އަންނަ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ލައިޓިން ހަރުކުރަން ސާވޭ ކުރުމަށް ސްރީލަންކާގެ ޓީމެއް މިއަދު އައްޑު އަށް ޒިޔާރަތްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޭޑިއަމްގެ ލައިޓުތައް ހަރުކުރުމަށް ހަދަން ޖެހޭ ސާވޭ ހެދުމަށް މިއަދު ހެނދުނު މާލެއިން އައި ޓީމާއި އެކު ޔޫތު މިނިސްޓްރީގެ ވަފުދެއްވެސް ވަނީ ބައިވެރިވެފައެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމްގައި ލައިޓް ޖެހުމަށް ލަންކާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމް ނިންމުމުގެ މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށްދާ ކަމަށާއި، މިމަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް އަމީން ކޮންސްޓަރަކްޝަނުން ބުނެފައިވާކަމަށެވެ.
މަލީހް މިގޮތަށް ވިދާޅުުވިއިރު އަމީންއިން ކުރިން ބުނެފައިވަނީ މިއަދުގެ ނިޔަލަށް މަސައްކަތް ނިންމައި ހަވާލުކުރާނެކަމަށެވެ. ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މިހާރު ކުރަމުންދަނީ މަސައްކަތް ކުރުމަށް ބޭނުންކުރި ސާމާން ނަގައި ސާފު ކުރުމާއި، ކުލަލުމުގެ މަސައްކަތެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ކުރި އަމީން ކޮންސްޓަރަކްޝަނުންގެ މަަސައްކަތާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން އެންމެ ބޮޑު ފާޑު ކިއުމަށް އަމާޒްވެފައިވަނީ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސްގެ ފެންވަރާއި މެދުއެވެ.