Last Updated: November 24, 13:03
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (69)

(އެޕްރީލް 26، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މުޒާހަރާގެ އަހަރު 2006

ޖެނުއަރީ 24، 2006 ގައި މިނިވަން ބަހުސްގައި އެއްވަމުން ދިޔަ އާންމު އެއްވުންތަކާއި ސިލްސިލާ ބައްދަލުވުންތައް 2006 ގެ ކުރިލާ ހެދި ފޯދެމުން ދިޔަ އެވެ. އޭގެ މޫތައް މާލޭގެ މަގުތަކުން ގޮސް ލޮނުޒިޔާރަތްކޮޅާއި ޖުމްހޫރީ މައިދާނުގެ ބިމަށް ފެތުރިގެން ދިޔަ އެވެ.
ކަނޑުތައް ހުރަސްކޮށް އަތޮޅުތަކަށް ފޯރީ ދާދި އަވަހަށެވެ. ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި 26 ވަނަ މާއްދާ އިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިންނެވެ. އެ މިނިވަންކަމުގެ ރޫހުގައި ދިވެހިންގެ ގިނަ ބަޔަކު ސަރުކާރަށާއި ވެރިންނަށް ފާޑު ކިއުމަށް މި ލިބުނު ފުރުސަތު ބޭނުން ހިފަމުން ދިޔަ އެވެ.
ވެރިންނާ ދެކޮޅަށް ބަސް ބުނުމުގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިންނެވެ. އެފަދަ ކޮންމެ އެއްވުމަކާއި މުޒާހަރާއަކާ ގުޅިގެން އެތައް ބަޔަކު ހައްޔަރު ކުރަމުން ދަނިކޮށެވެ. އެމްޑީޕީގެ ޗެއާޕާސަން ނަޝީދާއި އެ ޕާޓީ އަށް ނިސްބަތްވާ އެތައް ސިޔާސީ ބޭފުޅުންނާއި އެކްޓިވިސްޓުން ވަނީ ހައްޔަރު ކުރައްވައިފަ އެވެ.

މި މީސްމީހުންގެ މައްޗަށް ޝަރީއަތް ހިންގައި، އަދަބު ލިބެމުން ދިޔަ އަނިޔާވެރި މަންޒަރުތައް ބައިސްކޯފް ފީތާއެއްހެން ނިއުޅެމުން ދިޔަ އެވެ. މާލެ އާއި އަތޮޅުތަކުން ހައްޔަރު ކުރެވެމުން ދިޔަ ގައިދީންނަށް އިންސާފު ހޯދައި ދިނުމަށް އެމްޑީޕީގެ ލޯޔަރުން ހިލޭ ސާބަހަށް އެކޮށް ދެއްވި ހިދުމަތަކީ ޑިމޮކްރަސީގެ ހައްގުގައި ކުރެވުނު އެންމެ އަގު ބޮޑު މަސައްކަތެވެ.

މުޒާހަރާ އަށް ކުރިމަތިލައިގެން ބެރިކޭޑްގެ ފަހަތުގައި ޝީލްޑާއި މުގުރު ހިފައިގެން ތިބި ފުލުހުންގެ ސަފުތައް މެދުކެނޑުމެއް ނެތި ކުރި އިންޒާރުތަކާއި ޖެހި ޕެޕަ ސްޕްރޭ އާއި ކަރުނަ ގޭހަކުން ގުޑާ ވަރަށް ވުރެ މިނިވަންކަމުގެ ރޫހު ވަރުގަދަވަމުން ދިޔަ އެވެ.
މުޒާހަރާތަކުގެ ތެރެއިން ދެ އަތް ފުރަގަހަށް ލައި ބިޑި އަޅުވައިގެން ބިންމަތީ ދަމައިގެން ގެންދިޔަ މީހުންނަށް ލިބޭ އަނިޔާއެއް ލިބެމުން ދިޔަ އެވެ. މުޒާހަރާތައް ދިޔައީ ކުރިއަށެވެ.

ރައީސް މައުމޫނުގެ ސަރުކާރަށް ފާޑު ކިޔަމުން ދިޔަ މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔައީ އިސްލާހަށް ގޮވާ މީހުން ކަމަށް ރައްޔިތުން ބަލައި ގަންނަމުން ދިޔަ އެވެ.

ނަމަވެސް ސަރުކާރުގެ މީޑިއާ އިން މި މަންޒަރުތައް ސިފަކޮށް ދިން ގޮތް ގަބޫލް ކުރި މީހުންގެ ނަޒަރުގައި އެއީ އިސްލާހުގެ ނަމުގައި މަގުމަތީގެ އަމާންކަން ނަގާލި މީހުންނެވެ. ސިޔާސީ އޮއިވަރުގައި ޖެހި ނުބައި ބައެއް އުފެދި، މީހުންގެ ވިސްނުން ދެބައިވީ އެވެ. އެއީ ދެ ފިކުރުގެ މީހުންނެވެ.

އެމްޑީޕީން ދުރާލައި ރާވައިގެން ފާޅުކަން ބޮޑު ގޮތެއްގައި ބޭއްވުނު ފުރަތަމަ މުޒާހަރާ އޮތީ ޖެނުއަރީ 24، 2006 ގަ އެވެ. ސަރުކާރުން ވަނީ މި މުޒާހަރާއަކީ އައިރު ގާނޫނޯ އެއްވުމެއް ކަމުގައި ބައްލަވާނެ ކަމަށް ދަންނަވާފަ އެވެ. މި މުޒާހަރާގައި ބައިވެރި ނުވުމަށް ސަރުކާރުގެ މުވައްޒަފުންނަށް އިންޒާރު ދެއްވައިފަ އެވެ.

އައްޑު އާއި ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގައި ވެސް މި މުޒާހަރާ ވަރަށް ޖޯޝާ އެކު ކުރިއަށް ގެންދެވުނެވެ. މާލޭގެ އާޓިފިޝަލް ބީޗްގައި އޮތް މި މުޒާހަރާ ދެމިއޮތީ ހަވީރު 4:00 އިން 6:00 އަށެވެ.
މުޒާހަރާގެ ބައިވެރިން އަޑު ކެނޑުމެއް ނެތި ގޮވަމުން ދިޔައީ ޖަލު ބަންދުގައިވާ އެމްޑީޕީގެ ޗެއާޕާސަން ނަޝީދާއި އެހެނިހެން ސިޔާސީ ބޭފުޅުން ދޫކޮށްލުމަށެވެ. ރައިޓް ގިއަރުގައި ތިބި ސްޓާފޯސްގެ ފުލުހުން ފެށުނީއްސުރެ މުޒާހަރާގެ ކަންތައް ބަލަހައްޓަމުން ދިޔަ އެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.