަށް އައި 2012 ގެ ފިލްމް "އިންގްލިޝް ވިންގްލިޝް" އާއި ޒޯޔާ އަހުތަރުގެ "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގެ އިތުރުން ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލް އާ އެކު އެނިމޭޓެޑް ކެރެކްޓާތަކެއް ފެނިގެން ދިޔަ 2010 ގެ ފިލްމް "ޓޫންޕޫރުކާ ސުޕަ ހީރޯ" ވެސް ވަރަށް އަވަހަށް ރޮމޭނިއާގައި ދައްކާ ގޮތަށް ވަނީ ޕްލޭންކޮށްފަ އެވެ.