ދިވެހި ރާއްޖެ އަކީ ތަފާތު ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއް ކަމަށް އިންގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސްލާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކުރާ "ވާވޮށި ފެސްޓިވަލް" އައްޑޫ ފޭދޫ ސްކޫލުގައި ފެށުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ސަފީރު ގޮތުގައި، ތިމާވެށީގެ ދައިރާ އަކީ އޭނާ ވަރަށް ޝައުޤުވެރިކަން ހުންނަ ދާއިރާއެއް ކަމަށާއި، ދާދި ފަހުން ދިވެހި ކަނޑުގެ އަޑިއަށް ނެކްޓަން މިޝަން އާއި އެކު ދިއުމުގެ ފުރުސަތު ވެސް ލިބުނު ކަމަށެވެ.
މި މަޝަންގެ ތެރެއިން ކުރިން ނޭނގި އޮޮތް އިކޯ ސިސްޓަމެއް ފެނިފައިވާކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.
ކެރޮން ވިދާޅުވި ގޮތުގައި މިފަދަ ތަންތަން ބޭނުންވާ ވަކި ބާވަތެއްގެ ތަރައްޤީއާއެކީ ނޭނގި ހަލާކުވަމުންދާ ކަަމަށެވެ. އަދި މޫސުމަށް އަންނަށް ބަދަލުން ދުނިޔޭގެ އެއްވެސް ހިސާބެއް ސަލާމަތް ނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވަނީ ތިމާވެށީގެ މަސައްކަތަކީ ކޮންމެ ބަޔަކަށް ވެސް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ.
މީއާއެކީ ދިވެހި ރާއްޖެ އަށް ބޭނުން ވަނީ ހުރިހާ ދައިރާއެއްގައި ވެސް ތިމާވެއްޓާ މެދު ވިސްނާ ބައެއް ކަމަށް ވިދާޅުވި އެވެ. އަދި ތިމާވެއްޓާ ގުޅޭ މަސައްކަތް ކުރާނެ އިތުރު މީހުން ދިވެހި ރާއްޖެ އަށް މިހާރު ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިރަ ސްމީއްޔާތަށް ފަހު ހައިކޮމިޝަނަރު ވަނީ ފެސްޓިވަލަށް ތައްޔާރު ވުމުގެ ގޮތުން ދަރިވަރުން ކުރަހާފައިވާ ކުރެހުންތައް ބައްލަވާލައްވާލައްވައިފަ އެވެ.
އޮލިވް ރިޑްލީ ޕްރޮޖެކްޓުން ކުރިއަށް ގެންދާ ވާވޮށި ފެސްޓިވަލަކީ ވެލާ ކަހަނބުގެ ބާވަތްތައް ހިމާޔަތްކުރުމުގައި ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.
ފޭދޫ ސްކޫލުގެ އިތުރުން ރާއްޖޭގެ އިތުރު ނުވަ ސަރަހައްދެއްގައި އެއް ދުވަހުގެ މުއްދަތައް މި ފެސްޓިވަލް ކުރިއަށް ގެންދާނެ އެވެ. މި ފެސްޓިވަލްގެ ތެރެއިން 3،000 ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށް ދިނުމަކީ އަމާޒެއް ކަމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުނެ އެވެ. ފެސްޓިވަލްގެ ތެރެއިން ވެލާ ކަހަނބާ ގުޅޭ، އެކި މަޢުލޫމާތުތަކާއި އެތަކެތީ ދިރިއުޅޭ ވެށި ހިމާޔަ ކުރުމަށް ކުރެވިދާނެ ކަންކަން ދަރިވަރުންނަށް ކިޔައި ދޭނެ އެވެ.
ވާވޮށި ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު ބ. އަތޮޅު ހިތާދޫގަ އެވެ. މިއީ މި ފެސްޓިވަލް މިހާ ގިނަ ދަރިވަރުންނާ އެކީ އެކި ސަރަހައްދުތަކުގައި އެއްފަހަރާ ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
ވާވޮށި ފެސްޓިވަލް އިންތިޒާމުކުރާ އޮލިވް ރިޑްލީ ޕްރޮޖެކްޓް ޖަމީއްޔާ އަކީ ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އިންގިރޭސިވިލާތާއި ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ޖަމީއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ފުރަތަމަ މެރިން ޓާޓަލް ރެސްކިއު ސެންޓަރު 2017 ވަނަ އަހަރު ބ. އަތޮޅުގައި ހުޅުވާފައިވެ އެވެ.
ހިޔާލު ފާޅުކުރައްވާ