Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު

މެމްބަރު ނާޒިލްގެ ކޮއްކޮ އާއި އިތުރު ބަޔަކު ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ އެއްބަޑު އެއްބަފާ ކޮއްކޮ ނަސްލު އަބްދުﷲ އާއި އެކު ހިތަދޫގެ އިތުރު ޒުވާނުން ތަކެއް އިދިކޮޅު ޕީޕީއެމް އްާއި ގުޅިއްޖެއެވެ.

ނަސްލު އާއި އިތުރު ޒުވާނުން ޕީޕީއެމް އާއި ގުޅުނު ފޯމުތަކާއި ހަވާލުވެވަޑައިގެންފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްްއެވެ.

މެމްބަރު ނާޒިލްގެ ކޮއްކޮ ނަސްލު ޕީޕީއެމް އާއި ގުޅުނު ފޯމު ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި ހަވާލިު ކުރަނީ، ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އާއި އިތުރު ޒުވާނުންތަކެއް ގުޅުނު އިރު ރޭ ހިތަދޫ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައިވެސް ޒުވާނުންތަކެއް ވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމް އާއި ގުޅިފައެވެ. ޕީޕީއެމް އާއި އަލަށް ބައެއް ފަރާތްތަކުން ގުޅެމުން އަންނަ އިރު އައްޑޫގައި އެމްޑީޕީން ދަމަހައްޓަމުން އައި ބޮޑު ތާއިދު ގެއްލެމުންދާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާން އައްޑު އަށް ވަޑައިގަތުމުން ކީ މަރުހަބާ ބޮޑުކަމުން އެކަމާ އުނދަގޫވެގެން ބަޔަކު މީހުން އުޅޭ ކަމަށެވެ.

"މިސާލަކަށް އިއްޔެ އަޅުގަނޑަށް ދިން ރިސެޕްޝަން ނޫނީ ވެލްކަމް، އެ ވެލްކަމް އެ މީހުންނަށް ފެނުނީމަ އެ މީހުން އެ އުޅެނީ އުނދަގޫވެގެން." އެމްޑީޕީގެ މެމްބަރުންނަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވީ ކޮންމެ ބަޔަކު ނަމަވެސް "އެހެން ވެދާނެ" ކަމަށެވެ.

ފޭދޫގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެމްޑީޕީ އަށް މިހާރު އައްޑޫ ބީވެއްޖެ ކަމަށެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މީހުން ނިކުތް އަދަދު އެމްޑީޕީ އަށް ފެންނާނެ ކަމަށާއި އެއާއެކީ އައްޑު އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން މިހާރު އެ ޕާޓީ އަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"އެ ބޭފުޅުންނަށް މި އަދަތުތައް ފެނުނު. އަދި އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީ ވެސް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ތި ކީ މަރުހަބާ އިން އެ ބޭފުޅުންނަށް [އެމްޑީޕީ] ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގޭ އައްޑޫ ސިޓީ އެ ބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން." ޔާމީން ވިދާޅުވި އެވެ.