ޗާގޮސް ނުވަތަ ފޯޅަވަހި އަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
އިމްރާން ވިދާޅުވީ ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑު އިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ 2016 އަދި 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކަމަށެވެ. އަދި މިއަދުވެސް އެ ވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެކި ގެންނެވުމުން އެންމެންވެސް އެ ވާހަކަ ދައްކަންވީ ކަމަށް އިމްރާން ވިދާޅުވި އެެވެ.
Chagos Archipelago akee raajjeyge baeh kamugai dhekey nama e vaahaka dhuniyeah adu ivey varah dhakkan enme ekasheyna furusathu libunee 2016,2017 gaeve.miadhuves evaahaka dhakkava beyfulhun furihama heki gennevumun enmen,evaahaka dhakkanvee eve.
— Imran Abdulla (@ShimranAb) October 31, 2022
އިމްރާން މިހެން ވިދާޅުވެފައިވާއިރު ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ވިދާޅުވީ އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާ އިރެއްގައި އެ ރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެ ރަށުގެ އަހުލުވެރީންނަށް ކަމަށާއި ފޯއްޅަވަހީގައި ބަޔަކު ނެތްއިރު އެ މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޮޅުގައި ކަމަށެވެ.
މޮރިޝަސްއަށް ގެންދިޔައި ފޯޅަވަހީގެ މީހުން ނޫން ކަމަށާއި ފޯޅަވަހީގައި ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔައީ ދިވެހީން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ހާއްސަ ގޮތެއްގައި އެ މަސައްކަތް ކުރީ ފުވައްމުލަކު މީހުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އަދި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހިގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހީންނަށެވެ. މޮރިޝަސް އާއި އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޒްގެ ރަށްތައް ބަހާ ވާހަކަ އެވެ،" ނަޝީދު ވިދާޅުވި އެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެކަން މޮރިޝަސް ސަރުކާރަށް ވެސް އަންގާފައިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.