Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އެމްއައިބީގެ އާ ސީއީއޯ މިއަދު އައްޑު އަށް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ އާ ސީއީއޯ މުފައްދަލް އިދްރީސް އައްޑޫގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއައިބީން ބުނީ އާ ސީއީއޯ މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ފަރާތުން އެމްއައިބީގެ ހިދްމަތްތަކާ ގުޅޭ ގޮތުން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިންނާ ގާތުން ހިދުމަތް ދިނުމާއި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާ ބައްދަލު ކުރައްވައި ސިޓީ ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސަތްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި މަޝްވަރާ ކުރައްވާނެ އެވެ. އަދި އައްޑޫގެ އެހެނިހެން ސްޓޭކް ހޯލްޑަރުންނާއި ކަސްޓަމަރުންނާ ވެސް ބައްދަލުކުރައްވައި އެމްއައިބީގެ ހިދުމަތްތައް އައްޑޫގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ މެދު ވެސް މަޝްވަރާކުރައްވާނެ އެވެ.

މި ދަތުރުގައި އެމްއައިބީގެ ސީއީއޯއާ އެކީ އެ ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހިތަދޫގައި ހުންނަ އެމްއައިބީ އައްޑޫ ބްރާންޗް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގައި އެމްއައިބީން ގާއިމްކުރި ބްރާންޗަކީ އެ ބޭންކުން މާލޭން ބޭރުގައި ގާއިމްކުރި ފުރަތަމަ ބްރާންޗެވެ. އެތަން ހިތަދޫގައި ހުޅުވައި ހިދުމަތް ދޭން ފެށީ 2014 ގަ އެވެ.

އެމްއައިބީގެ ހިތަދޫ ބްރާންޗުން އެ ބޭންކްގެ މައި ބްރާބްޗުން ދޭ ހުރިހާ ހިދުމަތްތަކެއް ވެސް ލިބެ އެވެ. އޭގެ ތެރޭގައި ވަގުތުން ލިބޭ ވިސާ ކާޑު، އެކައުންޓް ހުޅުވުން، ފައިސާ ޖަމާކުރުން، ބޭރަށް ފައިސާ ފޮނުވުމުގެ އިތުރަށް އާންމުން އަދި ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން ބޭންކުގެ އޭޓީއެމް ޚިދުމަތް ފޭދޫގައި ވެސް އަންނަނީ ދެމުންނެވެ.