Last Updated: November 26, 20:40
Tuesday, November 26, 2024
މުނިފޫހިފިލުވުން

"2 ސްޓޭޓްސް" އަށް ކްރިޓިކުންގެ ތައުރީފް

މާދަމާ ސިނަމާތަކަށް އަންނަ ޒުވާން ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލް ކުޅެފައިވާ "2 ސްޓޭޓްސް" އަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ފިލްމް އާންމުންނާ ހަމައަށް އައުމުގެ ކުރިން ފިލްމްގެ ޕްރިވިއު ޝޯ ބެލި ވަރަށް ގިނަ ކްރިޓިކުން އިންޑިއާގެ ދެ ސަރަހައްދެއްގެ ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ހާދިސާތައް ފިލްމުގައި ދައްކުވައި ދީފައިވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

ފިލްމުގެ ޑައިރެކްޝަން ވަރަށް ފުރިހަމަ ކަމަށާއި މިއީ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމުތަކުގެ ތެރެއިން ވެސް ވަރުގަދަ އެޑަޕްޓެޑް ސްކްރީންޕްލޭއަކާ އެކު ގެނެސް ދީފައިވާ ޝައުގުވެރި ފިލްމެއް ކަމަށް ފާޑުކިއުންތެރިން ބުނެފައިވެ އެވެ.

މަޝްހޫރު ކްރިޓިކް ތަރަން އަދާޝްގެ ރިވިއުގައި ބުނެފައި ވަނީ އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ ޗެތަން ބަގަތުގެ ވާހަކަ "2 ސްޓޭޓްސް" އަށް ޑައިރެކްޓަރުގެ ގޮނޑީގައި ފުރަތަމަ ފަހަރަށް ފޫ ހަރާލީ އަބިޝެކް ވަރުމަން ވަރަށް ރަނގަޅަށް، ވަރަށް ފުރިހަމަ އަށް އިންސާފުކޮށްފައިވާ ކަމަށެވެ.

2-states-42-h

އަދި މިއީ ލިޔެފައިވާ ވާހަކައެއް އަސްލަކަށް ބަލައިގެން ހެދި ފިލްމުތަކުގެ ތެރެއިން ފަހުގެ ތާރީހެެއްގައި އިންޑިއާގެ ސިނަމާ އިން ފެނުނު އެންމެ ހިތްގައިމު އެންމެ ސަޅި ފިލްމް ކަމަށް ތަރަން ބުންޏެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި ބިނޯދް ޕްރަދާންގެ ކެމެރާގެ ލެންސުން ފޯކަސް ކުރި މަންޒަރުތައް ޗާލުވެފައިވާ ހުސައިން ދަލާލުގެ ޑައިލޮގްތައް ވެސް ހަމަ ހަބޭހެވެ. އަދި ޝަންކަރު-އިހުސާސް-ލޯއިގެ މިއުޒިކް ފިލްމުގެ ވާހަކަ އާ ވަރަށް ގުޅޭކަން ވެސް ތަރަންގެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާލިއާ އާއި އަރުޖުންގެ އެކްޓިން ވެސް ވަރަށް ފުރިހަމަ ކަމަށް ތަރަން ބުންޏެވެ. އޭނާ ބުނީ "2 ސްޓޭޓްސް" އަކީ އަރުޖުންގެ ކުރީގެ ފިލްމުތަކާ އަޅާ ކިޔާ އިރު، އަރުޖުންގެ އެންމެ ރަނގަޅު ފިލްމު ކަމަށެވެ. އަދި މިއީ ބެލުންތެރިންނަށް އަރުޖުން ސަޕްރައިޒިން ގެނެސް ދޭނެ ފިލްމެއް ކަމަށް ވެސް ތަރަން ބުންޏެވެ.

ހަމަ އެއާ އެކު ވިދަމުން އަންނަ ބަތަލާ އާލިއާގެ އެކްޓި އަށް ބުނާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި އޭނާއަކީ މޫނު މައްޗަށް ގެންނަ އިހުސާސްތަކުން އެކަނި ވެސް ބެލުންތެރިންގެ ހިތްތައް އަތުލައި ގަންނަ ފަދަ މޮޅު ބަތަލާއެއް ކަމަައް ތަރަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފިލްމުގައި އަރުޖުންގެ މަންމަ އާއި ބައްޕަގެ ރޯލް ކުޅުނު ސައިފް އަލީ ހާންގެ ކުރީގެ އަންހެނުން އަމްރިތާ ސިންގާއި ރޯނިތު ރޯއި (ބަޖާޖް) އެކްޓިން ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

އަދި ފިލްމުގައި ދައްކުވައި ދެނީ އިންޑިއާގެ ނޯތަށް ނިސްބަތްވާ ޕަންޖާބީ އާއިލާއަކާއި ސައުތުގެ ޗެންނައި އަަށް ނިސްބަތްވާ ތަފާތު ދެ ސަގާފަތަށްވެފައި، އެބައި ވަރަށް ފުރިހަމަ އަށް ގެނެސް ދީފައިވާކަން ތަރަން ފާހަގަ ކުރި އެވެ.

ކަރަން ޖޯހަރުގެ ދަރްްމާ ޕްރޮޑަކްޝަނާއި ސާޖިދް ނަދިއަދްވާލާގެ ނަދިއަދްވާލާ ގްރޭންޑް ސަންގެ އިތުުން ޔޫޓީވީ މޯޝަން ޕިކްޗާސް ގުޅިގެން އުފެއްދި "2 ސްޓޭޓްސް" އަށް ތަރަން ވަނީ ފަހެކުން ހަތަރު ބައި ތަރީގެ ރޭޓެއް ދީފަ އެވެ.

އަދި މިއީ އެއް ފަަހަރަށް ވުރެ ގިނައިން ބަލާލަން ހަމަ ވަރަށް ބަރާބަރު ފިލްމެއް ކަމަށް އޭނާ ބުންޏެވެ.