Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(އެޕްރީލް 15، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ވެނީލާ ސައިގެ މީރު ވަސް ދުވުމާ އެކު ވަރަށް ސައި ތައްޓަކަށް ބޭނުން ވެފައި އިންކަން އޭނާ އަށް އެނގުނެވެ. ހީނާ ޝުކުރުވެރި ނަޒަރަކުން އުލްފަތަށް ބަލާލި އެވެ. ހީނާ ވަނީ ވެނީލާ ސަޔަށް އެޑިކްޓް ވެފައިކަން އުލްފަތު ކުރިން ވެސް ދަނެ އެވެ.

"ހޫނ…ތި ބުނީ ތެދެއް. ލިޔަން ފެށީމާ ލިޔެވޭނީ ވެސް." ހީނާ ޝުކުރުވެރި ނަޒަރަކުން އޭނާގެ އެކުވެރި މުވައްޒަފަށް ބަލާލި އެވެ. ފިރިހެނަކަށް ވުރެ ބުރަކޮށް ބައެއް ފަހަރު އުލްފަތު މަސައްކަތްކޮށްލާނެ އެވެ.

"އޯކޭ. އަޅުގަނޑުގެ ރަނގަޅީ ކޮން ކަމެއް؟" އުލްފަތު އަރާމު ގޮނޑީގައި ހަމަޖެހިލަމުން އެހި އެވެ.
ވަރަށް ގިނަ ފަހަރަށް ތަފާތު ގޮތަކަށް ކަންތައް ކުރިޔަސް ހީނާ ގިނަ ފަހަރު އުލްފަތުގެ ހިޔާލުތަށް އަޑު އަހާލަ އެވެ. އެ ދެ އަންހެނުން އެކަކު އަނެކަކަށް ޙިޔާލު ބަދަލުކޮށް ހަދާލަ އެވެ.

"އަހަރެންނަށް ވެސް ހީވަނީ އަހަރެން ދަތުރަކު ދާންވީހެން. ފަހަރެއްގަ އުލްފަތު ތި ބުނިހެން އަހަރެންގެ ލެއްޕިފައިވާ ސިކުނޑި ހުޅުވިދާނެ ތޯއްޗެއް."

"ހީނާ އަށް ކުދިވެރިންނަށް ޒިޔާރަތްކޮށްލަން އިންޑިޔާ އަށް ވެސް ދެވިދާނެ." އުލްފަތު އޭނާގެ ޙިޔާލު ހީނާ އަށް ދިނެވެ. ކިރިޔާ ވަގުތެއް ލިބޭ އިރަށް ކުދިން ކައިރިއަށް އިންޑިޔާ އަށް ދިއުމަކީ އެންމެ ހީނާ ކުރާހިތްވާ ކަންތައް ކަން ވެސް އެނގޭތީ އުލްފަތު އެ ޙިޔާލު ހުށައެޅީ އެވެ.

ޒުއްނޫން އަށް ވެސް އޮފީސް ބިޒީކަމުން މަންމަ ކައިރިއަށް މާލެ ނާދެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ހީނާ އިންޑިޔާ އަށް ގޮސްފި ނަމަ އެންމެ އުފާވާނީ ތާނިޔާ އެވެ. ހީވާނީ އޭނާގެ ޝޮޕިން މޫސުމް އައީހެންނެވެ. ވީމާ ހީނާ އިންޑިޔާ އަށް ދިޔުމަކީ ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

"އެކަމަކު އަހަރެން އިންޑިޔާއިން މި އައީ އިހަށް ދުވަހުނު. ހީވާގޮތުން އަހަރެންގެ ސިކުނޑި ބުނަނީ އެހެން ކަމެއް ކުރަން. އަހަރެން ބޭނުންވަނީ ލަންކާ އަށް ދާން."

އުލްފަތު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ލަންކާ އާ މެދު ހީނާގެ ހިތުގައިވާ ލޯބި އުލްފަައަށް އެނގޭތީ އެވެ. ރާމިޒް އާ ކައިވެނި ކުރުމަށް ފަހު އެންމެ ފުރަތަމ ދަތުރު ވެސް އޭނާ އެޅީ ލަންކާއަށެވެ.
ރާމިޒް ލަންކާ އާ އެހާ ގަޔާ ނުވުމުގެ ސަބަބުން އޭގެ ފަހުން އެ މީހުންނަށް ލަންކާ އަށް ދިޔުމަށް ދަތުުރު ނުރޭވުނެވެ. އެއާ އެކު އޭނާ ލަންކާ އިން ގަނެފައިވާ ގެ ވެސް ވިއްކާލީއެވެ.

މިހާރު އޭގެ ފަހުން ވެސް 15 އަހަރުވީ އެވެ. އެ ގެއަކީ އޭނާގެ އެތަކެއް ހަނދާނަތަކެއް އެކުލެވިފައިވާ ގެއެކެވެ.

"އަޅުގަނޑަށް ހީވަނީ ހީނާ އަށް މި މޫސުމް ރަނގަޅު ނޫނީހެން. މެލޭޝިޔާ، ލަންޑަން އަދި ކެނަޑާގަ ވެސް ހީނާ ދަންނަ އެކުވެރިން ބައިވަރު. އެއިން ތަނެއް ވެސް ހަމަ މަޖާ ވާނެ ޖައްސާލަން."

"އަހަރެން ތިކަމާ ވިސްނާނަން .އެކަމަކު އަހަރެން ދާން ބޭނުމީ ލަންކާ އަށް." ހީނާ އިން ގޮނޑިން ތެދުވަމުން ބުނެލި އެވެ.

ހީނާއަކީ އިސްކޮޅުން ދިގު އަންހެނެކެވެ. އެކަމަކު އުލްފަތު އޭނާ އަށް ވުރެ އިސްކޮޅުން ދިގެވެ. ހީނާއަކީ ރީތި ސިފަޔާއި ހެދި ހުރި އަށިގަނޑު ރީތި އަންހެނެކެވެ.
އޭނާގެ ހަށިގަނޑުން އޭނާގެ އުމުރު ފެންނާކަށް ނެތެވެ. އަދިވެސް އޭނާގެ މޫނުމަތީގައި ޒުވާންކަމުގެ އަސަރު ފެންނާން ހުރެ އެވެ. އަދި ވެސް އޭނާގެ އިސްތަށިގަނޑުގައި ވެސް ކުރިން ހުރި ވިދުން ހުރެ އެވެ. ފަންރީތި ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އޮންނަ އިރު އަދިވެސް ހީވަނީ ޒުވާން އަންހެން ކުއްޖެއްހެންނެވެ.

އޭނާ ދެކޭ ގޮތުގައި އޭނާ ރީތި ވުމުގެ ސިއްރަކީ އޭނާ ރުޅި ނައުމެވެ. އަދި އަބަދުވެސް ހިތްހަމަޖައްސައިގެން ހުރުމެވެ. މީހާ މާ ގަދައަށް ރުޅިއައުމަކީ އަވަހަށް މުސްކުޅި ވާކަމެކެވެ. އަބަދުވެސް އޭނާ ހަޑިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އޭނާ ލޯގަނޑުގެ ކުރިމަތީ ހުރެގެން ޑާންސް ކުރެ އެވެ. މާ ގިނައިން އޭނާ މޭކަޕް ކުރާކަށް ނުޖެހެ އެވެ. އޭނާ ދެކޭ ގޮތުގައި މޭކަޕް ކުރުމަކީ ހަލާކެކެވެ. މޫނުގެ އަސްލު ގެއްލި މޫނު ހަލާކު ވާކަމެކެވެ.

އުލްފަތު ހީނާ ކައިރި އަށް ވަޒީފާ އަށް އައި އިރު ހީނާ އަށް ވާނީ 35 އަހަރެވެ. އުލްފަތު އުޅުނުހައި ގިނަ ދުވަހު އުޅުނު މުވައްޒަފެއް މިހާރު އޭނާގެ ނެތެވެ. އަދިވެސް ބުނެވޭނީ އޭނާ ފެންނަނީ އުމުރަށް ވުރެ 10 އަހަރު ހަގު ކަމުގަ އެވެ.

"އަހަރެން ލަންކާ އަށް ދާން ނިންމާނީ. މީ ކަންނޭގެ އެންމެ ރަނގަޅު ދުވަސްވަރު ވެސް." ހީނާ އޭނާގެ ކަޝްމީރީ ސުއިޓަރު އޮޅާލަމުން ބޭރަށް ނިކުންނަމުން ބުނެލި އެވެ.

"ދެން އަހަރެންގެ ފަރާތުން ބޭނުން ވަނީ ކޮން ކަމެއް؟"

"އަހަރެން ނެތިދާ ދުވަސްކޮޅު އުލްފަތު މި ފޮތުގެ ނިމިފައި މިވާ ބައި ޓައިޕްކޮށްފަ ބާއްވަންވީ."

"ޔަޤީންތާ ތިކަން ނިންމާނަން." އުލްފަތު ވަގުތުން ބުންޏެވެ.

"އަހަރެން މި ފަހަރު ލަންކާ އަށް ގޮސް ހޯދާނީ ބަދިގެ އަށް ބޭނުންވާ ސާމާނުކޮޅެއް. ހީވާ ގޮތުން މިގޭ ބަދިގެ މުޅިން އާކޮށްލަންވިތާ މާގިނަ ދުވަސް ވެސް ވެއްޖެ."

"އަސްލުގަ އެތަކެތި އެހާ ހުތުރެއް ނޫން. މިޒަމާނުގަ ރަނގަޅީ ތަންކޮޅެއް އެންޓިކް އެއްޗެތި."

"އުލްފަތު ބަލާބަލަ ބަދިގޭގަ އެހެރަ މޫނު ބަލާ ލޯގަނޑު. ހީވަނީ ޒަމާންތަކެއްވެފަ ކަޅުވެފަ ހުރިހެން. އެ ލޯގަނޑުން މޫނު ބެލީމާ ހީވަނީ އަހަރެންގެ މޫނުގަ ވެސް މާ ރޫ ގިނަހެން." ހެމުން ހީނާ ބުނެލި އެވެ.

"އަސްލު ރޫ ގިނައީ އަހަރަނެގެ މޫނުގައޭ." އުލްފަތު އޭނާގެ އަމިއްލަ މޫނުގައި ފިރރުމާލަމުން ބުންޏެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.