ލޯބީގެ ގޮތުން ގުޅި، ވަރަށް އަވަހަށް ކައިވެނި ވެސް ކުރަން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް އެކުގައި ދިރިއުޅޭގެ ގެއެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މީގެ ކުރިން ކެޓްރީނާ އެކަނި ވެސް ދިޔައީ ފެންވަރު ރަނގަޅު އެޕާޓްމަންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް މިހާރު އެ މަަސައްކަތުގައި އުޅެނީ ދެ ތަރިން އެކުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ދެ މީހުން އެކުގައި އެއް ތަނެއްގައި އުޅެން ބޭނުންވާތީ ހިތްހަމަޖެހޭ ކަހަލަ ގެެއެއް ހޯދުމަށް ދެ ތަރިން ވަނީ އިއްޔެ ވެސް މުމްބާއީގެ ބަންޑްރާ ސަރަހައްދުގައި އަތްފުނާ އަޅައިފަ އެވެ.
ކުރިން ސަލްމާން ހާނާ ރައްޓެހިވެގެން އުޅުނު ކެޓްރީނާ އާއި ދީޕިކާ ޕަދްކޯން އާ ކުރިން ރައްޓެހިވެގެން އުޅުނު ރަންބީރު މި އަހަރު ކައިވެނި ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި ދެ ފަރާތުގެ އާއިލާގެ މެދުގައި ވަރުގަދަ ގުޅުމެއް ވެސް އުފެދިފައިވެ އެވެ.
ދާދި ފަހުން ކެޓްރީނާ ވަނީ ރަންބީރުގެ މާމަ ކްރިޝްނާ އާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ރަންބީރުގެ ދެބޭންގެ ދެ ދަރި ދައްތަ އަދި ބަތަލާ ކަރީނާ ކަޕޫރު ވެސް ވަނީ ކެޓްރީނާ އާއި ރަންބީރު ކައިވެނި ކުރާ ތަން ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެކަމަކު ކައިވެނީގެ ކުރިން މިހާރު ވެސް ކެޓްރީނާ ރަންބީރުގެ ގެއަށް ވަރަށް ގިނައިން ގޮސް އުޅޭތީ، ރަންބީރުގެ ބައްޕަ ރިޝި ކަޕޫރު އެހާ ހިތްހަމައެއް ނުޖެހެ އެވެ. ދެ މީހުން އެކުގައި ގެއެއް ހޯދަން ނިކުތީ ވެސް މި ސަބަބާ ހެދި ކަމަށްވެ އެވެ.
"އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އާއި "ރާޖްނީތީ" ގައި ލީޑް ރޯލް ކުޅުނު ރަންބީރާއި ކެޓްރީނާ މިހާރު އަންނަނީ "ޖައްގާ ޖާސޫސް" ގައި ވެސް މަސައްކަތް ކުރަމުންނެވެ.