ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދަން ޓެކްސްތައް ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް މުޅި މަޖްލިސްގެ ކޮމެޓީން ފާސްކޮށްފިއެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ ޖެނުއަރީ މަހުން ފެށިެގން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރު ކުރުމަށް މަޖްލިސްއަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
ޝިފާއުގެ ހުށަހެޅުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ވަނީ އެ ބިލަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ޝިޔާމު ހުށަހެޅުއްވީ މިހާރުވެސް އޮތް ގޮތަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ނުކުރުމަށެވެ.
މީގެ އިތުރުން ޓެކްސް ބޮޑު ކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލަށް އިސްލާހު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އާޒިމްގެ ފުރަތަމަ ހުށަހެޅުމަކީ ޓީޖީއެސްޓީ 12 ޕަސެންޓުން 14 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
އަދި ގެސްޓު ހައުސް ތަކުން ނަގާ ޓީޖީއެސްޓީ ބޮޑު ނުކުރުމަށެވެ. މި ގޮތުން އާޒިމްގެ ފުރަތަމަ އިސްލާހަށް ތާއިދު ކުރެއްވީ 15 މެމްބަރެކެވެ. އަދި 46 މެމްބަރުން އެ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވިއެވެ.
އާޒިމްގެ ދެވަނަ އިސްލާހަށް 19 މެމްބަރުން ވޯޓު ދެއްވި އިރު 44 މެމްބަރަކު ވަނީ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ.
އާޒިމްގެ ހުށަހެޅުން ފާސް ނުވުމުން މަޖްލިސްގެ ރިޔާސަތުން ވޯޓަށް އެހީ ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. ބިލް އޮތްގޮތަށް ފާްސް ކުރުމަށް 50 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.