ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އަޅުގަނޑުމެންނަށް އަބަދު ވެސް ހިތްތައް އެކަތި ގަނޑަކަށް ހަދާލާ ފަދަ މަންޒަރުތައް ފެނިގެން ދެއެވެ. މިފަހަރު ދިވެހިންގެ ހިތް ފަތަޙަކޮށްލީ ހދ. މަކުނުދޫ ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން 7 އަހަރުގެ ޝަވަން މުހައްމަދެވެ. އެއްފައިން ފުޓުބޯޅަ ކުޅެމުން ދިޔައިރު އެއްވެސް ވަރަކަށް ހިތްވަރު އެލުވައި ނުލައެވެ.
ޝަވަންގެ މި ހިތްވަރު ފާހަގަކޮށް އައްޑޫގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ މައިލޯއިން ވަނީ ޝަވަންއަށް އައްޑޫއިން ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އައްޑޫގައި ޝަވަން އާއެކު ޙައްސަ ހަރަކާތެއް ވެސް އެ ކްލަބުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުންގެ ގޮތުގައި ތިބި އަލީ އަޝްފާޤް (ދަގަނޑޭ) އާއި ޝަމްވީލް ޤާސިމް(ބޮންޑާ)އާއި އެކު ޝަވަން ވަނީ ގިނަ ތަންތަނަށް ގޮސްފައެވެ. މި ފަދަ އެއް ހަރަކާތަކީ މައިލޯއިން ގްރާސް ރޫޓް ކުދިންނާއި އެކު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތެވެ. މި ހަރަކާތުގައި ޝަވަން ވަނީ އައްޑޫގެ ފުޓުބޯޅައިގެ ކުރިމަގުގެ ކުދިންނާއި އެކު ކުޅެފައެވެ. އަދި މަޝްހޫރު ލަވަ ކިއުންތެރިޔާ ޝަލަބީވެސް ހަރަކާތުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.
އެވަގުތުވެސް ޝަވަންގެ މޫނުމަތިން އުފާވެރިކަމާއި ހިތްވަރު ފެނެއެވެ. އެއްވެސް ގޮތަކަށް ކުދިންގެ މެދުގައި ފަހަތަށް ނުޖެހެއެވެ. ދަނގަޑޭ އާއި ބޮންޑާއާއި އެކު ދަނޑުމަތިން ޝަވަން ވަނީ އޭނާގެ ހިތްވަރު ދައްކާލައި ގިނަ ބައެއް ހިތް އަތުލާފައެވެ. ޝަވަން އަކީ ބައެއް މީހުން ސިފަ ކުރާ ގޮތުގައި "ހީރޯ" އެކެވެ.
މައިލޯ ފުޓުބޯޅަ ކްލަބުން ބޭއްވި މިހަރަކާތުގެ އިތުރުން އައްޑޫގެ ތިން ސްކޫލަކަށް ޝަވަން ވަނީ ޒިޔާރަތްކޮށްފައެވެ. ހިތަދޫގެ ޝަރަފުއްދީން ސްކޫލާއި، ބިލަބޮންގް ސްކޫލުގެ އިތުރުން ފޭދޫ ސްކޫލަށް ޝަވަން ވަނީ ފުޓުބޯޅަ ދެ 'ލެޖެންޑުން' ނާއި އެކު ޒިޔާރަތް ކޮށްފައެވެ. މި ސްކޫލުތަކުން ޝަވަންގެ ހިތްވަރު ފާހަގަކޮށް ޝަވަންގެ ފަރާތުން ދަރިވަރުން 'އިންސްޕަޔަރ' ވާނެ އެތަށް ކަމެއް ފެނިފައިވާ ކަމަށް ބުނެއެވެ.
ޝަވަންގެ އައްޑޫއަށް ކުރާ ދަތުރުގައި އައްޑޫގެ ބައެއް މުޢައްސަސާތަކަށް ޒިޔާރަތްކުރުމުގެ އިތުރުން، އައްޑޫގައި މިއަދު ހަވީރު ކުޅޭ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ބައިވެރިވާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން މައިލޯއިން ޝަވަންއަށްޓަކައި އިންތިޒާމު ކުރާ ފަންޑްރެއިޒިންގް ވެސް ކުރިއަށްދާނެ ކަމަށް މައިލޯއިން ބުނެއެވެ.
ދިވެހިން އަބަދުވެސް ގުޅުވައިދޭ އެކަށްޗަކީ ދިވެހި ފުޓުބޯޅައެވެ. މިއަދު ކުޑަ ޝަވަންއާއެކު ދިވެހި ފުޓުބޯޅަ އައިލާ މިކަން ދަނީ ސާބިތުކޮށްދެމުންނެވެ. އައްޑޫގައި ޝަވަން ދަނީ ކުދިންނަށް 'އިންސްޕަޔަރ' ކޮށްދެމުންނެވެ.
ޝަވަންގެ މި ހިތްވަރުން މުޅި އައްޑޫއަށް މިވަނީ އުފާވެރިކަން ގެނެސްދީފައެވެ. އައްޑޫއަށް ނިސްބަތްވާ މަޝްހޫރު ދެ ފުޓުބޯޅަ ކުޅުންތެރިން ވަނީ ޝަވަންގެ ހިތްވަރަށް ސާބަސްދީ ސެލިއުޓު ކޮށްފައެވެ. މިއީ ހަމަގައިމުވެސް މައިލޯ ކްލަބުން ކުރަމުންދާ ޝުކުރު ހައްޤު މަސައްކަތެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބުނު ތައުރީފާއެކު އޭނާ އަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައި އެކަމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.
ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ފަސް ނުޖެހި ބައިވެރިވަމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.