Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

7 ފެބްރުއަރީ އަކީ ފަހުރުވެރިވާ ދުވަހެއް

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހަކީ ވަރަށް ފަހުރުވެރިވާ ދުވަހެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު އެކަން ހިންގުމުގައި ނާޒިމް އިސް ރޯލެއް އަދާކުރި ކަމަށްވެސް އެ ޕާޓީގެ ބައެއް މެމްބަރުން ތުހުމަތު ކުރެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ސިފައިންނާއި ފުލުހުން ތަޅައިގަތުމުން މަޑުން ނުހުރެވޭނެ ކަމަށާއި އެ ދުވަހު އެތަނަށް ގޮސް އެކަން ހަމަޔަކަށް އެޅުވި ކަމަށެވެ. އަދި މިއަދު ގައުމު މިގޮތުގައި ދެމި އޮތީ އެ ދުވަހު އެކަން ހަމަޔަކަށް އެޅުވުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވެސް ވަރަށް ފަހުރުވެރިވާ ދުވަހެއް އެއީ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ހިނގައިފި ނަމަ އެތަނެއްގައި ބާރަށް ގޮސް ހުންނާނެ ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ނޮވެމްބަރު ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ބިނާއެއް ހަދާފައި ހުރި ނަމަވެސް އެއީ ކޮން ބޭނުމެއްގައި ހެދި ތަނެއްކަން އެނގޭ މީހަކު ވެސް މިހާރު މި ގައުމުގައި ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވަނީ މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަނުކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި މިކަން ވަރަށް ފުރިހަމަ އަށް ކުރާނެ ކަމަށާއި އެގޮތުން ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރަން މަޖުބޫރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.