Last Updated: November 25, 22:26
Tuesday, November 26, 2024
ވިޔަފާރި

ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑެއް ވުޖޫދަށް!

އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން "ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑް" ގެ ނަމުގައި ބޯޑެއް އުފައްދަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ހަ ވަނަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވަނީ "އައްޑޫ ގެސްޓް ހައުސް ވެންޗާ" ގެ ނަމުގައި ގަރާރެއް ފާސް ކުރުމަށް ފަހު، ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑެއް އުފައްދަން ނިންމައިފަ އެވެ. އެއީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ކައުންސިލުން ބުނީ އެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލްގެ 2014 ގެ ހަ ވަނަ ބައްދަލުވުމުގައި ބައިވެރިވި އަޅުގަނޑުމެން އެންމެން އިގުރާރުވެ، އައްޑޫ ގެސްޓް ހައުސް ވެންޗާގެ ނަމުގައި ވިޔަފާރީގެ އެއްބަސްވުންތަކެއް އުފައްދައި މި މަސައްކަތް ކުރުމަށް ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑް އުފައްދައި، ކައުންސިލްގެ ފަރާތުން ބަސް ބުނެ މުއާމަލާތް ކުރާނީ ކައުންސިލްގެ ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑުން ކަމަށް ކަނޑައަޅައި މިކަން އާންމުކޮށް އެންގުމަށް އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން މި ގަރާރު ނެރެ އާންމު ކުރަމު އެވެ،" ހަ ކައުންސިލަރުން ސޮއި ކުރައްވައި ނެރުއްވި ގަރާރުގައިވެ އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ މިފަދަ ސަބަބުތަކާ ހެދި އައްޑޫގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އަދި އެ ސިނާއަތް ކުރިއެރުވޭނީ އައްޑޫ ސިޓީ ކައުންސިލުންނާއި އާންމު ފަރާތްތަކާއި ވިޔަފާވެރިންނާއި ބޭންކްތަކާ ގުޅިގެން އުފެއްދޭ ވިޔަފާރީގެ މުއާމަލާތަކުން އުފެދޭ "އައްޑޫ ގެސްޓް ހައުސް ވެންޗާ" އަކުން ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ހުޅުވިގެން ދާނެ ފުރުސަތެއް ވެސް މެ އެވެ. ގިނަ ބަޔަކަށް ވަޒީފާ ލިބި، ވިޔަފާރިތައް ފަށައިގަންނަން ލިބޭ ފުރުސަތަކަށް ވާނެ އެވެ. ހެޔޮ އަގުގައި ރާއްޖެ އައުމުގެ ފުރުސަތު ގިނަ ފަތުރުވެރިންނަށް ލިބިގެން ދާނެ ކަމެކެވެ،" ގަރާރުގައިވެ އެވެ. "ގެސްޓް ހައުސް ވިޔަފާރިއަކީ އައްޑޫގައި ވެސް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭ އަދި ވަރަށް ބޮޑަށް ތަރައްގީކުރަން ބޭނުންވެފައިވާ ވިޔަފާރިއެކެވެ. އެގޮތުން ވިޔަފާރި ބިން ދޫކުރުމާއި ހުއްދަ ދޫކުރުމާއި މޮނިޓަކޮށް ބެލުން ހިމެނެ އެވެ."