ސްރީ ލަންކާގެ ޒުވާނުންގެ ތެރޭގައި މިހާރު އެއިޑްސް ބަލި ވަރަށް ބޮޑަށް ފެތެރެމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް އެސްޓީޑީ/ އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން ބުނެފި އެވެ.
އެތަނުގެ ޑިރެކްޓަރު ޑރ. ރަސަންޖަލީ ހެއްޓިއާރާޗީ ވިދާޅުވީ އެއިޑްސް އާއި އެ ނޫން ވެސް ރައްކާތެރި ނޫން ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން އަރާ ބަލިތައް ސްކޫލްތަކާއި ޔުނިވަސިޓީ ދަރިވަރުންގެ ތެރޭގައ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. އެގޮތުން އެފަދަ ބަލިތައް އިތުރުވަމުން ދަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރަސަންޖަލީ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރިޕޯޓްކުރެވުނު އެފަދަ ކޭސްތަކާ އަޅާބަލާ އިރު، މި އަހަރުގެ މިހާތަނަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތިރުވެފައިވެ އެވެ. އަދި މީގެ ތެރޭގައި ގިނައީ ފިރިހެން ދަރިވަރުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއިޑްސް ފަދަ ބަލިތައް ޒުވާނުންގެ ތެރޭގައި އިތިރުވަމުން ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެ މީހުން މަސާޖް ޕާލާތަކުން ހިދުމަތް ހޯދާ މިންވަރު އިތުރުވަމުން ދިއުމެވެ. އެހެންވެ މިކަމާ ދެކޮޅަށް ގައުމީ ފެންވަރުގައި ވަރަށް ސީރިއަސް މަސައްކަތްތަކެއް ކިރަން ޖެހިފައިވާ ކަމަށާއި ނޫން ނަމަ ގައުމުގެ ޒުވާން ޖީލު ހަލާކުވުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރަސަންޖަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިންސީ ގޮތުން އަރާ ބޮޑެތި ބަލިތައް ގައުމުގެ ޒުވާން ދަރިވަރުން ތެރޭގައި އިތުރުވަމުން ދިއުމަކީ ވަރަށް ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
އެއިޑްސް އަކީ ޖިންސީ ގޮތުން އަރާ އެންމެ ނުރައްކާތެރި އެއް ބައްޔެވެ.