މަސައްކަތް ނިމި އެހެން ނަމަވެސް ރިލީޒް ކުރުން އެތައް ފަހަރެެއްގެ މަތިން ލަސްކުރެވިފައިވާ ކަރަން ޖޯހަރުގެ "އުނގުލީ" މި އަހަރުގެ ނޮވެމްބަރު 7 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެކަން ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ އަދި މަޝްހޫރު ޑައިރެކްޓަރު ކަރަން ވަނީ ޓްވިޓާ މެދުވެރިކޮށް ކަށަވަރު ވެސް ކޮށް ދީފަ އެވެ.
ކަރަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދަރްމާ އިން ޕްރޮޑިއުސްކޮށްގައިވާ "އުނގުލީ" ނޮވެމްބަރު 7 ގައި ރިލީޒް ކުރާނެ ކަމަށެވެ.
މި ފިލްމަކީ ދަރްމާ އަށް ރެންސިލް ޑި ސިލްވާ ޑައިރެކްޓް ކުރި ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމް "ކުރްބާން" އަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، "އުނގުލީ" އަކީ އުންމީދީ ފިލްމެކެވެ.
ރެންސިލްއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ގިނަ އެވޯޑްތަކެއް ހޯދި "ރަންގް ދެ ބަސަންތީ" ގެ ސްކްރީން ރައިޓަރެވެ.
އޭނާގެ ދެވަނަ ޑައިރެކްޝަން "އުނގުލީ" ގެ ތަރިންނަކީ އިމްރާން ހާޝިމީ އާއި ކަންގަނާ ރަނާވަތުގެ އިތުރުން ސަންޖޭ ދަތާއި ނީހާ ދޫޕިއާ އަދި ރަންދީޕް ހޫޑާ އެވެ.
މިއީ 2010 ގެ "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" އަށް ފަހު އިމްރާނާއި ކަންގަނާ އެއް ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"އުނގުލީ" ނޮވެމްބަރު 7 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، ކަރަން މި ވަގުތު އުޅެނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "2 ސްޓޭޓްސް" ގެ ޕްރޮމޯޝަނުގައި ވަރަށް ބިޒީކޮށެވެ.
މިއީ ދަރްމާ އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ފެބްރުއަރީ 7 ގައި ރިލީޒް ކުރި "ހަސީ ތޯ ޕަސީ" އެވެ.