ހދ. ހަނިމާދޫ ހިރުނދުމާގޭ ޢަބްދުއް ރަޙުމާން ރިސޯޓް ނަމުން ނަމަ އަތޮޅޭ 1970 ގެ މެދުތެރޭ މާލެ އައިސް ހުރީ މާދުނީގަ އެވެ. އޭރު އުމުރުން ވާނީ 17 އަހަރުވަރެވެ. މާ ގިނަ ދުވަހެއް ނުވެ ކެރަފާ އަހުމަދު ނަސީމް ބަނޑޮހުގެ ވަޒީފާ އަށް ގެންގޮސް އެތަނުގެ މަސައްކަތު ބައިގަ އުޅެމުން ދޯންޏެއްގެ ވަޒީފާގައި މަސައްކަތް ފަށައިގަތުން އެއީ ޓުއަރިޒަމް މަސައްކަތުގެ ފެށުމެވެ.
އެއީ ރާއްޖޭގެ ވެރިކަމަށް ވެސް ބަދަލުތަކެއް އައި ދުވަސްވަރެކެވެ. އަހަރެމެންނަކީ އާދައިގެ މުވައްޒަފުންކަމުން އެއިރެއްގެ ހުންނަ ވެރިޔަކު އެންގި ގޮތަކަށް މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތް ކަމަށް ދެކިގެން ކުރަން ފެށި މަސައްކަތް މިއަދާ ހަމަޔަށް ވެސް ދޯނި ކައްޕިއެއްގެ ގޮތުގައި ހުރެވުމުގެ އަސްލަކީ އެއީ އެވެ.
އޭގެ ފަހުން 1980 ގެ ކުރީކޮޅު އަތޮޅޭ ތުޅާގިރީގައި ވަޒީފާ އަދާކުރަން ފެއްޓ އެވެ. އޭރު އަދި ރާއްޖޭގައި އޮތީ ހައެއްކަ ރިސޯޓްކަމުން ކަނޑުމަތީ ދަތުރުފަތުރުތައް މިހާ ގިނައެއް ނޫނެވެ. ނަން ކިޔާލަން އެނގޭހާ މަދެވެ. އަތޮޅޭ ކިޔައިދިން ގޮތުގައި އޭރުގެ ރިސޯޓްގެ ޙާލަތަކީވެސް ފެން އެހާ ދަތިކކޮށް، މޫދުން ފެންވަރާލައިގެން ފެންފޮދެއް ލިބުނިއްޔާ ގަޔަށް އަޅާލައިގެން ތެޔޮ ހާކާލައިގެން ތިބި ޒަމާނެވެ. ޔުނިފޯމްގެ ޒަމާނެއް ނޫނެވެ. ކެއިންބުއިން ވެސް ރާއްޖޭގެ ނިސްބަތުން ރިސޯޓްގައި ހުންނާނީ މުވައްޒަފުންގެ ކޮއްތު، އޭރުގެ ކަންކަން ހުރި ގޮތަށެވެ.
ތުޅާގިރިން ކްލަބްމެޑް އަށް ބަދަލުވާން ދިމާވީ، ތުޅާގިރީގައި އުޅުނު ދުވަސްވަރު އެތާ އުޅުނު ފިލިޕް ކިޔާ މީހަކާ ހެދި އެވެ. އޭނަ ފަރުކޮޅުފުށި ނަގައިގެން އެދިޔަ ބާރުމިނުގައި އަތޮޅޭ ވެސް އެތަނަށް ބަދަލުވީ އެވެ. އެއީ ތިން އަހަރާ ގާތްކޮށް ތުޅާގިރީގައި އުޅުމަށް ފަހު އެވެެ.
އޭގެ ފަހުން ކްލަބްމެޑަށެވެ. އޭރު ވެސް ސަރުކާރުގެ ސްޓައިލަށް ރާނާފައި ހުރި ކޮޓަރިތަކެއް ހުރި، އެތަންތަން އިތުރަށް މަރާމާތުކޮށްގެން ހިންގަން ފެއްޓީ އެވެ. ދޯންޏެއް ދުއްވަން ޙަވާލުވީ، އެއީ އެންމެން ވެސް އަތޮޅޭ ދަންނަނީ ދޯނި ކައްޕިއެއްގެ ގޮތުގައި ކަމަށްވާތީ އެގޮތުގަ ހިފެހެއްޓިގެން ކުރިއަށް ދިޔުމުގެ ގޮތުންނެވެ. އޭރު އޮންނަ ގޮތުން ރަށުތެރޭ އެކި މަސައްކަތް ވެސް ކުރަންޖެހެ އެވެ. އަދި މަރާމާތުކުރުމާއި ސާފުކުރުމާއި ކުނިއުކުން ކަހަލަ ކަންކަން އޭރު ރަށު އެންމެންވެސް ވަކިކަމެއް ނެތި ހުރިހާ މަސައްކަތެއްގަ އުޅެމުންދިޔަ ދުވަސްވަރެވެ.
އެތަނުގައި ތިން އަހަރު ނޫނީ އެއަށް ވުރެ ގިނަ ދުވަހު އުޅުނު ކަމަށް އަތޮޅޭ ބުންޏެވެ.
އޭގެ ފަހުން 1986/87 ހިސާބު ދެން މަސައްކަތްކުރީ ވިލިވަރުގަ އެވެ އެއީ އިންޑިއާ މެނޭޖްމަންޓެކެވެ. ގިނަ ވެރިންނަށް ތިބޭނީ ބޭރު މީހުންނެވެ. ވިލިވަރުގައި ވެސް ދޯނި ކައްޕިއަކަށް މާލެ ސަޕްލައި ގެނައުމާ އެކި ކަހަލަ ދަތުރު ކުރުމުގަ އެވެ. އެގޮތުން އެއް ދުވަހަކު ރިސޯޓް ދަތުރެއްގައި މާލެ ގޮސް ތޮށިގަނޑުމަތިން ބަނޑޮސް ޒަމާނު، އެތާ މެނޭޖަރު ފެންވަރު މީހެއް ކަމަށްވާ ޖަލީލްއާ ދިމާވެގެން ވަރަށް ގާތްކޮށް ގޮވާލި އެވެ. އެއީ އަބަދުވެސް ގޮވާލާ އުސޫލުން ޢަބްދުއްރަޙުމާނޭ ކިޔައިފަ އެވެ. އެގޮތުން ޚަބަރުދަބަރު އޮޅުންފިލުވައި ފަން އައިލެންޑަށް އަންނަންވީ ނޫންހޭ ޖަލީލު ބުންޏެވެ. އޭރު އެރަށް ހަދަނީއޭ ރަނގަޅުވާނެއޭ ބުނެ ދެން ޖަލީލް އެއީ ދަންނަ ރަނގަޅު ވެރިއެއްކަމުން އޭނަ އުޅޭ ކުންފުންޏަކުން ވަޒީފާ ލިބުނީމަ އެހިތްހަމަޖެހުމުގަ، އެގޮތުން ކަންކުރަން ނިންމީ ކަމަށް އަތޮޅޭ ބުންޏެވެ.
އެހިސާބުން ވިލިވަރު މެނޭޖްމަންޓާ ވާހަކަ ދައްކައި ނިންމާލިއިރު 9 ވަރަކަށް މަހު ހިތްހަމަޖެހިލައިގެން އެތާނގައި އުޅެވުނެވެ. އަދި
1987 ގެ ފަހުކޮޅު ފަން އައިލެޑް ރިސޯޓްގެ ދޯނި ކައްޕިއެއްގެ ވަޒީފާ އަދާކުރަން ފެށި އެވެ. ރިސޯޓް ކޮންސްޓްރަކްޝަން ދުވަސްވަރު، އެރިސޯޓަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ފެށި ދުވަސްވަރުކަމުން މާލެ އަށް ދަތުރުކުރުން އޮތީ ވަރަށް ބުރަކޮށެވެ. ކޮންމެ ދުވަހަކީ އެކި ކަހަލަ މުދާ މާލެއިން ކަސްޓަމް ސަރަހައްދުން، އެއާޕޯޓުން ހުއްޓުމެއް ނެތި ސާމާނު ބަރުކުރާ ދުވަހެކެވެ.
ރިސޯޓަށް ފުރަތަމަ ދިޔަ ދުވަހު މުޙައްމަދު އިބްރާހިމް ދީދީ (މޮޑީ) އާއި މަޙުމޫދު ރިސެޕްޝަން ހިޔާކުރަން ފައިދޮއްތައް ރަހަކުރުމުގެ މަސައްކަތުގަ ވަރަށް ބުރަކޮށް އުޅުނު ހަނދާންވާ ކަމަށް އަތޮޅޭ ބުންޏެވެ. މޮޑީ، އެއީ ރިސޯޓް ޖެނެރަލް މެނޭޖަރެވެ.
ގިނަ ދުވަހު ދޯނި ލެފުމާއި މުދާ ބޭލުމާ އަނެއް ދުވަހު ހެނދުނުހެނދުނާ ނައްޓާލުމެވެ. އެހެން ދެކޮޅަށް މުދާ ހިފައިގެން ދަތުރު ކުރުމުގައި އަވަދިނެތި އުޅެން ޖެހޭ އިރު ކެއުމުގެ ކަންތައް އަދި ނިދުމުގެ ކަންތައް އޭރު ވަރަށް ރަނގަޅަށް ހުންނަ ވާހަކަ އަތޮޅޭ ފާހަގަކޮށްލި އެވެ.
ފަހުން 1989 ގައި އެ ރިސޯޓް ހުޅުވިގެން ދިއުންވީ އެ ޒަމާނާ ބަލާފައިި ތަފާތުތަކެއް ފެނިގެން ދިޔަ ކަމަކަށެވެ. އެކަން ވަރަށް ގިނަ މުވައްޒަފުން ފާހަގަކުރި އެވެ. ރަނގަޅު ޔުނިފޯމާއި މުސާރަ އާއި ސާވީސްޗާޖާއި ކެއުންބުއިން އެ ޒަމާނުގެ ހަމަ އެއްވަނަ ކަމަށް އަތޮޅޭ ބުންޏެވެ.
ފަން އައިލެންޑް ލޯންޗް ސެކްޝަން ވެރިޔަކަށް މަހިބަދޫ މަރުހޫމް ކާސިންފުޅުބެ އަކީ އެދުވަސްވަރު ވަރަށް ރަނގަޅަށް ދޯނިފަހަރު މީހުންނާއި ދޯނީގެ މަރާމާތް އަދި ދަތުރުފަތުރު ފެށުމާއި ނިމޭ އިރު ވެރިޔާއާ ޖެޓީން ދިމާވުމާ މޫސުމަށް ވަރަށް ތައްޔާރުވެގެން މުވައްޒަފުން ގެންގުޅުނު މެނޭޖަރެއްކަން އަތޮޅޭ ފާހަގަކުރި އެވެ.
އެންމެ ގިނަ ޒަމާން ވަންދެން އެކި ވަރުގެ ވެރިން އެކި ގޮތްގޮތަށް އަތޮޅޭއަށް ރިސޯޓް އިން ފެނިފައި ހުންނާނީ، އިސްމާއީލް ނަޞީރު (އިއްސޭ) އެވެ. އޭނަ އަތޮޅޭއާ ބެހޭ ގޮތުން ބުނީ ކޮންމެ ދޯންޏަކަށް ލިޔަސް އަދި ކޮންމެ ދަތުރަކު ބުންޏަސް ވަގުތުން ކުރާނެ ކަމަށެވެ.
ހާއްސަކޮށް އިއްސޭ ބުނީ ޑައިވިން ސްކޫލް އިން އަތޮޅޭ އަށް ރިކްއެސްޓް ކުރާ ވާހަކަ އެވެ. އެ ބުނާ ރެކްއެސްޓަކީ ކުރާ ދަތުރުތަކާއި ޑައިވިންގ ދޯނި ކައްޕިކަން ކުރުމެވެ. ގެސްޓުން ފީނަން ފޭބީމަ ވަރަށް ރަނގަޅަށް ފަރުވާ ބަހައްޓައިގެން އޮޔާއިވައި އެނގިގެން ގެސްޓުން އަރާ އިރު އެދިމާ އެނގިގެން އެކަންކުރާ ކެޕްޓަނެއްގެ ވާހަކަ އެވެ. އެއީ ކުރިން ފަރުވާ ކުޑަވެގެން ވަރަށް ބޮޑެތި އެކްސިޑެންޓް ހިނގާފަ ހުރިކަމަށް ވާތީއެވެ.
ގާތްގަނޑަކަށް 2016 އަންނަން ދެން އަތޮޅޭ މަސައްކަތްކުރީ ފަން އައިލެންޑްގަ ދޯނި ކައްޕިއެއްގެ ގޮތުގަ އެވެ. ނަވާވީސް އަހަރު ކުރެވުނު މަސައްކަތަކީ ފަން އައިލެންޑް އަދި މި އިންޑަސްޓްރީއަށް ކޮށްދެވުނު ހާދަ ބޮޑު ޚިދުމަތެކެވެ.
މިދިޔަ ފަސް އަހަރު ވިލާ ކުންފުނީގައި އަދިވެސް ރިސޯޓްތަކަށް އަދި އެކި ކަހަލަ ދަތުރުތަކުގައި އަތޮޅޭ އިންޑަސްޓްރީގައި އުޅެމުންދާކަން ފާހަގަކޮށްލަމެވެ.
އޭނައާއެކީ ނުވަ އަހަރު އަޅުގަނޑަށް ވެސް މަސައްކަތްކޮށްލެވުނު ޒަމާނެއް ދިޔަ އެވެ. އެންމެ ފާހަގަކޮށްލެވެނީ، އެ ޒަމާނުގައި ގެސްޓުން އުފުލަނީ ޔޮޓް ދޯނީގައިކަމުން ވަރަށް ފަތިހު ފުރަން ޖެހުމާއި އެއަރޕޯޓުން މީހުން ނަގައިގެން ރިސޯޓަށް ކުރާ ދަތުރު މޫސުން ގޯސްވެ ލަފާ ފުރުން އެހާ އުނދަގޫކޮށް ހުންނައިރު ވެސް ޝަކުވާއެއް ނެތި މަސައްކަތާއި އުޅަނދަށް ބަލައިގެން ދަތުރުކުރާ މީހެއް ގޮތުގަ އެވެ.
އަތޮޅޭ ބުނީ މިދިޔަ ދިގު ޒަމާނުގައި އަމިއްލަ ރަށަށް ދެވިފައި ހުންނާނީ އަށެއްކަ ފަހަރު ކަމަށެވެ. މިއަދުގެ ވަޒީފާގެ މާ ބޮޑު އުފަލެއް ނެތަސް ޓުއަރިޒަމް އިންޑަސްޓްރީގެ ވަޒީފާ އަދާކުރާތާ 40 އަހަރަށް ވުރެ ގިނަދުވަސްވެގެން ދާއިރު ކުރެވުނު ދަތުރުތަކަށް ބަލާ އިރު އަގުބޮޑު މުދަލާ ގެސްޓުންގެ ދަތުރުތަކުގަ އެ މީހުންގެ ބައިވަރު އަގުހުރި ތަކެއްޗާ މިހެން ގޮސް އަގުނުކުރެވޭ ފަދަ ދަތުރު ކުރެވުނު އިރު ދުވަހަކު ވެސް ތިމަންނާގެ އެއްޗެއް ނޫން އެއްޗެއްގައި ޖެހިފަ ނުވާނެކަމުގެ ހިތްހަމަޖެހުން ބޮޑުކަމަށް ބުންޏެވެ. އަދި އުޅަނދަށް ވެސް ފަރުވާ ކުޑަކަމުން ފަރަށް އެރުން ފަދަ އެއްވެސް ގެއްލުމެއް ދުވަހަކު ވެސް ދިމާނުވާ ކަމަށް ބުންޏެވެ.
މި ރާއްޖޭގެ ޓުއަރިސްޓުންގެ ހިދުމަތުގައި ދޯންޏެއް ދުއްވާތާ، 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ހިދުމަތެވެ! ނިކަން ވިސްނާ ފިކުރުކޮކޮށްލައްވާށެވެ. ކޮން ފަދަ ބުރަ ޚިދުމަތެއްތޯ އެވެ؟ މިފަދަ ޚިދުމަތްތެރިން ޓުއަރިޒަމަށް 50 އަހަރުވެގެން ދިޔައިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މި ވަރުގެ ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.